ސްޕެއިންގެ ގަދަ ބާރު ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެންޓޮއިން ގްރީޒްމަންގެ މޮޅު ކުޅުމާއި އެކު ބާސާއިން ލަލީގާގައި ގްރަނާޑާގެ މައްޗަށް ފަސޭހަ ކަމާއިއެކު ކުރިހޯދައިފިއެވެ.

މިސީޒަނުގެ ކުރީކޮޅުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ފަހަކަށް އައިސް ބާސާއިން ކުޅޭ މެޗު ތަކުގައި މެސީ ވަނީ އޭނާގެ އަސްލު ފޯމުގައި ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ދައްކާ، މެޗުތަކުން އެޓީމު މޮޅުކޮށްދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ.

އެގޮތުން ރޭ ބާސާއިން 0-4 އިން ގްރަނާޑާގެ ދަނޑުގައި އެޓީމުގެ މައްޗަށް ކުރިހޯދި އިރު މެސީ ވަނީ ދެލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އެހެންނަމަވެސް ރޭގެ މެޗުގައި ބާސާ މޮޅުވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ އެޓީމުގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. އޭނާވެސް ވަނީ މެޗުގައި ދެލަނޑު ކާމިޔާބުކޮށް އިތުރު ލަނޑެއް ޖެހުމަށް އެސިސްޓް ކޮށްދީފައެވެ.

ބާސާއިން ގްރަނާޑާގެ މައްޗަށް ކުރިހޯދި މެޗުގެ ތެރެއިން

ބާސާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ގްރީޒްމަން އެވެ. މިއީ ގްރަނާޑާގެ ރޮބާޓޯ ސޮލްޑާޑޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ގްރީޒްމަން ކާމިޔާބު ކުރި ލަނޑެކެވެ. ބާސާގެ ދެވަނަ ލަނޑަކީ ގްރީޒްމަންގެ ބުރަ މަސައްކަތުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑަކީ ގްރަނާޑާގެ ޑިފެންޑަރުން ކައިރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ކާމިޔާބުކުރި ލަނޑެކެވެ.

މެސީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މިއީ ބާސާގެ ޒުވާން ކުޅުންތެރިޔާ ޕެޑްރީ އަށް ގްރަނާޑާގެ ޔާން ބްރައިސް އެޓެކީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެސީ ކާމިޔާބުކުރި ހިތްގައިމު ރީތި ލަނޑެކެވެ.

މިއާއެކު ފާއިތުވީ ދެމެޗުން މެސީ ވަނީ ޖުމްލަ ހަތަރު ލަނޑު ކާމިޔާބުކޮށް އޭނާގެ އަސްލު ކުޅުން ދައްކާލާފައެވެ. އަދި ޖުމްލަ 11 ލަނޑާއި އެކު މެސީ އަކީ މިވަގުތު ސްޕެނިޝް ލަލީގާގެ ޓޮޕް ސްކޯރަރ އެވެ.

ބާސާގެ ހަތަރު ވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ގްރީޒްމަން ކާމިޔާބުކުރި ލަނޑެކެވެ.

މީގެއިތުރުން ރޭ ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ވަނީ ތާވަލުގެ އެންމެ ފުލުން ދެވަނައިގައި އޮތް އޮސަސޫނާ އާއި ދެކޮޅަށް ކުޅެ އެއްވަރުވެފައެވެ.

ރެއާލް އާއި އޮސަސޫނާ ބައްދަލުކުރި މެޗުގެ ތެރެއިން

އޮސަސޫސާގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ރަނގަޅު އެޓޭކް ތަކެއް ކުރަން ރެއާލް އިން މަސައްކަތް ކުރިނަމަވެސް އިދިކޮޅު ޓީމުގެ ގޯލްތެރެއަށް ބޯޅަ ވައްދާލުމަށް ރެއާލް ވަނީ ނުކުޅެދިފައެވެ.

މިނަތީޖާތަކާއި އެކު ބާސާއިން ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސާއަށް ތާވަލުގެ ތިންވަނަ ލިބެނީ ކުޅުނު 18 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި މިދެޓީމަށްވުރެ ތިންމެޗު މަދުން ކުޅެގެން އޮތީ މިސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތް އެތްލެޓިކޯ މެޑްރިޑެވެ.