(އައްޑޫ ސިޓީ، މީދޫ) ގައުމެއް ކުރިއަރައި ދިއުމުގެ އެންމެ އިސް ދައުރެއް އަދާކުރާ ބަޔަކީ އެ ގައުމެއްގެ ޒުވާނުންނެވެ. ޒުވާނުންނަށް ހާއްސަ ކަމެއް ދީގެން ގައުމުތަކުގެ ސަރުކާރުން ވަސީލަތްތައް ގާއިމްކޮށް ތަރައްގީކުރަނީ ވެސް މި ސަބަބަށްޓަކައެވެ. މުޖުތަމައުން ބާކީނުވެ އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތްތަކުގައި އެ ޒުވާނުން ބައިވެރިކޮށް އާމްދަނީ ލިބޭނެ މަގުތައް ވެސް ތަނަވަސްކުރަނީ މި ސަބަބަށްޓަކައެވެ. ރާއްޖޭގެ ސަރުކާރުތަކުން ވެސް ރަށްރަށުގައި ޒުވާނުންނަށް ބޭނުންވާނެ ވަސީލަތްތައް ކޮންމެ ވެސް ވަރަކަށް ދަނީ ގާއިމުކުރަމުންނެވެ. މާ ރަނގަޅު ޕްލޭނެއްގެ ތެރެއިން ނުކުރެވުނަސް ފުޓްސަލް ދަނޑާއި އިންޑޯ ސްޕޯޓްސް ފަދަ ވަސީލަތްތައް ގާއިމްކޮށްފައި އެބަހުއްޓެވެ.

ބައެއް ރަށްރަށުގައި އަމިއްލަ ޖަމިއްޔާތަކުންނާއި ޒުވާނުން އިސްނަގައިގެން ވެސް މި ފަދަ ވަސީލަތްތައް ގާއިމް ކޮށްފައި ހުންނަ ތަން ފެނުމަކީ ގައުމުގެ މުސްގަތްބަލަށް ފެންނަ ރަނގަޅު ފާލެކެވެ. ހާއްސަކޮށް މިހާރަކަށް އައިސް ޒުވާނުން އިސް ނަގައިގެން ޖަމިއްޔާތަކާއި ކުލަބުގެ ސިފައިގައި ރަށުގެ ތަރައްގީއަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ އިރު ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން މިކަން ބަލައިގަންނަނީ ނުހަނު އުފާވެރިކަމާ އެކުގައެވެ. ކަންކަން ހިނގަން ޖެހޭނެ ގޮތަކީ ވެސް މިއީއެވެ. ރައްޔިތުންތަކެއް ނުކުމެ އަމިއްލަ ރަށުގެ ތަރައްގީއާއި އެހެނިހެން ކަންކަމަށް ވެސް ހެޔޮ ބަދަލެއް ގެނެސްދޭން މަސައްކަތް ކުރާނަމަ ސަރުކާރުގެ އިދާރާތަކުން އެ ބަޔަކަށް ދެވެން އޮތް އެންމެ ބޮޑަކަށް އެއްބާރުލުން ދޭން ޖެހޭނެއެވެ. އެހެންވިޔަސް އެއްބާރުލުން ނުލިބޭ މިސާލުތައް ވެސް މަދެއް ނޫނެވެ.

ވެރިރަށް މާލެ ސަރަހައްދު ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުދޫއާއި މީދޫ އިން ފެނިގެން ދިޔައީ ވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބޭ މަންޒަރެކެވެ. އައްޑޫއަށް ކުރަމުންދާ "ވަގުތު ހޭރިޔާ" ދަތުރުގެ ތެރެއިން އެންމެ ހައިރާންކަން ގެނުވި އެއް ކަމަކީ މީދޫގެ ހީވާގި ޒުވާނުންތަކެއް ކުޅިވަރު ކުޅޭނެ ވަސީލަތްތަކެއް ގާއިމް ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ފައިބުޑަށް ވެއްޓި ސަލާންޖަހަން ޖެހޭ ކަމަށް ބުނާ މައްސަލައެކެވެ. މީދޫއަށް ނިސްބަތްވާ "ކުލަބު ލޮތާރި" ނަމަކަށް ކިޔާ ޒުވާނުންގެ ކުލަބަކުން ކެނޑިނޭޅި އިދާރާ ތަކުގައި އާދޭސް ދަންނަވަމުން ދިޔަކަން އެ ޒުވާނުން ބުނެއެވެ.

ކްލަބް ލޮތާރި - މީދޫގައި ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްސަލް ކުޅެވޭނެ ދަނޑެއް ހޯދައިދިނުމަށް ވަކާލާތު ކުރަމުންދާ ކުލަބެއް

އައްޑޫ ސިޓީ މީދޫ އަކީ ބަލާބެލުމަށް އައްޑޫ ސިޓީގައި އެންމެ ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައި އޮތް ރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރަށުގެ ބައެއް ދޮށީ އުމުރުގެ ބޭފުޅުންގެ އިތުރުން ޒުވާނުންގެ ވާހަކަތަކުންވެސް މިދެންނެވި ކަމަށް ބާރު ލިބޭ އެތައް ކަމެއް ފާހަގަވެގެން ދިޔައެވެ. ޖެހިލުންވެފައި ހުރެވެސް ކޮންމެ ސަރުކާރަކުންވެސް މިރަށަށް އިހުމާލުވެފައިވާ ވާހަކަ މިރައްޔިތުން ދެއްކީ އަސަރާއި އެކުގައެވެ.

މީދޫ އަކީ ކުށްމަދު، ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެކެވެ. ރަށުގެ ގިނަ ޒުވާނުންނަކީ ހަރުދަނާ، ވަޒީފާ އަދާކުރާ ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރާ ޒުވާނުންތަކެއް އުޅޭ ރަށެކެވެ. މީގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެއް ބަޔަކީ ރަށުގެ ޒުވާނުން ފުޓްސަލް ކުޅުމަށް ރަނގަޅު ފެންވަރެއްގެ ދަނޑެއް ހޯދުމަށް ފާއިތުވީ ފަސް ވަރަކަށް އަހަރު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ "ކްލަބް ލޮތާރި" ކުޅިވަރު ކުލަބަކަށް ނިސްބަތްވާ ޒުވާނުންތަކެކެވެ. ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރަޖިސްޓްރީ ކުރެވިގެން ހިންގަން ފެށިނަމަވެސް 2014 ވަނަ އަހަރުން ފެށިގެން މި ކުދިން ދިޔައީ ރަށުގައި ބޭއްވޭ ހަރަކާތްތަކުގައި ނަގާކިޔޭ ގުރޫޕެއްގެ ގޮތުގައި ހަރަކާތްތެރިވަމުނެވެ.

ލޮތާރި ގެ ހިންގުންތެރިން-- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެކުގައި ފުޓްސަލް ކުޅެން ގޮސް އުޅޭ ޒުވާނުންތަކެއް އިސްނަގައިގެން މި ކުލަބު ހެދުމުގެ މައިގަނޑު މަގްސަދަކަށް ވީވެސް ކުޅިވަރު މުބާރާތްތަކާއި ރަށުގައި ބޭއްވޭ އެހެނިހެން ހަރަކާތް ތަކުގައި އެހީތެރިކަމާއި ހުއްދަ ހޯދުމަށް އިދާރާތަކާއި ވާހަކަ ދެއްކުމަށް ރަސްމީ ހައިސިއްޔަތެއް އޮތް ބައެއް އުފެއްދުމެވެ. މިކުލަބުގެ ޒުވާނުން ކެނޑިނޭޅި ކުރަމުންދަނީވެސް މި މަސައްކަތެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް މި ޒުވާނުންގެ އެދުންތަށް އަޑު އަހާ އިޖާބަ ދޭނެ ބަޔަކު ފެނިފައެއް ނުވެއެވެ.

މީދޫގެ "ނިކަމެތި" ފުޓްސަލް މެޓް ދަނޑު، ބޮޑެތި މަރާމާތުތަކެއް ގެންނަންޖެހޭ

މީދޫގެ ފުޓްސަލް ދަނޑު--- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރަށުގައި ފުޓްސަލް ކުޅޭ ހުރިހާ ޒުވާނުން ބޭނުން ކުރަމުން އަންނަ މި ދަނޑަކީ މި ރަށުގައި މުބާރާތްތައް ވެސް ބާއްވަމުން އަންނަ ދަނޑެކެވެ. އެހެން ނަމަވެސް ދަނޑަށް ނަޒަރު ހިންގާލުމުން ހިތަށް ވެރިވި ސުވާލަކީ މިއީ ހަމަ މި ކަމަށް އެންމެ އެކަށޭނެ ދަނޑު ހެއްޔެވެ؟ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޅި މި ދަނޑުގެ މިއަދުގެ ހާލަތަށް ބަލާލާއިރު، ފެންސުގެ ބަދަލުގައި ދަނޑުގައި ބޭނުންކޮށްފައި ހުރީ ޖޯލި ގެތުމަށް ބޭނުންކުރާ ވާތަކެކެވެ. ދަނޑުގެ ގޭޓު ހުރީ ކިރިޔަ ކިރިޔާ ނުވެއްޓޭ ހާލަތުގައެވެ.

ރަށުން މައުލޫމާތު ދިން ޒުވާނަކު ބުނި ގޮތުގައި ދަނޑުގައި ބަޔަކު ކުޅެމުން ދަނިކޮށް މިހާރު އެއް ފަހަރު މި ގޭޓު ދަނޑުގެ "ޕިޗް" މައްޗަށް ވެއްޓިއްޖެއެވެ. މި ތަނަށް ބޭނުންވާ ޔުޓިލިޓީ އާއި ހުރިހާ ކަމެއް ސަރުކާރުގެ އިދާރާތަކުން ހަމަޖައްސައިދެއެވެ. އެހެން ނަމަވެސް ތަނުގެ ލައިޓްތައް ގަޑިން ގަޑިއަށް ނިއްވާ ދަނޑުގެ އާންމު ސާފުތާހިރުކަން ބެލުމަށް ނުވަތަ ދަނޑާ ގުޅުންހުރި އެއްވެސް ކަމެއް ބެލެހެއްޓުމަށް ކައުންސިލް އިދާރާއިން ވިޔަސް ނުވަތަ އެހެން އިދާރާއަކުން ވެސް މީހަކު ނުވަތަ ބަޔަކުވެސް ހަމަޖައްސާފައެއް ނުވެއެވެ.

ފެންސުގެ ބަދަލުގައި ބޭނުން ކުރެވިފައިވާ ވާތައް -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މި އިދާރާތަކުގެ ޒިންމާ މި ނިމުނީ ހެއްޔެވެ؟ އިދާރާތަކުގައި އެފަދަ ގާބިލް ކަމެއް ނެތް ނަމަ އެކަން ކޮށްދޭން ބޭނުންވާ ބަޔަކަށް އެފުރުސަތު ނުދީ އޮތީ ކީއްވެ ހެއްޔެވެ؟ އެ ކަމަށް ތައްޔާރަށް އެ ރަށުގެ ޒުވާން ބައެއް ޖަމްއިއްޔާތަކާއި ކުލަބުތައް ތިބީ ތައްޔާރަށެވެ.

ކްލަބް ލޮތާރި އިން "ވަގުތު" އާއި ވާހަކަދައްކަމުން ބުނީ އެތައް ފަހަރެއްގެ މަތިން ދަނޑުގެ ކަންކަން ބަލައިދޭނެ ކަމަށް ބުނެ އެކަން ކުރުމުގެ ހުއްދައަށް އެކުލަބުން އެދިފައިވާނެ ކަމަށެވެ. އެކަމަކު މިހާތަނަށް އައި އިރުވެސް އެ ތަން ބެލެހެއްޓުމުގެ ރަސްމީ ހައިސިއްޔަތެއް މި ކުލަބަކަށް ދީފައެއް ނުވެއެވެ. ނުދިން ސަބަބެއް ވެސް ބުނެދީފައެއް ނުވެއެވެ. ނުވިތާކަށް ރަށުގައި 20 ޓީމާއެކު މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުނު ގައުމު ސްޓްރީޓް ސޮކާރ 2020 މުބާރާތައް ދަނޑުގައި ފެންސް ޖެހުމާއި ކުދިކުދި ކަންކަމަށް މާލީ އެހީތެރިކަން ހޯދުމަށް ރަށުގެ ވިޔަފާރިވެރިން ނޫނީ އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދިން ބަޔަކު ނެތްކަމަށް މި ކުލަބުން ވާހަކަ ދެއްކި ފަރާތްތަކުން ބުނެފައިވެއެވެ.

ހަލާކުވެގެން ވެއްޓުނު ގޭޓު ރަށުގެ ޒުވާނުން އަލުން ހަދާފައި -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ޒުވާނުންގެ ބަހުން ބުނާނަމަ، ޗަންދާ ޖަހައިގެން ދަނޑުގެ މަސައްކަތް ކޮށްފަ މިހުރީ. އެހީ ހޯދަން ދިޔައިން، ތި ބޭފުޅުން ގަބޫލް ވެސް ނުކުރައްވާނެ އެހީ ހޯދަން ދިޔައިމަ ބައެތް ސިޔާސީ ފަރާތްތަކުން ދިނީ އެންމެ 200 ރުފިޔާ. ރަށުގެ ވިޔަފާރިވެރިން ދިން އެޔައްވުރެ މާބޮޑު އެހީތެރިކަމެއް. އެފަރާތްތަކަށް ޝުކުރު ދަންނަވަން". ކުލަބުގެ ކުޅިވަރުގެ ކަންތައްތަކުގައި އިސްކޮށް އުޅޭ ޒުވާނަކު ބުންޏެވެ.

ގްރައުންޑަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބޯޑު -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މީގެއިތުރުން ރައީސް ޔާމީނުގެ ސަރުކާރުގައި އެރަށުގެ ޒުވާނުންނަށް ދިން ޓާފެއް ވެސް މިރަށުގައި އެބަ އޮތެވެ. މިދަންނަވާ ޓާފް އޮތީ ހަލާކުވެ ވީރާނާވެފައިވާ ޒުވާނުންގެ މަރުކަޒެއްގެ އަރިމައްޗަށް އެއްލާލެވިފައެވެ. މިހާރު ބޭނުންކުރެވޭ މެޓް ގްރައުންޑްގެ ބަދަލުގައި ޓާފް ދަނޑެއް އެޅުމަށް ރަށުގައި އެޅޭ ސްޕޯޓްސް ކޮމްޕްލެކްސް އަކުން ޖާގަ ދިނުމަށް ވެސް މީގެ ކުރިން ވަނީ ހަމަޖެހިފައެވެ. މިކަން ކުރުމަށްވެސް 2018 އިން ފެށިގެން ތަކުރާރުކޮށް ކުލަބް ލޮތާރިގެ ފަރާތުން ކައުންސިލާއި އެކު މަޝްވަރާތަކެއް ކުރި ކަމަށާއި އެހެން ނަމަވެސް އަދިވެސް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް މި ކުލަބުން ވަނީ ބުނެފައެވެ. އަދި އެތައް ފަހަރެއްގެ މަތިން އެތައް ހުވަފެންތަކެއް ދައްކައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ވެސް ފަހުވަގުތު ބަލާވެސް ނުލާކަމަށް އެ ފަރާތުން ބުންޏެވެ.

ކްލަބް ލޮތާރިގެ ނައިބު ރައީސް، އަހްމަދު މުންސިފް -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ސްޕޯޓްސް ކޮމްޕްލެކްސް އިން ފުޓްސަލް ދަނޑެއް އެޅުމަށް ޖާގަ އޮތްކަމަށް ކުރިން ބުނީ. ކައުންސިލުން ބުނެގެން އެބުނާ ޖާގައެއްގައި ޓާފް އެޅުމަށް ބޭނުންވާ "މިން" ވެސް ކުލަބު ލޮތާރިގެ ފަރާތުން ނެގިން. އެކަމަކު އެތައް ދުވަހެއް ފަހުން ފެނުނީ ޓާފް އެޅުމަށް ކަނޑައެޅުނު ޖާގައިގައި ނެޓްބޯޅަ ކުޅުމަށް ދަނޑެއް އެޅިގެންދާތަން. މި ޕްރޮޖެކްޓާއި ހަވާލުވެގެން ހުރި ފަރާތާއި މިކަމާ ބެހޭގޮތުން ސުވާލު ކުރުމުން ބުނީ ޕްރޮޖެކްޓް ހަވާލްކުރިއިރު އެތަނުގައި ޓާފެއް އެޅުމަށް ވަކި ޖާގައެއް ކަނޑައަޅާފައެއް ނެތޭ".

ފުޓްސަލް ދަނޑެއް އެޅުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގެނެވިފައިވާ ޓާފް، ސޯޝަލް ސެންޓަރުގައި -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އަމިއްލައަށް ލާރި ދައްކައިގެން އަމިއްލައަށް 20 ވަރަކަށް ޒުވާނުން ވެގެން ބުރަ މަސައްކަތް ކުރިން ޓާފް ތައްވެސް އަމިއްލައަށް އުފުލައިގެން މަސައްކަތް ކުރިން މިކަން ކުރެވޭތޯ. އެކަމް ކޮންމެ ފަހަރަކުވެސް ދަނީ މާޔޫސްވެގެން".

މި މައްސަލަތައް ހުށަހެޅުމަށް ސިޓީ ކައުންސިލްވެސް މެދުވެރިކުރި ކަމަށާއި އެހެންނަމަވެސް އެންމެ އެދެވޭ ނަތީޖާއެއް ފެނިގެން ގޮސްފައި ނުވާކަމަށް ކުލަބުން ވަނީ ބުނެފައެވެ.

"ސިޓީ ކައުންސިލަށްވެސް މައްސަލަ ހުށަހެޅިން މިކަންތައް ކޮޅެއްގަ ނުޖެހިގެން. އެކަމަކު ސިޓީ ކައުންސިލުން ބުނަނީ ރަށު ކައުންސިލުގެ މައްސަލައެކޭ. ރަށު ކައުންސިލުން ބުނަނީ ސިޓީ ކައުންސިލުންނޭ ތިކަހަލަ ކަންތައްތައް ބަލަހައްޓާނީ. ކޮންމެ އިދާރާ އަކުންވެސް އަނެއް އިދާރާގެ ބޮލަށް މިކަން ދުއްވާލަން މަސައްކަތް ކުރަނީ".

މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ކޮންމެ ރަށަކައްވެސް ސްޕޯޓްސް ކައުންސިލަރަކު ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ. ގިނަ ރަށް ރަށުގައި ސްޕޯޓްސް ކައުންސިލަރުން ތިބި ނަމަވެސް މިއަދާ ހަމައަށްވެސް މިރަށުގައި މިމަގާމަށް މީހަކު ހަމަޖެއްސިފައެއް ނުވެއެވެ.

ރަށުގައި މިވަގުތު ހުރި ހަމައެކަނި ފުޓްސަލް ގްރައުންޑް ބަލަހައްޓާނެ ފަރާތެއް ނެތި ވީރާނާ ވަމުންދާއިރު ޒުވާނުން އެތައް ފަހަރެއްގެ މަތިން އިދާރާ ތަކުގައި އާދޭސް ދަންނަވައިގެން އެކަށީގެންވާ ދަނޑެއް ހޯދައިނުމަށް އެދޭ އެދުން މިހާތަނަށް ހަގީގަތަކަށް ވެފައި ނުވާއިރު، ރަށުގެ ސޯޝަލް ސެންޓަރު ތަރައްގީކޮށް އެތަނުގައި ކުލަބުގެ އޮފީސް އެޅުމަށް ޖާގައެއް ދިނުމަށްވެސް މިފަރާތުން ވަނީ ކައުންސިލްގައި އެދިފައެވެ.

އައްޑޫ މީދޫ ސޯޝަލް ސެންޓަރު ވީރާނާވެ ހަލާކުވަނީ، ޒުވާނުންނަށް ބޮޑެތި އިހުމާލުތަކެއް

މީދޫގެ ސޯޝަލް ސެންޓަރު -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ރަށުގެ ސޯޝަލް ސެންޓަރު ހުރި އިމާރާތާއި އެއިދާރާގެ ގޯތިތެރެއިން އޮންނަ ހުސްބިން ތަރައްގީކޮށް އިތުރު ކުޅިވަރު ގްރައުންޑް ތަކެއް އެޅުމަށާއި އެތެރޭގައި އެ ކުލަބުގެ އޮފީސް ހިންގުމުގެ ހުއްދައަށް މި ކުލަބުން ވަނީ ކައުންސިލްގައި އެދިފައެވެ. އެންމެ ފުރަތަމަ މިކަމަށް މީދޫ ކައުންސިލަރ ހިޔާޒް ހަސަން އިޖާބަދިނުމާއި އެކީ ކައުންސިލުން ޖިމެއް ހަދަން ކަނޑައެޅިފައިވާ ބަޖެޓެއް އެބައޮތް ކަމަށާއި އެބަޖެޓު ކުލަބާއި ހަވާލުކޮށްގެން އެކަން ކުރިޔަށް ގެނދިއުމަށް ޓަކައި ޕްރޮޕޯޒަލްއެއް ގެނެސް މަސައްކަތް ފެށުމަށް ތައްޔާރުވުމަށްވެސް ކައުންސިލަރު އެދުނު ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

"ޖީބުން އެތައް ހަރަދުތަކެއް ކޮށްގެން މަސައްކަތްތަކެއް ކުރެވިއްޖެ. ކައުންސިލުން ބުނެގެން ޕްރޮޕޯޒަލް ހުށައެޅުމަށް. އެކަމަކު އެއްވެސް ކަމެއް ކުރިއަށް ނުދާކަން އެނގިގެން ކައުންސިލަށް ޖަވާބުދާރީވުމަށް އެދުމުން ލިބުނު ޖަވާބަކީ "ހަމަޖައްސާލާށޭ"."

ކުލަބް ލޮތާރި އިން ސޯޝަލް ސެންޓަރު ތަރައްގީ ކުރުމަށް ހެދި ޕްލޭން އަޅުގަނޑުމެން ބަލާލީމެވެ. ރަށެއްގައި ސޯޝަލް ސެންޓަރެއްގައި ބޭނުންވާނެ ހުރިހާ ވަސީލަތެއް މި ކުލަބުގެ ޕްލޭނިންގް ގައި އެބަހުއްޓެވެ. އެހެންނަމަވެސް ކައުންސިލުން އެދުނު ގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުން ޖަވާބުގައި އައީ ރިޖެކްޓްކުރި ލިޔުން ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ.

މީދޫ ސޯޝަލް ސެންޓަރު -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"ކައުންސިލުން އެދުނު ގޮތަށް ޕްރޮޕޯސަލް އެއް ހަދާ ހުށަހެޅިން. އެކަމަކު ކަނާތުން ޕްރޮޕޯސަލް ހުށަހެޅި އިރު ވާތަށް ލިބުނީ ރިޖެކްޝަން ލެޓާ. މިއީ އަޅުގަނޑުމެނަށް ހައްގުވާ މިންވަރުތޯ؟ "

މިބުނާ ސޯޝަލް ސެންޓަރުގެ ހާލަތު ބަލާލުމަށް އަޅުގަނޑުމެންވެސް ގޮސްލީމެވެ. އެތެރޭގެ ހޯލާއި އޮފީސް ބައިގެ އިތުރުން ޖިމް އެއްވެސް ހެދިފައި ހުއްޓެވެ. އެކަމަކު މިހުރިހާ އެއްޗެއް ހުރީ ހަމަ ނަމެއްގައެވެ. ވަންނަން ހުރި ދޮރު ހުރީ ތަޅު ނުލައެވެ. ހޯލު ތެރޭގައި ކުރިން ފާހަގަ ކުރެވުނު ޓާފް ގަނޑު އަރިމައްޗެއްގައި އޮތެވެ. ހޯލުގެ ސްޓޭޖް މަތީގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ "އޮންދިގޯ" ކުންފުނީގެ އޯނަރު މުޙައްމަދު ޖުނައިދު ހަދިޔާ ކުރެއްވި ސްނޫކަރ ޓޭބަލްއެއް ހަލާކުވެފައި ހުއްޓެވެ. އެންމެ ރީތިކޮށް ފެންނަން ހުރީ ރަށުގެ އާންމު ފަރާތަކުން ހަދިޔާ ކޮށްފައިވާ ޓޭބަލް ޓެނިސް މޭޒެކެވެ. މިއީ ހަމައެކަނި ހޯލާއި ސްޓޭޖް މަތީގެ ހާލަތެވެ.

މީދޫ ސޯޝަލް ސެންޓަރު -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެތެރެއަށް ވަދެ އިދާރީ ކަންކަން ކުރަން ހުރި ކޮޓަރި ބަލާލީމެވެ. ފެނުނީ އުކާލެވިފައި ހުރި ފައިލް ތަކަކާއި ކުނިބުނި ތަކެކެވެ. ޖެހިގެން ހުރީ ޖިމްއެވެ. ޖިމްގައި ބޭނުން ހިފޭނެ އެއްވެސް އިކުއިޕްމަންޓެއް ހުރިހެނެއް ހިޔެއް ނުވެއެވެ. އެކަމަކު ބޭރު ގޯތިތެރޭގައި ހުރި ވޮލީ ކޯޓުގައި އަމްޕަޔަރ އަރަން ހުރި ގޮނޑި ހަދާފައި ހުރީ މިބުނާ ޖިމުގައި ބޭނުން ކުރި ބައެއް ސާމާނުތަކަށް ބަދަލު ގެނެސްގެން އެގޮނޑިއަށް އަރާ ހުރެވޭނެ ގޮތަކަށް ހަދާފައެވެ.

މީދޫ ސޯޝަލް ސެންޓަރުގެ ވޮލީ ކޯޓުގައި ހުރި އަމްޕަޔަރ ގޮނޑި -- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިކިޔާދެވުނީ ކުރު ގޮތަކަށް ރަށުގެ އިޖްތިމާއީ ކަންކަން ކުރިއެރުވުމަށް ޒުވާނުންތަކެއް ކުރަމުންދާ ބުރަ މަސައްކަތުގެ ވާހަކައެވެ. އަދި މިޒުވާނުންގެ ޝަކުވާތަކާއި އެދުންތަކަށް ބީރުކަންފަތެއް ދީގެން ތިބި މިޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ބެލެނިވެރި ފަރާތްތަކުގެ ވާހަކައެވެ.

މީދޫ ކައުންސިލް މެމްބަރުގެ ބަސް، "ޓާފް ހަވާލުކުރީ އެކްޓިވިސްޓަކާ، ކައުންސިލް އަކާއި ނޫން"

ރަށު ޒުވާނުންގެ އެތައް ކަންބޮޑުވުން ތަކެއް "ވަގުތު" ޓީމާއި ހިއްސާކުރި އިރު މިޝަކުވާތަށް ރައްދުވާ ފަރާތުގެ ބަހެއް ހޯދާލުމަކީ މުހިންމު ކަމެއް ކަމުގައި ދެކިގެން މީދޫ ދާއިރާގެ ކައުންސިލް މެމްބަރު ހިޔާޒް ހަސަން އަށް ގުޅާ މި މައްސަލައާއި ގުޅިގެން ސުވާލު ކުރީމެވެ.

"ވަގުތު" ނޫހާއި ވާހަކަދައްކަވަމުން ހިޔާޒް ވިދާޅުވީ ޓާފްގަނޑަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ރަށުގައި އުޅޭ "ޕީޕީއެމް"ގެ އެކްޓިވިސްޓަކާއި ހަވާލްކުރި އެއްޗެއް ކަމަށާއި އެހެންނަމަވެސް ޒުވާނުންތަކެއް އެދުމުން އެޓާފު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެބުނާ ޓާފަކީ ކުރީގެ ސަރުކާރުން ރަށުގައި އުޅޭ އެމީހުންގެ އެކްޓިވިސްޓަކާއި ހަވާލްކުރި އެއްޗެއް. ސަރުކާރުން ރަސްމީކޮށް ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޭނުންވީމަ އެކަން އޮންނަ އުސޫލެއްގެ ތެރެއިން ކައުންސިލާއި ހަވާލްކޮށް އޭގެ އިންވެންޓަރީ ބެލެހެއްޓިގެން އެކަން ކުރަން ޖެހޭނީ. އެ ޓާފު މިއަދާ ޖެހެންދެންވެސް އޮތީ މިބުނާ އެކްޓިވިސްޓުގެ ކޮންމެވެސް ގްރައުންޑެއްގަ. އެހެންނަމަވެސް ރަށުގެ ޒުވާނުން ޓާފް އަޅަން ބޭނުންވެ އެކަމަށް އެދުމުން އަޅުގަނޑު މި މަސައްކަތް ކުރަނީ އެކަން ކޮށްދޭން. ފުރަތަމަ އެކަން ކުރަން ބެލިއިރު ކައުންސިލުގައިވެސް އަދި ސަރުކާރުގައިވެސް އެވަގުތު އެކަން ކޮށްދެވޭނެ މާލީ ގާބިލްކަން ނެތީ. އެކަމަކު ކުރިއަށް އޮތް 4 ވަރަކަށް މަސްދުވަސް ތެރޭގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނެ. މިއަހަރަށް އެކުލަވާލި ބަޖެޓުގައިވެސް އެކަން ހިމެނިފަ ވަނީ".

މީގެއިތުރުން ހިޔާޒް ވިދާޅުވީ މިހާރުވެސް ކޮވިޑުގެ ހާލަތުގައިވެސް ރަށުގެ ތަރައްގީއަށް އެތައް މަސައްކަތްތަކެއް ކުރަމުންދާތަން ފެންނާނެ ކަމަށާއި ވަކި ބަޔަކަށް ކަމެއް ނުކޮށްދޭން ވިސްނާފައި ނުވާނެ ކަމަށެވެ. އަދި ކޮށްދޭ ކަންތައްތައް ގަބޫލް ނުކުރާ ބަޔަކަށް ދޭނެ ވަކި ޖަވާބެއް ނޯންނާނެ ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

""ވަގުތު ނޫސްވެރިންނަށްވެސް ފެންނާނެ މިހާރުވެސް ރަށުގެ ތަރައްގީއަށް ބޮޑެތި މަޝްރޫއު ތަކެއް ހިންގަމުންދާ ތަން. އެކަމަކު ސަރުކާރުން ކޮށްދޭ ކަންތައްތައް ގަބޫލް ނުކުރާ ބަލައިނުގަންނަ ބަޔަކަށް އެތަން ނުފެންނާނެ. އެފަދަ ބަޔަކާ އަޅުގަނޑު މިސަރުކާރުގެ މީހެއްގެ ގޮތުގައި ހުރެ ސަރުކާރަށް ފާޑުކިޔާ މިކަންކަން ބަލައިނުގަންނަ ބަޔަކާއި މުއާމަލާތް ކުރުމެއްވެސް ނޯންނާނެ އަދި އަޅުގަނޑު ބޭނުމެއްވެސް ނޫން މުއާމަލާތް ކުރާކަށްވެސް. އެކަމަކު ތިބި ބަޔަކަށްވިއްޔާ ފެންނާނެ ކުރިއަށް އޮތް 4-3 މަސްތެރޭގައި މަސައްކަތް ފެށިގެންދާކަން".

ރަށުގެ ސްޕޯޓްސް ކޮމްޕްލެކްސް ގައި ކުރިންވެސް އެޅުމަށް ނިންމާފައިވާ ޖާގައިގަ ދަނޑު އެޅިގެންދާނެ ކަމަށް ހިޔާޒް ވަނީ ވިދާޅުވެފައެވެ.

"އެކުދިންނާއި އެކު ރައުންޑް ޓޭބަލް އެއްގައި ޑިސްކަސް ކުރުމަށްފަހު ނިންމިފައިވަނީ އެބުނާ ޖާގައިގަ ދަނޑު އެޅިގެންދާނެ ކަމަށް. ޕްރޮޖެކްޓް ހަވާލްކުރި ފަރާތާއި އެތަން އެޅުމަށް ދީފަ ނެތަސް އެޖާގަ އެބައޮތް އަދިވެސް ހަމަ އެ ފުޓްސަލް ދަނޑު އެޅުމަށް ކަނޑައަޅާފައި އޮތް ޖާގަ. އެޔަކަށް ބަދަލެއް ނާދޭ".

ވަކި ޖަމިއްޔާއަކަށް ސޯޝަލް ސެންޓަރު ހަވާލު ނުކުރުމަށް ނިންމީ މަސްލަހަތަށް ބަލާފައި

ސޯޝަލް ސެންޓަރ ހިންގުމާއި އެހެނިހެން ކަންތައްތައް ކުރުމަށް ކުލަބު ލޮތާރިއިން އެދުމުން ޕްރޮޕޯޒަލް އެއް ހުށައެޅުމަށް ހިޔާޒް އަމިއްލައަށް ވިދާޅުވި ކަމަށާއި އެހެންނަމަވެސް ރަށުގެ އިތުރު ޖަމިއްޔާ ތަކަކުންވެސް އެކަން ބޭނުންވާތީވެ ވަކި ބަޔަކާ ހަވާލް ނުކުރަން ނިންމީ ކަމަށް ހިޔާޒް ވިދާޅުވިއެވެ.

"ލޮތާރި ޖަމިއްޔާއިން އެކަމަށް އެދުމުން ޕްރޮޕޯޒަލް ހުށައެޅުމަށް ބުނިން. އެކަމަކު ފަހުން ރަށުގައި ހަރަކާތްތެރިވާ އިތުރު ޖަމިއްޔާތަކަކުން ވެސް ބޭނުންވެއްޖެ އެތަނާ ހަވާލުވާން. ދެން އަޅުގަނޑަށްވެސް ލަފާދޭ އިތުރު ބަޔަކާ މަޝްވަރާ ކުރުމަށްފަހު ނިންމީ މަސްލަހަތައް ޓަކައި ކައުންސިލުން އެތަނުގެ ކަންކަން ކުރަން. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމަ ސްޓާފަކާއި ސުޕަވައިޒަރަކު ލައިގެން ސޯޝަލް ސެންޓަރުގެ މަސައްކަތްތައް ކުރެވިގެން ދާނެ".

މީގެއިތުރުން މިހާރު ހުރި މެޓު ދަނޑުވެސް ހަލާކުވެފައި ހުރިކަން އިނގޭ ކަމަށާއި އެތަން މަރާމާތުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ހިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑަށްވެސް އިނގޭ އަދި ގަބޫލުވެސް ކުރަން ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައި ހުރިކަން. އިރާދުކުރެއްވިއްޔާ މިފަހަރުގެ ބަޖުޓެގެ ތެރޭގައި ހިމެނިގެން މާލަސްނުވެ އެތަނުގެ މަރާމާތުގެ މަސައްކަތްވެސް ފެށިގެންދާނެ".

މީދޫ ސްޕޯޓްސް އެރީނާ--- ފޮޓޯ: އަލީ އުސާމް

މި ޖަމިއްޔާގެ ޒުވާނުން ބޭނުންވަނީ އެމީހުންނަކީވެސް ގައުމަށާއި ރަށަށް ފައިދާ ކޮށްދޭނެ، ފަހުރުވެރި ވާނެ ބައެއްކަން ސާބިތު ކޮށްދޭށެވެ. އެކަމަށް އެޒުވާނުން މަސައްކަތްވެސް އެބަ ކުރެއެވެ. އެކަމަކު މި މަންޒަރު ބަލަން ނުވަތަ މި ޝަކުވާތަށް އަޑު އަހަން މިބުނާ ބީރު ކަންފަތްތަށް ހުޅުވާލަން ނުޖެހޭތޯއެވެ؟

ކައުންސިލްގެ ޖަވާބަކީ ވަކި ބަޔަކަށް ކަމެއް ނުކޮށްދިނުމުގެ ނިޔަތުގައި އެއް ކަމެއްވެސް ނުކޮށްދިނުމަށް ނުވިސްނާ ކަމަށެވެ. އެހެންނަމަވެސް ދިމާވި ހާލަތާއި ގުޅިގެން ކުޑަ ލަސްކަމެއް އަތުވެއްޖެކަން ގަބޫލް ކުރާ ކަމަށާއި އެހެންނަމަވެސް ވަރަށް އަވަހަށް މިހުރިހާ ކަންތައްތަކެއްގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.

ރައްޔިތުންނަށް ކަމެއް ކޮށްދޭއިރު ވަކި ކުލައަކަށް ނުވަތަ ވަކި ފިކުރެއްގެ ބަޔަކަށް ކަމެއް ކޮށްދިނުމަށް ނުވަތަ ކުރީ ސަރުކާރުން ކޮށްދީފައިވާ ކަމެއް ފުރިހަމަ ނުކުރުމަށް މަސައްކަތް ކުރާނަމަ ގައުމު ކުރިއެރުމުގެ ބަދަލުގައި އަބަދުވެސް އޮންނާނީ އެއް ފެންވަރެއްގައި ހިފެހެއްޓިފައި ނުވަތަ ހާލަތު ދަށްވެފައެވެ.

ކޮންމެއަކަށް ސިޔާސީ ކޮންމެ ފިކުރަކަސް، ކޮންމެ ކުލައަކަސް، ރަށަށް ނުވަތަ ޒުވާނުންނަށް ލިބޭނެ ކޮންމެ ތަރައްޤީއަކީ މުޅި މުޖުތަމައު އަށްވެސް އޭގެ ފައިދާ ކުރާނެކަމެކެވެ. ވަގުތު ޓީމުގެ އުއްމީދަކީ ސިޔާސީ ކޮންމެ ވިސްނުމެއްގެ ބަޔެއް ކަމުގައިވިއަސް މުޅި ރަށުގެ ރައްޔިތުންނަށް އޭގެ ފައިދާ ލިބުމެވެ. އަދި އުއްމީދަކީ ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭގައި ކައުންސިލުން ވިދާޅުވި ގޮތަށް މަސައްކަތްތައް އަވަހަށް ފަށައި، މައްސަލަތަކަށް ހައްލެއް ލިބުމެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޔަމްނާ

    ޙަކުރު ބޯ ޒުވާނުންނަށް ކުޅިވަރުން ކުރި އެރުމެއް ނުލިބޭނެ

    11
    13
    • ތަގޭ އަމާ

      މީދޫ ބާކިނައް ނިބޭވޭ ވަރަ މުބާރާތައް އެންމެ ފަހަކަ ބޭވީ އަސް. ބިޑި ހަދަގަން، ކޮމެންޓް ކޮއް ކޮއް ތިބޭ ޖެހޭނެއި

      9
      4
    • ގޭންގްސްޓާރ

      ރަށް ކުރިއަރުވާ އެއްވެސް ކަމަށް ނިކޮއް ތެހެން ކޮމެންޓް ކެރާއް ތޯ އެބޯ ބޮނޑޮ ފީޑީ

      3
      2
    • ލަމާން

      ޔަމޫ ތިހެން ނަހަދާ މާދަން ވެސް މަޖުލީހަށް މަ ލާންޖެހިއްޖެޔާ ދާން ޖެހޭނީ އެރަށަށޭ އެންމެ ފަހުންވެސް ޔައްމުގެ މަންމައާއި ބައްޕަވެސް ދިނީ ބޯން ފެނަކައިން ވެސް މާބޮޑުވަރެއް ނުކުރެވުނެއް ނުން

  2. ށަމްނާ

    ގޭންގަކާ ޒުވާނުންގެ މަރުކަޒު ހަވާލު ނުކުރެވޭނެ ދެއްތޯ

    15
    10
    • ށަމްނާ

      ތާއި ހަވާލަކޮށްގެން މިކަން ވޭށީ؟ ތޯ ދުވަހަށް މީގެ ކުރިން އޭ އޮތްތާން ކަން ދެނަހިށީ؟

  3. ކޮށި ކަތިވަޅި

    އެފަދަ ބަޔަކާ އަޅުގަނޑު މިސަރުކާރުގެ މީހެއްގެ ގޮތުގައި ހުރެ ސަރުކާރަށް ފާޑުކިޔާ މިކަންކަން ބަލައިނުގަންނަ ބަޔަކާއި މުއާމަލާތް ކުރުމެއްވެސް ނޯންނާނެ! މީ ހިޔާޒް ހަސަން މެންގެ ފެންވަރު. ކަލޯ ކުފޫ ހަމަނުވޭނުން ތިކަމަށް. ހަޖަމްނުވޭ ފުރަތަމަ. ތިއަށްވުރެ ހާނީ މާ ރަގަޅު

    10
    3
  4. ހިޔަޅު

    ކަލޯ އެމް.ޑީ.ޕީ އިން ދޭ ޓެކުސް ފައިސާ އެކަނި މަ ލިބެނީ އެހެންމެއި މަ އެތެއި ހިންނައި އެވެރިންގެ ހިދުމަތި

    2
    1
  5. ހުސޭނުބޭ

    އަޅެ 400 މިލިއަން ޑޮލަރު އެބަ ހޯދަޔޯ ތިކމަށް! މީގެ ކުރިން މޭޔަރު ވަނީ ތިކަމަށް 4 ބިލިޔަން ޑޮލަރު ހޭދަކޮށްފަޔޯ ކިޔައިގެން ވަރަށް އަޑުއަރުވާފަ އޮތީ

  6. ބުއްޅަބެ

    ދިން އެއްޗެއް ދިނީ ރައީސް ޔާމިން، ވޯޓުދިނީ އެމް،ޑީ.ޕީ އަށް، މިހާރުވެސް އޮތީ އެމްޑީޕީ ކައުންސިލް . ދެންވެސް ވިސްނާ . މިފަހަރު މި ޕާޓީ ބޭރުކޮއްލަދީ ، މީ އައްޑޫ ރައްޔިތުން ވޯޓާ ޖެހުނީމަ ގުނބޯ ހައްދުވާ ސަރުކާރެއް. ޥިސްނާފަ ގޮތްނިންމާ. ރުކަށް ވޯޓް ދެއްވާ.

  7. އޭތެދެކޭ

    އަހަރުން އެންމެން ދައްކާ ޓެކުސް ލާރިން ތި ޒުވާނުންގެ ކުޅިވަރު ތަކަށް ހަބޭހަށް ހަރަދު ކޮށްލަބަލަ. ތީ ނުލާހިކު ފައިދާ ކޮށްދޭ ބައެކޭ ގައުމަށް . އަހަރުމެން އުތުރު ރަށެއްގައި ޗަކަފެނުގައި ހިންގަފައި އިސްކޫލަށް ކުދިން ގެންދަންޖެހުނަސް، އެކަމަށް ހަރަދު ކުރާނެކަމެއް ނެތް. އަހަރުމެނަށް އޯކޭ. އެލާރި ހަރަދުކުރޭ އައްޑޫ ޒުވާނުން ކުޅެން.

  8. ސައިމަން

    ގޭންގެއް ........... ކްލަބް ޖަމްޢިއްޔާއެއްގެ ހެދުން ވައްޓާލާ މޭކަޕް ކޮށްލީ....... ރައްޔިތުން ތިބީ ހޭލާ !

    4
    1
    • ދަރިފޫ ހާދަ މޮޅޭ!!

      ގޭންގަކަސް، ދަރިފުޅުގެ މައްމައާ މާރައްޓެހި ބޮޑު ކޮށްލާގެން އުޅޭ ޅަ ސޮރުންކޮޅަށް ވިއަސް، އަދި އެކަމާ ދަރިފުޅު އެހާ ހިތްހަމަ ނުޖެހުނަސް، ރަށުގެ ޒުވާނުން ވާނީ ރަށުގެ ޒުވާނުނަށް، ދެއްތޯ؟
      ދެން އަވަހަށް ބޮއްތާލާ. ދަރިފުޅު މާގިނައިން ހޭލާ އުޅޭތީއޭ ހާސްވެ ކަންބޮޑުވެ މާޔޫސްވާގޮތް ތި ވަނީ.

  9. އިރާޝާ

    ކްލަބް ހަދައިގެން އުޅޭ މިގްރޫޕަކީ މީދޫގެ މިޖީލުގެ ޒުވާނުންގެ ހަލާކު
    މިގްރޫޕް މީހުން ކްލަބް ހެދުމުގެ ހަގީގަތަކީ މިގްރޫޕް މީހުން ހިންގާ ހަރަކާތްތަކަކީ ކްލަބްގެ ނަމުގައި ހިންގާ ހަރަކާތަކެއްގެ ގޮތުގައި އާއްމުނަށް ދެއްވުން
    ވަރަށް ދެރަ
    ކޮންމެ ގޮތެއް ވިޔަސް ހަގީގަތް ގަބޫލް ކުރާ އެންމެންނަށްވެސް މިގްރޫޕް ކްލަބް ހަދައިގެން ހަރަކާތްތަކެއް ހިންގި ކަމުގައިވިޔަސް މިގްރޫޕްގެ މަގުސަތު ވަރަށް ސާފްކޮށް އެގޭނެ

    1
    1