ދުނިޔޭގެ ފުޓުބޯޅައިގެ ތަރިން އަންނަން ބޭނުން ކަމުގައިވާ ނަމަ އެ ފުރުސަތު އެބައޮތް ކަމަށް ފްރާންސްގެ ގަދަ ބާރު އަދި ދުނިޔޭގެ އެންމެ މުއްސަނދި އެއް ފުޓުބޯޅަ ކުލަބު ކަމަށްވާ ޕީއެސްޖީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ޕޮޗެޓީނޯ މިހެން ބުނެފައިވަނީ ޕީއެސްޖީގެ ކޯޗު ކަމާއި އޭނާ ހަވާލުވިފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީއެސްޖީއަށް ދުނިޔޭގެ ފުޓުބޯޅައިގައި ދެވަނަ އެއް ނުވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގެނައުމުގެ މަސައްކަތް ކިހާ ހިސާބަކަށް ގޮއްސިތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެޔަށް ރައްދު ދެމުންނެވެ.

ޕޮޗެޓީނޯ ބުނީ މެސީގެ އިތުރުން އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމްގައި އޭނާގެ އިރުޝާދުގެ ދަށުން ކުޅެމުން އައި އެރިކްސަން އާއި ޑެލެ އަލީ ގެނައުމަށް ޕީއެސްޖީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެކި ގޮތްގޮތަށް މީޑިއާ ތަކުގައި ހަބަރު ފަތުރަމުންދާކަން އިނގޭ ކަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅުންހުރި އެއްވެސް ފަރާތަކުން މިކަން ހާމަކޮށްފައި ނުވާކަމަށާއި މީހުންގެ "ރޫމާސް" އަށް ޖަވާބުދޭން ބޭނުން ނުވާކަމަށެވެ. އަދި ފުޓުބޯޅައިގެ ތަރިންގެ ލިސްޓުގައި މިހިމެނޭ ކޮންމެ ކުޅުންތެރިއަކުވެސް ޕީއެސްޖީއަށް އަންނަން ބޭނުންވެއްޖެ ކަމުގައި ވާނަމަ އުފަލާއެކު އެކުޅުންތެރިއަކަށް މަރުހަބާ ކިޔާނެ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.

މެސީގެ ޓްރާންސްފަރ އާއި ގުޅުންހުރި ވާހަކަ އެންމެ ބޮޑަށް ދެކެވެން ފެށީ އެންމެ ފަހުގެ ޓްރާންސްފަރ ވިންޑޯގައި އޭނާ ބާސާ ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ހިސާބުންނެވެ. މިއާއެކު އޭނާ އާއި ފުޓުބޯޅައިގައި މާލީގޮތުން ބޮޑެތި ކުލަބު ތަކާއި ގުޅުވައިގެން ދެކެވޭ އެކި ވާހަކަތައް ބޭރުގެ ކުޅިވަރު މީޑިއާ ތަކުގައި ދަނީ ފެތުރެމުންނެވެ. އެހެންނަމަވެސް އިނގިރޭސި ވިލާތުގެ މެންޗަސްޓަރ ސިޓީއިން ވަނީ މެސީގެ ސޮއެ ހޯދުމަށް އެޓީމުން ހުރިހާ ގޮތަކުން ތައްޔާރު ވަމުން ދާކަން ހާމަކޮށްފައެވެ. އަދި ޕީއެސްޖީގެ ބައެއް އޮފިޝަލުންވެސް ވަނީ މެސީ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ.

ޕޮޗެޓީނޯ ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވީ މިމަހުގެ ދެވަނަ ދުވަހުއެވެ. އޭނާ މަގާމާއި ހަވާލުވީ އެޓީމުގެ އެންމެ ފަހުގެ ކޯޗު ތޯމަސް ޓުޗޭލް މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.