ފްރާންސްގެ މިޑްފީލްޑަރު މެތިއު ވެލްބުއޭނާގެ އޮރިއާން ކާޑު އުފައްދާ އޭގެ ބޭނުންހިފާ އޭނާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ރެއާލް މެޑްރިޑް އަށް ކުޅެމުން އަންނަ ފްރާންސްގެ ކުރީގެ ފޯވާޑް ކަރީމް ބެންޒީމާ ޝަރީއަތަށް ހާޒިރުވާން ޖެހޭނެ ކަމަށް ފްރާންސްގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ.

ބެންޒީމާ އާއި އަދި އިތުރު މީހަކު ގުޅިގެން މިކަން ކޮށްފައިވަނީ 2015 ވަނަ އަހަރު ފްރާންސް އިން އަރްމީނިއާ އާއި ދެކޮޅަށް ކުޅުނު މެޗެއްގެ ކުރިންކަމަށް ވެލްބުއޭނާގެ ވަކީލު ވަނީ އެތައް ފަހަރެއްގެ މަތިން މީޑިއާތަކުގައި ބުނެފައެވެ. މިކަމާއި ގުޅިގެން 2015 ވަނަ އަހަރުގައި ބެންޒީމާ ވަނީ ހައްޔަރުވެސް ކޮށްފައެވެ.

މިކަމާއި ގުޅިގެން ބެންޒީމާގެ ވަކީލް ސިލްވެއިން ކޯމިއާ ބުނީ މި މައްސަލައިގައި ބެންޒީމާ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތްކަމަށާއި ބެންޒީމާ މަސައްކަތް ކުރަމުންދިޔައީ އޭނާއާއި އެއްޓީމަކަށް ކުޅެމުން އަންނަ ކުޅުންތެރިއަކު މި ބިރުވެރި ކަމުން ސަލާމަތް ކުރުމަށް ކަމުގައެވެ. އެހެންނަމަވެސް ވެލްބުއޭނާ އާއި އޭނާގެ ވަކީލް މަސައްކަތް ކުރަމުންދަނީ މިހުރިހާ ކަމެއް އެނގިހުރެ ބެންޒީމާގެ އަބުރު ކަތިލުމަށް ކަމަށްވެސް ސިލްވެއިން ވަނީ ބުނެފައެވެ.

ބެންޒީމާވެސް ވަނީ ތަފާތު އެތައް ފަހަރެއްގެ މަތިން މި މައްސަލައާއި ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ. މީގެކުރިން ބެންޒީމާ ވަނީ އެތައް ދުވަސްތަކެއް ވަންދެން ވެލްބުއޭނާ އަންނަނީ ބެންޒީމާގެ ނަން ހަޑިކޮށް، އާއިލާ ބަދުނާމުކޮށް އޭނާއަކީ ގޯސް މީހެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށް މަސައްކަތް ކުރަމުން ކަމަށް ބުނެފައެވެ. އަދި މި ދޮގުގެ ސަބަބުން ބެންޒީމާގެ އެންމެ ގާތް އެކުވެރިޔާ ކަރީމް ޒެނާޓީ އާއި ބައްދަލުކުރުން މަނާކޮށްފައިވާތާ ދެއަހަރު ވެއްޖެ ކަމަށާއި މިކަމުގެ ސަބަބުން ކުށެއް ނެތް އެތައް ބަޔަކަށް އަސަރު ކުރަމުން އަންނަކަން ވެލްބުއޭނާ ވިސްނަން ވެއްޖެ ކަމަށް ބެންޒީމާ ވަނީ ބުނެފައެވެ. އަދި ދައްކަމުންދާ އެއްވެސް ހަގީގަތެއްނެތް ވާހަކަތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށްވެސް ބެންޒީމާ ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން 2015 ވަނަ އަހަރު ބެންޒީމާ ފްރާންސް ސްކޮޑުން ބާކީ ކޮށްފައިވާއިރު އެތައް ކޯޗުންނެއް ފްރާންސްގެ ކޯޗުގެ މަގާމާއި ހަވާލުވެފައި ވާއިރުވެސް ފާއިތުވީ 5 އަހަރު ތެރޭގައި ބެންޒީމާއަށް ފްރާންސް ޓީމުން ޖާގަ ދީފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ އަންނަނީ ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑުގައި މޮޅު ކުޅުމެއް ދައްކާ އެޓީމުން ހޯދަމުންދާ ކާމިޔާބީ ތަކުގައި އިސް ދައުރެއް އަދާކޮށްފައެވެ. ހާއްސަ ގޮތެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވިފަހުން ރެއާލްގެ ފޯވަޑް ލައިނުގައި އެންމެ އިސް ރޯލެއް އަދާކުރަނީ ބެންޒީމާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިޝޭމްޕޫ

    އަޅެ ބުނެބަލަ ފްރާންސްގެ ކޯޗުގެ މަގާމާއި ހަވާލުވި އެތައް ކޯޗުންގެ ތެރެއިން މީހެއްގެ ނަން؟ މަ މި ސަކަރާތެއް މި ޖަހަނީ 2012 އިން ފެށިގެން.