ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހުގެ ކޮނޑަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާ ތިނެއް ނޫނީ ހަތަރު ހަފްތާ އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލިވަޕޫލްގެ ފިޒިއޮތެރަޕިސްޓު ރުބެން ޕޮންސް ބުނެފިއެވެ.

ސަލާހުގެ ކޮނޑަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ބައްދަލުކޮށް 1-3 އިން ލިވަޕޫލް ބަލިވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި ސަލާހު އަށް އަނިޔާވެފައިވަނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލަކާ ގުޅިގެންނެވެ.

މި އަނިޔާއާ ގުޅިގެން އިތުރު ފަރުވާ އަށް ސަލާހު ސްޕެއިން އަށް ގޮސްފައިވާއިރު ޕޮންސް ބުނީ ސަލާހު ބިންމައްޗަށް ވެއްޓުމާއެކު އެއީ ސީރިއަސް ކަމެއްކަން އެނގުނު ކަމަށާއި ނަމަވެސް އޭރު ސަލާހު އެއްވެސް ވަރަކަށް ޝަކުވާ ނުކުރާ ކަމަށެވެ.

"އެކަމަކު ފަހުން ސަލާހު ހުރީ ވަރަށް ދެރަވެފަ. ސަލާހު ހަމަޔަކަށް އަޅުވަން އަހަރެން ވަރަށް މަސައްކަތް ވެސް ކުރިން. އެކަމާ މާބޮޑަށް ނުވިސްނުމަށާއި ބޭނުންވި ގޮތަށް ކަންތައްތައް ނުވުމުން އެކަމާ ހިތާމަނުކުރުމަށް އަހަރެން ސަލާހު ގާތު ބުނިން" ޕޮންސް ބުންޏެވެ.

ސަލާހު އަށް ލިބުނު އަނިޔާ އެނގުމާއެކު ފަރުވާގެ ކަންކަން ފެށި ކަމަށާއި ސަލާހުގެ ހުރިހާ ވެސް ވިސްނުމެއް މިހާރު ހުރީ އަނިޔާ އިން ރަނގަޅުވުމަށް ކަމަށްވެސް ޕޮންސް ބުންޏެވެ.

"މިފަދަ އަނިޔާތަކުން ރަނގަޅުވާން އާއްމުކޮށް ނަގާނެ ތިން ހަތަރު ހަފްތާ ވަރު. އަހަރެން މި މަސައްކަތް ކުރަނީ އެއަށްވުރެ ވެސް އަވަހަށް ސަލާހު ރަނގަޅު ކުރުމަށް. އެއީ އަހަރުމެންގެ މައިގަނޑު އަމާޒަކީ" ޕޮންސް ބުންޏެވެ.

އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ފިޓުވުމަށް ސަލާހު މަސައްކަތް ކުރަމުން އަންނައިރު އޭނާ އަކީ އެ މުބާރާތަށް މިސްރު ކޮލިފައިކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ.

ވޯލްޑް ކަޕްގައި މިސްރު ލައްވާލާފައިވަނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އުރުގުއޭ އާއި ސައުދީ އަރަބިއްޔާގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިޔާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ވަނަ ދުވަހު މިސްރު ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.