ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން ހޯދި މޮޅާއެކު ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބް ސްޓްރީޓްސްއިން މި ސީޒަނުގައި އެޓު ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ކުލަބް ގްރީންސްޓްރީޓްސް ގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ ކުރީކޮޅުގައެވެ.
ކުރީކޮޅު ދަ ގްރާންޑޭގެ ގޯލަށް ބާރުބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 13 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފޯވާޑް އެންޖެލް މުނޯޒެވެ.

މި ގޯލަށްފަހު ވެސް ގްރީން އިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އަނެއްކޮޅުން ދަ ގްރާންޑޭއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

ގްރީން އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: އެފްއޭއެމް

ހާއްސަކޮށް ދަ ގްރާންޑޭގެ އޮޓަބެކް ޚައިދަރޯފަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އަދި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާނު) އަށް ލިބުނު ފުރުސަތުވެސް ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކު ކުލަބް ގްރީންސްޓްރީޓްސް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ދަ ގްރާންޑޭ އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއީ ކުޅުނު ފަސް މެޗުންނެވެ.