އެފްއޭ ކަޕުގެ ތިންވަނަ ރައުންޑްގައި މިރޭ ޓޮޓެންހަމް އިން މެރިން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާ އެޓީމު މުބާރާތުން ކަޓުވާލައިފިއެވެ.

މެރިންގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމު ކޮޅަށް ޓޮޓެންހަމް އިންވަނީ 5 ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގައި މެރިން އަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގައި ޓޮޓެންހަމް އިން އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އެޓީމަށް ކުޅޭ 25 އަހަރުގެ ބްރެޒިލް ފޯވާޑް ކާލޮސް ވިނީޝިއަސް އެވެ. އޭނާ ވަނީ މެޗުގައި ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.

ކައިރިކައިރީގައި ޓޮޓެންހަމް އިން ހަތަރު ލަނޑު ކާމިޔާބުކޮށްފައި ވާއިރު އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ޑެލޭ އަލީގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ ވިނީޝިއަސް އެވެ. އަދި 30 ވަނަ މިނެޓުގައި އޭނާ އިތުރު ލަނޑެއް ކާމިޔާބުކޮށްފައި ވާއިރު އޭގެ ދެމިނެޓު ފަހުން ލޫކަސް މޯރާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ޔަގީންކަން ބޮޑު ކޮށްފައެވެ. ވިނީޝިއަސް ހެޓްރިކް ފުރިހަމަ ކުރި ލަނޑު ކާމިޔާބު ކުރީ މިހާފުގެ 37 ވަނަ މިނެޓުގައެވެ.

4-0 އިން ކުރީގައި އޮވެ ޓޮޓެންހަމް އިން ވަރަށް ހަމަޖެހިލައިގެން ދެވަނަ ހާފު ފެށިއިރު ކޯޗް މޮރީނިއޯ ވަނީ އުމުރުން އެންމެ 16 އަހަރުގެ އަލްފީ ޑެވީން އަށް މެޗުގައި ފުރުސަތު ދީފައެވެ. މެޗުގައި ޓޮޓެންހަމް އިން ޖެހި ފަހުލަނޑަކީ އުންމީދީ މިޑްފީލްޑަރު އަލްފީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިލަނޑާއެކު އޭނާވަނީ ޓޮޓެންހަމްގެ ތާރީހުގައިވެސް ރަސްމީ މުބާރާތެއްގައި އެޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިން އެންމެ ހަގު ކުޅުންތެރިޔާއަށް ވެފައެވެ.

ފަސޭހަ މެޗަކަށްފަހު ދެން ޓޮޓެންހަމް ކުރިމަތިލާން ޖެހޭނީ ޕްރިމިއަރ ލީގުގެ މެޗެއްގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޭސްޓަން ވިލާ އާއިއެވެ. މިމެޗު ކުޅޭނީ މިމަހުގެ 14ވާ ބުރާސްފަތި ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުޕާސީ

    ލަނޑު ގޯންޏެކޭ ބުނިއިރު ތި ޖެހުނީ އެންމެ 5 ލަނޑެންނު. މެރިންގެ ފުރަތަމަ 11 ގަ ހިމެނެނީ ޕުރޮފެޝަނަލް ފުޓުބޯޅަ ކުޅޭ އެންމެ 2 ކުޅުން ތެރިން. ދެން ހުރީ ޓީޗަރަކާ ރެފިއުސް ކަލެކްޓަރ އަކާ ފެކްޓުރީވޯކަރ އަކާ ޕުލަންބަރ އަކާ ކާރސޭލްސްމަން އަކާ ޓުރަކުވޯކަރ އަކާ ޓެލެކޮމް މެނޭޖަރ އަކާ ވެއަރހައުސް މެނޭޖަރ އަކާ ފުޓްބޯޅަ ކޯޖެއް. މިވަރުގެ ޓީމަކާ ކުޅެ ބޮޑު އަގުގެ ތަރިންގެ ޓީމަކަށް ތި ނަތީޖާ ނެރެވުނީމަ އަހަރުން ނުކިޔާނަށް ލަނޑުގޯންޏެއް އޮއްސާލީއޭ.

    16
    2
    • Anonymous

      އަޅުގަނޑު ހީކުރީ ވިއްސަކަށ ލަނޑު ޖެހީކަމަ ށް. ހެހެހެ

      1
      1
      • ާއަހުން ވެސް ސޭމް ހީކުރީ.. ލޮލް

        ...