ކުލަބް ވެލެންސިއާ އަތުން ޕޮއިންޓެއް ލިބުން އެއީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، ވެލެންސިއާ އަކީ މި ލީގުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށް ޓީސީގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

ޝާޒްލީ މިހެން ބުނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބް 1-1 އިން އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުންނެވެ. ޝާޒްލީ ބުނީ ކުލަބް ވެލެންސިއާ އަތުން ޕޮއިންޓެއް ލިބުނީ ކުޅުންތެރިން ކުރި ހިތްވަރުގެ ސަބަބުން ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ވެލެންސިއާ އިންނެވެ. ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ޓީސީން ނަތީޖާ ހަމަހަމަކުރި ލަނޑު ޖަހާފައިވަނީ މެޗުގެ 77 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ޓީސީގެ ބިދޭސީ ފޯވާޑް މެލްކޮމް ކޮނޭލިއަސް ސްޓެވާޓަށް ވެލެންސިއާގެ ޑިފެންޑަރު އަކުރަމް އަބްދުލް ޣަނީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އައްޒާމެވެ.

މެޗަށްފަހު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި، އެކަމަކު ޕޮއިންޓަކުންވެސް ހިތްހަމަޖެހޭ ކަމަށެވެ.

ޓީސީ އަތުން އެއްވަރުވި ނަމަވެސް ލީގު ތާވަލުގެ އެއްވަނައިގައި ވެލެންސިއާ އޮތީ 11 ޕޮއިންޓާއެކު އެވެ. އެއީ ލީގުގައި އެ ޓީމު ކުޅުނު ފަސް މެޗުންނެވެ. މި އަދަދަށް މެޗު ކުޅެގެން ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައެވެ.