އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ރައުންޑުގައި މެންޗަސްޓަރ ޔުނައިޓެޑާއި އާސެނަލް އިން މޮޅުވެއްޖެއެވެ.

ރޭ އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ކުޅުނު މެޗުން އެޓީމު ނިއުކާސަލްގެ މައްޗަށް ކުރިހޯދީ 0-2 އިންނެވެ. މުޅި މެޗުގައިވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު އާސެނަލް އިން ދެލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފުގެ ތެރޭގައެވެ.

އާސެނަލް އިން ނިއުކާސަލްގެ މައްޗަށް ކުރިހޯދި މެޗުގެ ތެރެއިން

އެޓީމުގެ ފުރަތަމަ ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ލަކަޒެޓް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކޮށްދިނީ ސްމިތް ރޯއެވެ. އާސެނަލްއިން ލީޑު ފުޅާކުރި ލަނޑަކީ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކިއެރަން ޓިއާނީގެ އެހީތެރި ކަމާއިއެކު އޮބަމަޔަންގް އެވެ.

ރޭ މެންޗަސްޓަރ ޔުނައިޓެޑުންވެސް މޮޅުވީ އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅެގެންނެވެ. ވަޓްފޯޑްގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދާފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނުމަށްފަހު ޓޮމިނޭ އުފާ ފާޅުކުރަނީ

ޔުނައިޓެޑުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައެވެ. މިލަނޑު އެލެކްސް ޓެލަސްގެ އެހީތެރި ކަމާއިއެކު ކާމިޔާބު ކޮށްދިނީ ސްކޮޓް ޓޮމިނޭއެވެ.

އެފްއޭ ކަޕުގެ ތިންވަނަ ބުރުގެ ފަހު މެޗުތައް މިއަދު ކުޅެވިގެންދާއިރު އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރުތައް ކުޅޭ މެޗުތަކެއްވެސް މިއަދު ކުޅޭނެއެވެ. އެގޮތުން މިއަދު 18:30 ގައި ޗެލްސީ އިން މޮރެކާމްބޭ އާއި ދެކޮޅަށް ނުކުންނައިރު މެންޗަސްޓަރ ސިޓީ ކުޅޭނީ ބާމިންގްހަމް އާއި ދެކޮޅަށެވެ. އަދި މިރޭ 22:30 ގައި ޓޮޓެންހަމް އާއި މެރިންގެ މެޗުވެސް ކުޅޭނެއެވެ.