އިނގިރޭސި ފުޓުބޯޅައިގެވެސް އަދި އެގައުމުގެ ފުޓުބޯޅައިގެ ގަދަބާރު މެންޗަސްޓަރ ސިޓީގެވެސް ލެޖެންޑް ކޮލިން ބެލް މަރުވެއްޖެއެވެ.

ބެލް މަރުވިކަން ހާމަކޮށް މެންޗަސްޓަރ ސިޓީއިން ބުނެފައިވަނީ އުމުރުން 74 އަހަރުގައި ބެލް މަރުވެފައިވަނީ މަދު ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު އިއްުޔެގެ ވަގުތެއްގައި ކަމަށެވެ.

އަދި އޭނާ ސިޓީއަށް ފުޓުބޯޅައިގައި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ނުކުރެވޭނެ ކަމަށާއި ގެއްލިގެން އެދިޔައީ ސިޓީގެ ތާރީހުގައި ރަން އަކުރުން ފެވިފައިވާ ފަރާތެއް ކަމަށް ސިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބެލް މަރުވުމުގެ ހިތާމައިގައި އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި އިސްވެރިން ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންދާއިރު ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ބުނީ ބެލްގެ އެޖެންޓާއި ކުރީގެ ޓީމް މޭޓުންނާއި ދިމާވުމުގެ ނަސީބު ލިބިފައިވާ ކަމަށާއި، އެފަރާތްތަކުގެ ވާހަކައިން ބެލް އަކީ އަބަދުވެސް މީހުންނާއި ގުޅޭ، ޓީމުގެ ހުރިހާ މެމްބަރުންނާއި ސަޕޯޓަރުންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާގެ މަރުގެ ހަބަރަކީ ޓީމާއި ކުޑަކޮށްވެސް ގުޅިފައިވާ މީހެއްގެ ހިތަށް ކެތްނުވާނެހާ ހިތާމަވެރި ހަބަރެއް ކަމަށާއި، ކިތަންމެ ދުވަހެއް ހޭދަވި ކަމުގައި ވީނަމަވެސް އޭނާގެ ހިދުމަތުގެ ހަނދާންތައް ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.

1966 ވަނަ އަހަރުން ފެށިގެން 1979 ވަނަ އަހަރުގެ ނިޔަލަށް ބެލް ވަނީ ޖުމްލަ 501 މެޗު ކުޅެދީފައެވެ. އަދި މިމުއްދަތުގައި މިޑްފީލްޑަރެއްގެ ގޮތުގައި ކުޅެ އޭނާ ވަނީ އެޓީމަށް ޖުމްލަ 153 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

މީގެ އިތުރުން އޭނާ ވަނީ އިނގިރޭސި ވިލާތުގެ ގައުމީ ޓީމަށް 48 މެޗު ކުޅެދީފައެވެ. އަދި 1970 ވަނަ އަހަރު އެޓީމުގެ ވޯލްޑް ކަޕް ޓީމަށްވެސް އޭނާ ކުޅެދީފައި ވެއެވެ.

13 އަހަރު ސިޓީގެ ޖާޒީގައި ބެލް ކުޅެފައިވާއިރު އޭނާވަނީ އެޓީމާއިއެކު ފުރަތަމަ ޑިވިޝަނުގެ ތަށި ދެފަހަރަށް ހޯދާ އެފްއޭ ކަޕާއި، ލީގް ކަޕް އަދި ކަޕް ވިނާސް ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އަދި އެޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވުމުގައިވެސް ބެލް ވަނީ އިސްދައުރެއް އަދާކޮށްފައެވެ.

ބެލްގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މެންޗަސްޓަރ ސިޓީގެ އެތިހާދް ސްޓޭޑިއަމުގެ ސްޓޭންޑެއް އޭނާގެ ނަމުން ނަންދެވިފައި ހުރެއެވެ.