އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގައި ވާދަވެރި މެންޗަސްޓަރ ޔުނައިޓެޑް ބަލިކޮށް މެންޗަސްޓަރ ސިޓީއިން މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފަހު ހާފު ޑޮމިނޭޓުކުރި ސިޓީއިން މެޗު ކާމިޔާބު ކުރީ 0-2 ގެ ނަތީޖާ އަކުންނެވެ.

ރަނގަޅު ފުރުސަތުތަކެއް ދެޓީމުގެ ފަރާތުންވެސް ތަނަވަސް ކުރި ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.

މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު މުޅި ދެވަނަ ހާފުގައިވެސް ވަރުގަދައަށް ކުޅުނު ސިޓީއިން ކާމިޔާބު ކުރީ މިހާފުގެ 5 ވަނަ މިނެޓުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ޖޯން ސްޓޯންސް އެވެ.

މިލަނޑުގެ ކުރިން ސްޓޯންސް އަތުން ބައިކޮޅަށްވެސް ވަނީ ލަނޑެއް ވަދެފައެވެ. އެހެންނަމަވެސް ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފޯޑް އޮފްސައިޑުގައި ހުރުމާއި ގުޅިގެން ރެފްރީ ވަނީ މިލަނޑު ބަލައިނުގަންނަން ނިންމާފައެވެ.

ސިޓީގެ ދެވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ފެރްނާންޑީނިއޯ އެވެ. މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރު ކޮށްފައިވާއިރު މިއީ އެޓީމު ޖެހިޖެހިގެން މިމުބާރާތުގެ ފައިނަލުގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. ފާއިތުވީ ތިން އަހަރުވެސް އެޓީމުން ވަނީ ފައިނަލުން މޮޅުވެ މުބާރާތް ކާމިޔާބު ކޮށްފައެވެ.

މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ޓޮޓެންހަމް ހޮޓްސްޕަރ އެވެ. އެޓީމު ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ބްރެންޓްފޯޑްގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ. މިމުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މިއަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.