އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެމެރިކާގެ އެކި ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭ ގޮތް އިއުލާންކޮށް، ނަތީޖާތަކުގެ ޤާނޫނީ ސައްހަކަން އިއުލާން ކުރަން ބޭއްވި ޖަލްސާ އާއި ދިމާކޮށް ވެރިރަށް ވޮޝިންޓަން ޑީސީގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ރެއާލް މެޑްރިޑް އަދި ސްޕެއިންގެ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް އާއި ވައްތަރު މީހެއް ފެނިއްޖެއެވެ.

މި މީހާ ފެނިގެން ގޮސްފައިވަނީ މުޒާހަރާގެ ތެރެއިން އެމެރިކާގެ މީޑިއާއެއް ކަމުގައިވާ "ޔޫއެސް ޓީވީ" އިން ނަގަމުންދިޔަ އިންޓަވިއު ތަކެއްގެ ތެރެއިންނެވެ. މިމީހާގެ ފޮޓޯ މީސްމީޑިއާގައި ދައުރުވާން ފަށާފައިވަނީ މުޒާހަރާގެ މަންޒަރުތައް ބަލަމުންދިޔަ ބެލުންތެރިއަކަށް ރާމޮސް އާއި ވައްތަރު މީހާ ފެނުމުން ފޮޓޯ ނަގާ ޓުވިޓާގައި އާންމުކުރި ހިސާބުންނެވެ.

ޖޯޖް ސެގޫރާ ނަމަކަށް ކިޔާ މިމީހާ ކުރި ޓުވީޓުގައި މި ފޮޓޯ އެޓޭޗް ކުރުމަށްފަހު މަޖާޒީ ގޮތަކަށް ބުނެފައިވަނީ ރެއާލް އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމުގެ މައްސަލަ މިހާރު އަތުނުވާ ހިސާބަށް ދިޔައީ ކަމަށެވެ.

ޖޯޖް ސެގޫރާ ކޮށްފައިވާ ޓުވީޓް

މުޒާހަރާ ތެރެއިން ރާމޮސް އާއި ވައްތަރު މީހެއް ފެނިފައިވީނަމަވެސް ރާމޮސް މިވަގުތު ހުރީ ރެއާލް މެޑްރިޑުގައެވެ. އޭނާވަނީ ރެއާލްގެ ފަރިތަކުރުން ތަކުގައި ބައިވެރިވެ ވީޑިއޯއެއްވެސް މީސްމީޑިއާގައި އާންމު ކޮށްފައެވެ.

ރެއާލް މެޑްރިޑުން އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް އަށް ހުށަހެޅި އައު ކޮންޓްރެކްޓަށް ނޫނެކޭ ބުނެފައިވާ ކަމަށް ސްޕެއިންގެ ކުޅިވަރު މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ރެއާލް މެޑްރިޑާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެޓީމުގެ އެންމެ މުހިންމު އަދި އެންމެ އިތުބާރު ޑިފެންޑަރު ރާމޯސް އެޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯ އަށް ހަމަވާއިރު ތަކުރާރުކޮށް ކުލަބުގެ އިސްވެރިންނާއި ރާމޮސް އާއި ދެމެދު ބޭއްވުނު ބައްދަލުވުންތަކުން ދެފަރާތް ބޭނުންވާ ގޮތަކަށް އެއްބަސް ވެވިފައެއް ނުވެއެވެ.

އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ރެއާލް އިން ރާމޮސް އަށް ހުށަހަޅާފައިވާ މުސާރައާއި އޭނާއާއި އެކު ހަދާ އައު ކޮންޓްރެކްޓްގެ މުއްދަތު ކުރުވުމާއި ގުޅިގެންނެވެ. ރެއާލް އިން ހުށަހެޅި އައު ކޮންޓްރެކްޓްގައި މިހާރަށްވުރެވެސް ރާމޮސްގެ މުސާރަ ކުޑަކުރަން ނިންމާފައި ވާއިރު އޭނާގެ އެއްބަސްވުން އިތުރުކުރަން ރެއާލް އިން ބޭނުންވަނީ އިތުރު އެއް އަހަރަށެވެ. އެހެންނަމަވެސް ރާމޮސް ބޭނުންވަނީ މިހާރު ހުރި މުސާރައިގައި އިތުރު ދެ އަހަރު އެކުލަބުގައި މަޑުކުރުމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރާމޮސް އާއިއެކު ރެއާލް އަށް އެއްބަސްވުމަކާއި ހަމައަށް ނާދެވިއްޖެ ކަމުގައިވާނަމަ އޭނާ ދިޔުން އެންމެ ގާތީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށެވެ. ސްޕެއިންގެ ބައެއް މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާރުވެސް ޕީއެސްޖީ އިން ދަނީ ރާމޮސް އާއިއެކު މަޝްވަރާތައް ކުރަމުންނެވެ.