އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޑާބީ ކައުންޓީގެ ކޯޗުކަމާ ހަވާލުވުމާ ގާތަށް ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ޖެހިލައިފިއެވެ.

ޑާބީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ގެރީ ރޮވެޓް ސްޓޯކް ސިޓީ އަށް ބަދަލުވުމާ ގުޅިގެންނެވެ.

ޑާބީގެ ކޯޗުކަމަށް ލަމްޕާޑް ގެނައުމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެފައިވާއިރު "ސްކައި ސްޕޯޓްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކްލަބުގެ ކޯޗުކަމުގެ މަގާމާ ހަވާލުވުމާ ގާތަށް ލަމްޕާޑް މިހާރު ވަނީ ޖެހިލާފައެވެ.

ޑާބީގެ ކޯޗުކަމާ ހަވާލުވުމާ ގާތަށް ލަމްޕާޑް ޖެހިލާފައިވާއިރު އޭނާގެ ކޯޗިންގެ ސްޓާފުންގެ ތެރޭގައި ޗެލްސީގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗު ޖޯޑީ މޮރިސް ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ޑާބީގެ ކޯޗަކަށް ލަމްޕާޑް ހަމަޖައްސައިފިނަމަ އެއީ އޭނާ ކޯޗިންގެ ދާއިރާގައި ކުރާ ފުރަތަމަ ތަޖުރިބާއަށް ވާނެއެވެ.

އިނގިރޭސި ގައުމީ ޓީމަށް 109 މެޗު ކުޅެދީފައިވާ ލަމްޕާޑް ވަނީ ޗެލްސީ އަށް ކުޅުނު ދުވަސްވަރު ގިނަ ކާމިޔާބީތަކެއް އެ ކްލަބާއެކު ހޯދާފައެވެ. އޭގެތެރޭގައި ޕްރިމިއަރ ލީގު ތިން ފަހަރު، އެފްއޭކަޕް ހަތަރު ފަހަރު، އިނގިރޭސި ލީގު ކަޕް ދެ ފަހަރު އަދި ޗެމްޕިއަންސް ލީގަކާއި ޔޫރޮޕާ ލީގެއް ހިމެނެއެވެ