ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޮސްގެ ސޮއެ ހޯދުމަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލް އިން ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ކުޅިވަރު ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

ރާމޮސްވެސް އަދި ލިވަޕޫލް އިންވެސް މިކަމާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު ބައެއް ނޫސްތަކުން ބުނާގޮތުގައި ލިވަޕޫލް އަށް ދިމާވެފައިވާ އަނިޔާގެ ގިނަ މައްސަލަތަކާއި ގުޅިގެން ހާއްސަ ގޮތެއްގައި އެޓީމުގެ އެންމެ މުހިންމު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ސީރިއަސް އަނިޔާއެއްވެ ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ހުންނަން ޖެހިފައިވާތީ، ތަޖުރިބާހުރި މޮޅު ޑިފެންޑަރަކު ހޯދުމަށް އެޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތުން މިވަގުތު ލިވަޕޫލްގެ އެންމެ ބޮޑު ޓާގެޓަކަށް ވެފައިވަނީ މިއަހަރުގެ ހޫނު މޫސުމަށް ރެއާލް މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ އެޓީމުގެ އެންމެ އިތުބާރު ޑިފެންޑަރު ސާޖިއޯ ރާމޮސް ކަމަށް މި ރިޕޯޓް ތަކުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް މި އަޑުތަށް ފެތުރެން ފެށުމާއި އެކު ލިވަޕޫލްގެ ބައެއް ސަޕޯޓަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ. ސަބަބަކީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލްގެ އެންމެ މުހިންމު ކުޅުންތެރިޔާ މިސްރުގެ ތަރި މުހައްމަދު ސަލާހަށް ވީ ސީރިއަސް އަނިޔާގެ ފަހަތުގައި ހުރީ ރާމޮސް ކަމުގައި ވުމުންނެވެ. މި ސަޕޯޓަރުން ގަބޫލް ކުރާ ގޮތުގައި އެ އަހަރުގެ ޗެމްޕިއަންސް ލީގް ލިވަޕޫލް އަށް ކާމިޔާބު ނުވުމުގެ އަސްލަކީ ރާމޮސް ސަލާހަށް ކުރި ނުރައްކާތެރި ފައުލް އެވެ.

ލިވަޕޫލް އިން ރާމޮސް ގެނައުމަށް މަސައްކަތް ކުރާކަމުގެ އަޑުތަކެއް ފެތުރިފައި ވާއިރު ރާމޮސް ވަނީ ރެއާލް މެޑްރިޑުން އެންމެ ފަހުން އޭނާއަށް ހުށަހެޅި ކޮންޓްރެކްޓަށް އެއްބަސް ނުވުމަށް ނިންމާފައެވެ.

އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ރެއާލް އިން ރާމޮސް އަށް ހުށަހަޅާފައިވާ މުސާރައާއި އޭނާއާއި އެކު ހަދާ އައު ކޮންޓްރެކްޓްގެ މުއްދަތު ކުރުވުމާއި ގުޅިގެންނެވެ. ރެއާލް އިން ހުށަހެޅި އައު ކޮންޓްރެކްޓްގައި މިހާރަށްވުރެވެސް ރާމޮސްގެ މުސާރަ ކުޑަކުރަން ނިންމާފައި ވާއިރު އޭނާގެ އެއްބަސްވުން އިތުރުކުރަން ރެއާލް އިން ބޭނުންވަނީ އިތުރު އެއް އަހަރަށެވެ. އެހެންނަމަވެސް ރާމޮސް ބޭނުންވަނީ މިހާރު ހުރި މުސާރައިގައި އިތުރު ދެ އަހަރު އެކުލަބުގައި މަޑުކުރުމަށެވެ.

އިތުރު ބައްދަލުވުމެއް ތާވަލު ކުރެވިފައި ނުވާއިރު މިހާރު ރާމޮސްއަށް އޭނާ ބޭނުން ކުލަބަކާއި އެކު ޓްރާންސްފަރ މަޝްވަރާތައް ފެށުމުގެ ރަސްމީ ހައިސިއްޔަތު ލިބިފައި ވާއިރު އެއްބަސްވުމަކާއި ހަމައަށް ނާދެވިއްޖެ ކަމުގައި ވާނަމަ ޓްްރާންސްފަރ ވިންޑޯގައި އޭނާ އިތުރު ކުލަބަކަށް ބަދަލުވާނީ ހިލޭ ޓްރާންސްފަރ ފީއެއްގައެވެ.

މަޝްހޫރު ގިނަ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރާމޮސް އާއިއެކު ރެއާލް އަށް އެއްބަސްވުމަކާއި ހަމައަށް ނާދެވިއްޖެ ކަމުގައިވާނަމަ އޭނާ ދިޔުން އެންމެ ގާތީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށެވެ. ސްޕެއިންގެ ބައެއް މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާރުވެސް ޕީއެސްޖީ އިން ދަނީ ރާމޮސް އާއިއެކު މަޝްވަރާތައް ކުރަމުންނެވެ.