ބާސާ އަދި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ސަބަބުން މެންޗަސްޓަރ ސިޓީއިން އެޓީމުގެ ތަރި ކެވިން ޑި ބްރޭނާ އާއިއެކު އާކުރަން ނިންމާފައިވާ އެއްބަސްވުމަށް މައްސަލަތަކެއް ކުރިމަތިވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މިއަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މެސީ ބާސާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާގެ ސޮއެ ހޯދުމަށް ސިޓީއިން ބޮޑު ހަރަދެއް ކުރަން ނިންމާފައިވާ ކަމަށާއި މިކަމުގެ ސަބަބުން ޑި ބްރޭނާގެ އިތުރުން އެހެން ބައެއް ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އެކުލަބުން ވަނީ ނިންމާފައެވެ.

ސިޓީއިން ޑި ބްރޭނާ ބޭނުންވާ ގޮތަށް އޭނާއަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ހުށަހަޅާފައިވީ ނަމަވެސް އޭނާ ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހަދަނީ އައު އެއްބަސްވުމުގައި ވާގޮތުން މިހާރު ލިބޭ މުސާރައަށްވުރެ ކުޑަ މުސާރައެއް އޭނާއަށް ހުށަހަޅާފައި ވާތީއެވެ.

އިނގިރޭސި ވިލާތުގެ "ދިި އެތްލެޓިކް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިނިންމުން ސިޓީއިން ނިންމާފައިވަނީ މެސީގެ މުސާރައަށް ބޭނުންވާ ފަންޑު ހޯދުމުގެ ގޮތުންނެވެ. ސިޓީގެ މިނިންމުމުގެ ސަބަބުން ފުޓުބޯޅައިގެ ގިނަ މާހިރުންތަކެއްގެ ފާޑުކިޔުން ޓީމަށާއި އެޓީމުގެ ކޯޗަށް ވަނީ އަމާޒުވެފައެވެ. އެގޮތުން އިނގިރޭސި ވިލާތުގެ މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓެއް ކަމުގައިވާ ސޭމް ލީ ބުނީ ސިޓީއިން އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވަރަށް ބޮޑަށް އުނދަގޫކޮށް ފުރައްސާރަ ކޮށްފައިވާ ކަމަށެވެ. މިފުރައްސާރަ އަކީ ޑި ބްރޭނާއަށް އެކަށީގެންވާ ވަރަށްވުރެ މާ ކުޑަ މުސާރައެއް ހުށަހެޅުން ކަމަށާއި މިވަގުތުގެ ފޯމަށް ބަލާފައި މެސީއަށްޓަކާ ޑި ބްރޭނާ ގުރުބާން ކުރުން އެއީ އެންމެ ރަނގަޅު ނިންމުން ނޫން ކަމަށް ސޭމް ވަނީ ބުނެފައެވެ.

އެހެންނަމަވެސް މިހުރިހާ މައްސަތަކާއި އެކުވެސް ގިނަ ފަރާތްތަކުން ގަބޫލްކުރާ ގޮތުގައި ޑި ބްރޭނާ އެންމެ ފަހުވަގުތު ކަމުގައި ވީނަމަވެސް ސިޓީގެ ހުށަހެޅުމަށް އެއްބަސްވާނެއެވެ. ކުޅުންތެރިންގެ މުސާރަ ކުޑަ ކުރުމުގެ މައްސަލަތަކެއް ސިޓީގައި ފެންމަތިވެފައި ވާއިރު މީގެ ކުރިން އެޓީމުގެ ޗެއާމަން ވަނީ މެސީ ގެނައުމަށް އެޓީމުން ހުރިހާ ގޮތަކުން ތައްޔާރުވަމުން ދާކަމަށް ބުނެފައެވެ.