(އައްޑޫސިޓީ، ފޭދޫ) އައްްޑޫގެ ފުޓުބޯޅައިގެ ތަރިންތަކެއް ފެނިގެންދިޔަ "ޑީއެންސީ" އަކީ ކޮން ބައެއްހޭ އަހައިފިނަމަ މި ޒަމާނުގެ ގިނަ ކުޅުންތެރިންނަށް ނޭނގިދާނެއެވެ. އިނގިރޭސީން އައްޑޫގައި އުޅުނު ދުވަސްވަރު އުފެދިގެން އައި އެ ޓީމަކީ މި ޖީލުވެސް ފަހުރުވެރިވާނެ ބައެއްކަން ޔަގީނެވެ. މި ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން އަބްދުﷲ މުފީދު (އުދުހޭ މުފީދު) ދަންނަނީ ކޮން ބައެއް ހެއްޔެވެ؟
"ވަގުތު" ޓީމަށް އައްޑޫ ސިޓީ ފޭދޫގައި ދިރިއުޅެމުން އަންނަ މުފީދާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނީ ވަރަށްވެސް ކުޑަ ވަގުތުކޮޅަކަށެވެ. ނަމަވެސް އެ ވަގުތުކޮޅު ވީ ގިނަ މައުލޫމާތުތަކެއް ލިބުނު ފަހަރަކަށެވެ. ތާޜީހުގެ އެ ރަން ސަފްހާތަކުން އެނގިގެންދިޔައީ އޭރުގެ ފުޓުބޯޅައިގައި އޭނާގެ މަގްބޫލުކަން އޮތް ވަރެވެ. އަދި 70 ގެ އަހަރުތަކުގައި އައްޑޫއިން ވިދާލި އެންމެ ހުނަރުވެރި ފޯވާޑް މުފީދު ފުޓުބޯޅަައިގެ ވަރުގަދަ ބްރޭންޑަކަށް ވެގެންދިޔަ ގޮތެވެ. މުފީދު ޖަހާ ބާރު ބޯޅަތަކުން އިދިކޮޅު ޓީމުތަކަށް ސިހުން ގެނުވި ވާހަކައަކީ އޭރުވެސް އަދި މިހާރުވެސް ގިނަ ބަޔަކު ދައްކާ ވާހަކަތަކެކެވެ. މުފީދުގެ އެ ބާރު ހަމަލާތައް އޭރު ހުއްޓުވުމަކީ އުނދަގޫކަމެކެވެ އަދި އިދިކޮޅު ޓީމުތަކުން އޭނާއަށް ޖެހިލުންވާކަން އޭރުގެ މެޗުތަކުން ހާމަވެއެވެ.
ފުޓުބޯޅައިގެ ތެރެއަށް މުފީދަށް ވަދެވުނު ގޮތް
އައްޑޫގައި އިނގިރޭސިން ވަޒަންވެރިވެގެން އުޅުނުއިރު ފުޓުބޯޅަ މުބާރާތްތަކާއި ހަރަކާތްތަށް ކުރިޔަށްގެންދެއެވެ. އަދި އައްޑޫގެ އެކި ހިސާބުތަކުގައި ދިރިއުޅުނު މީހުންނާއި، އޭރު ގަމުގައި މަސައްކަތްކުރި އިނގިރޭސިންވެސް މި މުބާރާތްތަކާއި ހަރަކާތްތަކުގައި ބައިވެރިވިއެވެ. މުފީދު ފުޓުބޯޅައަށް ޝައުގު އުފެދުނީ އޭނާގެ އުމުރުން ނުވަ އަހަރުގައެވެ. އޭރު އިނގިރޭސިން ކުޅޭ މެޗުތައް ބެލުމަށް ބޮޑު ޝައުގެއް އުފެދުނެވެ. އައްޑޫގެ އެހެން ސަރަހައްދުތަކާއި ހިލާފަށް ފޭދޫން ގަމަށް ދިއުމަށް އޭރު މާބޮޑު ތަކުލީފެއް އުފުލަން ނުޖެހެއެވެ. އޭރު ހިނގާފައި ގަމަށް ދެވެން އޮވެއެވެ. އެހެންކަމުން މުފީދަށް އެ މެޗުތަކުން ގިނަ ކަންކަން ދަސްވިއެވެ. އިނގިރޭސީންގެ ކުޅުމުގެ ވައްޓަފާޅިއަށް ބަލާ އިރު އޭރު ގިނައިން އެ މީހުން ކުޅެނީ ބޮޑު ބޯޅައެވެ.
އިސާހިތަކު މުޅި އައްޑޫގައި ފުޓުބޯޅައިގެ ފޯރި ގަދަވިއެވެ. އަދި އިނގިރޭސީންގެ އެހީއާއެކު މިހާރު ވެސް ފުޓުބޯޅަ ކުޅެމުން އަންނަ ފޭދޫ ދަނޑު އެ ރަށުގެ ރައްޔިތުންނަށް އިނގިރޭސިން ތައްޔާރުކޮށްދިނެވެ.
"އިނގިރޭސިން ލީގު އަބަދުވެސް އޮވޭ، އެމީހުން އޭރު ކުޅުނީ އެކި ސެކްޝަންތަކަށް ފުރަތަމަ، ދިވެހިން ވެސް ބައިވެރި ކުރި، އޭގެ ފަހުން ފޭދޫގައި އެމީހުން (އިނގިރޭސީން) ކުޅޭނެ ތަނެއް ތައްޔާރުކޮށްދިން، ކުޅޭނެ ބޯޅަ ދިން، ކޯޗުކަންކޮށްދިން، އިނގިރޭސީންގެ އެ ކުޅުން ފެނިފައި ހަގީގަތުގައި ކުޅެން ޝައުގުވެރިވީ" ވަގުތުއާ ވާހަކަދައްކަމުން މުފީދު ބުންޏެވެ.
ނަސީބު ކަން ދިމާކުރި ގޮތުން ފުޓުބޯޅަ ކުޅެން އުފެދުނު ޝައުގާއި، އޭރު ކުޅުނު ދިވެހިންގެ އެހީއާއެކު އުމުރުން 13 އަހަރުގައި އިނގިރޭސިން ތިބި ގަމުން ވަޒީފާ ލިބުނެވެ. އެއީ އޭނާގެ ކާމިޔާބު ފުޓުބޯޅަ ކެރިއަރުގެ ފެށުންކަމަށް އޭނާ ގަބޫލުކުރެއެވެ.
ފޭދޫ "ޑީއެންސީ" އާއެކު މުފީދުގެ ގަދަ ވިދުން
އައްޑޫ ސިޓީ ފޭދޫއަށް އުފަން ޑީއެންސީ އަކީ ގިނަ ބަޔަކު އަޑުއަހާނެ ނަމެކެވެ. ޑިލައިޓްފުލް ނެއިބަހުޑް ކްލަބް (ޑީއެންސީ) އުފެދިގެން ދިޔައީ އޭރު ގަމަށް ވަޒީފާއަށް އަންނަ ޒުވާނުން ބައިވެރިކޮށްގެން އިނގިރޭސިން ބޭއްވި ލީގުގައި ކުޅެ އަދި އިނގިރޭސިންގެ ތަމްރީނާއި އިރުޝާދު ލިބިގެން އެ އަތޮޅު ޒުވާނުންގެ އިސްނެގުމުގެ މަތިންނެވެ.
ފޭދޫގެ ޒުވާނުންގެ އިސްނެގުމުގެ މަތިން އުފެދިގެން ދިޔަ މި ޓީމަށް އިނގިރޭސިން ބޮޑެތި އެހީތަކެއް ވިއެވެ. އޭރު ޑީއެންސީއަށް ކުޅުނު ކުޅުންތެރިންގެ ބޫޓާއި، އިސްޓާކީނާއި ފުރިހަމަ ޖާޒީ ބައެއް މި ޓީމަށް އިނގިރޭސިން ހަދިޔާކުރިއެވެ. މި ޓީމުގެ ނަމަކަށް ޑީއެންސީ ކިޔުނީވެސް އިނގިރޭސިންގެ ބޮޑު ބައިވެރިވުމެއް އޮވެގެންނެވެ.
"އެމީހުން (އިނގިރޭސިން) އެންމެ ފުރަތަމަ މާލޭގައި ބޭއްވި މުބާރާތުގައި 1968 ވަނަ އަހަރު ހިތަދޫ ބައިވެރިކުރީ، އޭރު ނޭނގެ މިގޮތަށް މާލޭގައި މުބާރާތް ކުޅޭކަމެއް، އޭގެފަހުން އިނގިރޭސިން ބޭނުންވެއްޖެ ފޭދޫ ޓީމު މި މުބާރާތުގައި ބައިވެރިކުރަން،" ޑީއެންސީގެ ވިދުން ފެށުނު ގޮތް ކިޔައިދެމުން މުފީދު ބުންޏެވެ.
ހަސަން ސައީދުގެ ކެޕްޓަންކަމުގެ ދަށުން 1969 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ޑީއެންސީގެ މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ. ފުރަތަމަ މުބާރާތުން ވެސް ޑީއެންސީ ގިނަބަޔަކު ބަލައިގަތެވެ. އޭރުގެ މަޝްހޫރު އެއް ނޫސް ކަމަށްވާ "ވިޔަފާރި މިއަދު" ނޫހުގައި ޑީއެންސީ ސިފަކޮށްފައިވަނީ ބަލާލަން ހިތްގައިމު ރީތި ކުޅުމެއް ކުޅޭ ޓީމެއްގެ ގޮތުގައެވެ.
ޑީއެންސީގެ ފުރަތަމަ މެޗުންވެސް މުފީދުގެ ކުޅުން ގިނަބަޔަކަށް އަޅައިގަތެވެ. ލިބޭ ފުރުސަތުތަކުގައި ގޯލަށް ނުރައްކާކޮށް، ޓީމު ލައްވާ ކުޅުވާ އެއް ކުޅުންތެރިއެއް ގޮތުގައި މުފީދު ފާހަގަވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން އޭރު ސައި ހޮޓާތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ފުޓުބޯޅައިގެ ވާހަކައެއް ދައްކާނަމަ ޑީއެންސީގެ ވާހަކަ ނުދައްކާ ނުދާނެއެވެ. މުފީދު ހޯދަން އޭރު ސްކޫލުތައް ނިމިގެން ކުދިންތައް މުޅި މާލެ އަތްފުނާއެޅިއެވެ. އެހާވެސް ޑީއެންސީ އަދި މުފީދުގެ އިތުރުން އެ ޓީމުގެ އެހެން ކުޅުންތެރިން މަޝްހޫރުވެގެންދިޔައެވެ.
ފަހަތުން އަރާ މާލޭ ޓެނިސް ކުލަބް ބަލިކުރި މެޗު، ހަނދާނުން ނުފިލާނެ މެޗެއް
މާލޭ ޓެނިސް ކުލަބަކީ 1972 ވަނަ އަހަރު އެންމެ ވަރުގަދަ އެއް ޓީމެވެ. ކާމިނީޕޫލް އަބްދުއްޝަކޫރު، ދާލު އިބްރާހިމް މަނިކު، މައިޒާން އަލިމަނިކު، ގޯލްކީޕަރު ކަނޑި އާދަމް މަނިކު، އަދި އޭރު ސިލޯނުން ގެނައި ވަރުގަދަ ދެ ކުޅުންތެރިންނާއެކު އެއީ މާލޭގައި އެ އަހަރު ކުޅުނު އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ބެލެވުނެވެ.
ގިނަބަޔަކު އުއްމީދުކުރީ ޑީއެންސީއަށް މި މެޗުން ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. އޭރު މާލޭގައި އޮތް އެންމެ މުއްސަނދި ކުލަބުތަކުގެ ތެރޭގައި ޓެނިސް ކުލަބް ހިމެނުނު ނަމަވެސް ޑީއެންސީން މި މެޗާ ކުރިމަތިލީ ވަރަށް ސާބިތުކަމާއި އެކުގައެވެ.
މަސްއޮޑި ސަލީމްގެ ބެލުމުގެ ދަށުން ހިންގި މާލޭ ޓެނިސް ކުލަބު ބަލިކުރެވިދާނެ ކަމަށް އޭރު ޑީއެންސީގެ އެއްވެސް ކުޅުންތެރިއަކު ގަބޫލެއް ނުކުރެވުނެވެ. މެޗު ފަށައިގެން ޓެނިސް ކުލަބުން އާދައިގެ މަތިން އެ ޓީމުގެ ވަރުގަދަ ކުޅުން ފެށިއެވެ. މެޗުގެ ނަތީޖާ 2-0 އިން ކުރީގައި މާލޭ ޓެނިސް ކުލަބް އޮތް ނަމަވެސް ޑީއެންސީ މި މެޗު ކާމިޔާބުކުރީ ފަހަތުން އަރާ ތިން ގޯލު ޖަހައިގެންނެވެ. މި މެޗު އަނބުރާލުމުގައި މުފީދުގެ ދައުރު ވަރަށް ބޮޑަށް ފާހަގަވެގެންދިޔައެވެ.
މުފީދު ވަނީ އެތައް އަހަރެއް ވަންދެން މޮޅު ފޯވާޑުގެ މަގާމު ހޯދާފައެވެ. އެގޮތުން 1970 އިން ފެށިގެން ޖެހިޖެހިގެން ތިން އަހަރު އެންމެ މޮޅު ފޯވަޑްގެ މަޤާމު ހޯދާފަައިވަނީ މުފީދެވެ.
"އުދުހޭ މުފީދު" ނަން ދެވުނު ގޮތް
މާލޭ ޓެނިސް ކުލަބް އަތުން ހޯދި ތާރީހީ މޮޅާއެކު ޑީއެންސީގެ އަޑު މުޅި ރާއްޖޭގައި ގުގުމާލިއެވެ. އޭރުގެ ސައި ހޮޓާތަކާއި ފިނި މައިޒާނުތަކުގައި އެންމެ އަޑުހަރުކޮށް ދައްކަމުންދިޔައީ އައްޑޫ ފޭދޫ ޑީއެންސީގެ ވާހަކައެވެ. މުފީދަށް "އުދުހޭ މުފީދު" ގެ ނަން ކިޔަން ފެށުނީ މާލެއާއި ގަމާއި ދެމެދު ފްލައިޓް ދަތުރުތައް ފެށި ދުވަސްވަރު ޗުއްޓީއަކަށް "ފްލައިންފިޝް" ބޯޓުން މާލެ އައުމާއި ގުޅިގެންނެވެ.
މި ނަން ދިނުމުގެ މޭސްތިރިއަކީ އޭރު މޫންލައިޓް ނޫހުގައި މަސައްކަތްކުރި ނޫސްވެރިޔާ ސައިކުރާ އިބްރާހިމް ނައީމެވެ. ޗުއްޓީއަށްް މާލެ އައި ހަބަރު ޖެހުމަށް މޫންލައިޓް ނޫހުގެ ސުރުހީގައި "މުފީދު އުދުހިފައި މާލެއަށް" މިހެން ޖެހުމުން ގިނަމީހުންގެ ދުލު ކުރީގައި "އުދުހޭ މުފީދު" މި ނަން ހަރުލާން ފެށިއެވެ.
އޭގެފަހުން ޑީއެންސީގެ ކާމިޔާބީތަކަށް ހާއްސަކޮށް ހަސްރަތުގެ ޅެންވެރިކަމުގެ ދަށުން އޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ކިޔުއްވި ލަވައަކީ މި ނަން އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔަ ފަހަރެވެ.
"އުދުހޭ މުފީދު ކެޕްޓަން، ދަނޑުގައި ލަބީބު ގުޅިގެން
ފަހަތުން ސައީދު ފެނެޔޭ ސާލިހުގެ ބޯޅަ ފޮނުވަން
ހިތަކުން ނުވެސް ފިލާނޭ، އަދިވެސް ދުށުން އެދޭނީ،
ފޮނި ކާމިޔާބާ ނަސްރޭ ހަފަރާތުގައި ވިދާނީ،"
މި ލަވަ މުޅި ރާއްޖެއަށް މަގްބޫލުވެގެންދިޔަ އެވެ. ކަންކަންމަތީ ފިހާރަތަކުންނާއި މާލެގެ ކާރުބާރު ބޮޑެތި މަގުތަކުގައި އަޑުހަރުކޮށް މި ލަވަ ޖެހިއެވެ. އިސާހިތަކު މީހުންގެ ދުލުކުރީގައި "އުދުހޭ މުފީދު" މި ނަން ހަރުލިއެވެ.
ގަމުން އިނގިރޭސިން ފޭބުމާއެކު ކެރިއަރަށް ނިމުން، ހިތް އަދިވެސް ފުޓުބޯޅައަށް
ގައުމީ މުބާރާތް 1973 ވަނަ އަހަރުގެ ފަހުން ޑީއެންސީން އެއްވެސް މުބާރާތެއްގައި ވާދަކޮށްފައެއް ނުވެއެވެ. އެއީ ގަމުން އިނގިރޭސީން ފޭބުމާއި އެކު އޭރު ޓީމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ދަތިތަކެއް ހުރުމުންނެވެ. އެއާއި އެކު ޓީމު ވިއްސި ވިހާލިވިއެވެ. އެހާހިސާބުން މުފީދު ނިންމީ އިތުރު އެއްވެސް ކުލަބަކަށް ނުކުޅޭށެވެ.
ނަމަވެސް ފުޓުބޯޅައިން އެއްކޮށް ދުރަކަށް ނުދެވުނެވެ. ކުޅުމުގެ ތެރޭގައި ނޫނަސް ފުޓުބޯޅަ އެދުރެއްގެ ހައިސިއްޔަތުން މަސައްކަތްކުރިއެވެ. ނަމަވެސް އެންމެ އެދެވޭގޮތެއްގައި އެކަންވެސް ނުވީ ގިނަ ސަބަބުތަކާއި ހުރެއެވެ. މިއީ މުފީދުގެ ފުޓުބޯޅަ ކެރިއަރު ނިމިގެންދިޔަ ގޮތެވެ.
މި ވޭތުވެދިޔަ އަހަރުތަކުގައި މުފީދު ދިޔައީ ރާއްޖޭގެ ފުޓުބޯޅަ ގާތުން ބަލަމުންނެވެ. އަދި މި ޖީލުގެ ކުޅުންތެރިންނަށްވެސް އެތަކެއް މެސެޖެއް ދެމުންނެވެ.
"މިހާރު ރަނގަޅު މޮޅު ފުޓުބޯޅަ ކުޅުންތެރިން އެބަތިބި، މަސައްކަތް އެހާ އަދި ރަނގަޅެއް ނޫން، ފަރުވާކުޑަވާތަން ބައެއްފަހަރު ފެނޭ، ދޭން ބޭނުންވާ މެސެޖަކީ އެންމެން އެކުވެރިވެގެން ގުޅިގެން ގަދައަށް މަސައްކަތްކޮށްގެން ރާއްޖެއަށް ރީތިނަން ގެނެވޭތޯ ބަލާށޭ، އެކުވެރިވެގެން، 11 މީހުން އެކަކަށް ވާންޖެހޭ، އެގާރަ މީހުން ވަކިވެއްޖެއްޔާ ޓީމެއް ނޯންނާނެ" މި ޖީލުގެ ކުޅުންތެރިންނަށް މުފީދު ދޭން ބޭނުންވީ މި މެސެޖެވެ.
މުފީދުގެ ތައުރީފު ފޭދޫ އިއްބެއަށް
މިހާރު ރާއްޖޭގައި ތިބި އެންމެ އިތުބާރު ފޯވާޑުންގެ ތެރޭގައި އައްޑޫސިޓީ ފޭދޫއަށް ނިސްބަތްވާ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫއިއްބެ) ހިމެނޭނެއެވެ. މިނިވަން ޗެމްޕިއަންޝިޕް 2015 ގެ ފައިނަލުގައި ފަރެސްމާތޮޑާ ކޮޅަށް ފޭދޫ ޓީމުގެ އިއްބެ ޖެހި ހިތްގައިމު ލަނޑުން އޭނާ މަޝްހޫރުވެގެންދިޔައެވެ. އޭނާއަކީ މިހަރު ރާއްޖޭގައި ހުރި އެންމެ އިތުބާރު އެއް ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ފޯވާޑެކެވެ.
ފޭދޫ އިއްބެގެ ކުޅުން މޮޅުނަމަވެސް އޭނާ ލައްވާ ކުޅުވާ ކުޅުންތެރިން ނެތްކަން މުދީފު ފާހަގަކުރިއެވެ.
"ފޭދޫ އިއްބެ ކުޅޭތަން ފެނޭ ޓީވީން، ވަރަށް ބަރާބަރު، އެކަމަކު އޭނާ ލައްވާ ކުޅުވާ މީހުން މަދު، އޭނަ އެކަނި އެހެން ނުކުޅެވޭނެ، އޭނާއަށް އެހީތެރިކަން ދޭނެ ކުޅުންތެރިން އެބަ ތިބެންޖެހޭ" ފޭދޫ އިއްބެއާ ގުޅޭގޮތުން މުފީދު ބުންޏެވެ.
މި ޖީލަށް މުފީދު ދޭން އޮތް މެސެޖު ކުރު ނަމަވެސް ވަރަށްވެސް ބޮޑެވެ. އެއީ ކުޅިވަރުގެ ރިވެތި އަހުލާގާއި އެއްގޮތަށް ކުޅުމެވެ. އަދި ނަމޫނާ ދައްކާ ބަޔަކަށް ވުމެވެ. އަދި ރާއްޖޭގެ ފުޓުބޯޅައަށް އަބަދުވެސް ކުރިއެރުން ލިބުމަކީ މުފީދުގެ އެންމެ ބޮޑު އެއް އެދުމެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ޖައްވުގައި "އުދުހިފައި" މުފީދު އެ ހޯދި ކާމިޔާބީތަކާއި އޭނާގެ ކުރު ފުޓުބޯޅަ ކެރިއަރުން މި ޖީލަށް ގިނަ ފިލާވަޅުތަކެއް ލިއްބައިދެއެވެ.
މުފީދު އުދުހުނު ކަމަށް ކާބަފައިން ބުނީމަ އަޅުގަނޑުމެން މިތިބީ ގަބޫލު ކޮށްގެންނެވެ.މުފީދު ޖެހޭނެ ޝުކުރުކުރަން.
(މިއީ ވަރަށް ކިޔާލަން ފަސޭހަ، މޮޅު ލިޔުމެއް. ލިޔުމުގެ ފެންވަރަށް އައްސަރިބަހާއި ސާބަސް ދެވޭވަރުވޭ. ޝުކުރިއްޔާ).
މީ އައްޑޫ މެރިޑޯނާ ނުންތޯ ؟
ހިތަދޫ އިބްރާހިމް ދީދީ އަދި (ހަސނާ) އަކީ މުފީދު އާއި އެއްވަރުގެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިން ތަކެއް
ތީ ދެން މީހަކު މަޝްހޫރުވާން ކޮންކަމެއް. އުދުހޭ މުފީދުވިޔަސް، ވައިރޯޅި މުފީދު ވިޔަސް ތީ ހަމަ ސުމެއް. ސުމަކުން ސުމެއް. މުފީދު އެ ކުޅުނު ވައްތަރަށް ފުޓުބޯޅަ ނުކުޅުނަސް ހެޔޮ.
ކަލޯ އެއ އިރު މުފީދު ކުޅޭ އިރު ބޯޅަ ވެސް ނުފެނޭ
ފަހުރުވެރި ވޭ