ސެރިއާ "އޭ" ގައި ރޭ ޔުވެންޓަސް އާއި ސަސުއޯލޯ ބައްދަލު ކުރި މެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ގޯލާއި އެކު ދުނިޔޭގެ ފުޓްބޯޅަ ތާރީޙުގައި އެންމެ ގިނަ ރަސްމީ ގޯލު ޖަހާފައިވާ އެއް ކުޅުންތެރިއަކަށް ރޮނާލްޑޯ ވެއްޖެއެވެ.
3-1 ގެ ނަތީޖާ އަކުން ޔުވެންޓަސް މޮޅުވި މި މެޗުގައި ރޮނާލްޑޯ ވަނީ މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ފަހު ގޯލު ކާމިޔާބު ކޮށްދީފައެވެ. މިއާއިއެކު އޭނާ ވެގެން ގޮސްފައި ވަނީ ފުޓްބޯޅައިގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. ރޮނާލްޑޯ ނިސްބަތްވާ ޕޯޗުގަލް އަށާއި އޭނާގެ ކްލަބު ކެރިއަރުގައި ކުޅުނު ޓީމުތަކަށް ރޮނާލްޑޯ ވަނީ މިހައިތަނަށް 759 ގޯލު ކާމިޔާބު ކޮށްދީފައެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ މި ރެކޯޑު ހަދާފައި ވީ ނަމަވެސް، ނަވާރަސްތޭކައިގެ އަހަރުތަކުގައި ވިދާލި މަޝްހޫރު ފޯވާޑު ޖޯސެފް ބައިކަން ވެސް ވަނީ އޭނާގެ ކެރިއަރުގައި 759 ގޯލު ކާމިޔާބު ކޮށްފައެވެ. އެހެންކަމުން، މި ދެ ކުޅުންތެރިންވެސް މިހާރު އޮތީ މި ލިސްޓުގެ އެއް ވަނާގައެވެ.
ފުޓްބޯޅައިގެ މާހިރުން މިހާރު ލަފާކުރަމުން އަންނަ ގޮތުގައި ބުރާސްފަތި ދުވަހު ކޮޕާ އިޓާލިއާގައި ޖެނޯއާ އާއި ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި ރޮނާލްޑޯ އިތުރު އެއް ލަނޑު ޖަހައި، ޖޯސެފް ބައިކަން މި ލިސްޓުގެ ދެ ވަނަ އަށް ވައްޓާލާނެއެވެ. ރޮނާލްޑޯގެ އެންމެ ވަރުގަދަ ވާދަވެރިޔާ ކަމުގައިވާ ލިއޮނެލް މެސީ އޮތީ 746 ގޯލު ކާމިޔާބު ކޮށްގެން މި ލިސްޓުގެ ހަތަރު ވަނާގައެވެ. ނަމަވެސް، މި ސީޒަން ނިމުމުގެ ކުރިން މެސީވެސް ޖޯސެފް ބައިކަން ވައްޓާލައި މި ލިސްޓުގެ ކުރިއަށް ޖެހިލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
މި ސީޒަނުގައިވެސް ރޮނާލްޑޯގެ ފަރާތުން ގިނަ ގޯލުތަކެއް ފެންނަމުން ދިޔަ ނަމަވެސް ބާސެލޯނާ ދޫކޮށްލަން އުޅޭ ކަމަށް ހަބަރު ފެތުރިފައިވާ މެސީ އަށް އެންމެ އެދެވޭ ކުޅުމެއް އަދި މި ސީޒަނުގައި ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް ބާސާއިން އެންމެ ފަހުން ކުޅުނު ދެމެޗުގައި މެސީ ވަނީ ހަތަރު ލަނޑު ކާމިޔާބު ކޮށްދީ ބާސާއަށް މެޗު ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. ރޭގެ މެޗުގައި ރޮނާލްޑޯ ހެދި ރެކޯޑާއި އެކު ގިނަ ފަރާތްތަކަކުން އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންކަން ފާހަގަކޮށްލެވެއެވެ.
މަރްހަބާ ރޮނާލްޑޯ
👏🏻👏🏻👏🏻 ސާބަހޭ ބުރޯ!
ބުރޯ ހަމަ މޮޅީ
ސާބަހޭ މަމޮޅޭ! ވ. ހިއްވަރުގަދަ އިނގޭ!
ގޯލްއޭރިޔާތެރެއިންނުނިކުމެ ހުންނަމީހަކަށް ގޯލްޖެހިދާނެ އެކަމަކުތިބުނާކޮންމޮޅުކުޅުމެއްތޯދެއްކެނީ އޯޕަންކޮށް ހައެއްކަ ފުރުސަތުލިބި ގޯލެއްޖެހިގެން