އިނގިރޭސި ކުލަބް ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާގެ ހާލަތާއި މެދު ހަމްދަރުދީވާ ކަމަށާއި، މި ހާލަތު އަދިވެސް ބަދަލުކުރެވޭނެކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ރެކޯޑު އަގެއްގައި ޗެލްސީއަށް ގެނައި ވާނާގެ ފަރާތުން މިހާތަނަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވެއެވެ. އެގޮތުން އެންމެފަހުން ޗެލްސީ ކުޅުނު 10 މެޗުގައިވެސް އޭނާއަށް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެއާއި އެކު ގިނަ ބަޔަކު ދަނީ ވާނާގެ ދަށް ކުލުން ފާހަގަކޮށް އޭނާ ޓީމުން ބޭރުކުރުމަށް ގޮވާލަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލަމް އަތުން ޗެލްސީ މޮޅުވި މެޗުގައިވެސް ވާނާއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް އޭގެން އެއްވެސް ބޯޅައެއް ގޯލަށް ވައްދާލެވިފައެއް ނުވެއެވެ. ވާނާ އެންމެފަހުން ލަނޑުޖަހާފައިވަނީ އެފްއޭ ކަޕުގައި ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ މޯކާމްބެ ކޮޅަށެވެ. އެއީ އޭނާ ޗެލްސީއަށް ލަނޑެއް ނުޖެހި ފުރިހަމަކުރި 13 ވަނަ މެޗުގެ ތެރެއިންނެވެ.

ޗެލްސީ ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ގިނަބަޔަކު ދަނީ ލަމްޕާޑު އެ މަޤާމުން ވަކިކުރުމަށް ގޮވާލަމުންނެވެ. ލީގު ތާވަލުގައި ޗެލްސީ އޮތީ ހަތްވަނައިގައެވެ. ޗެލްސީ އެންމެ އަވަހަށްވެސް ލީގު މެޗެއް ދެން ކުޅޭނީ އަންނަ ބުދަދުވަހު އެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ލެސްޓާ ސިޓީއާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފިއުޖީ

    އަހަރެމެންވެސް އެސޮރަށް ހަމްދަރުދީ ވަން. ފުލަމްއާ ދެކޮޅަށް ކުޅުނު ރޭވެސް އެއްކޮށް ހުސްކޮށް ލިބުނު ބޯޅަވެސް ފޮނުވާލީ ބޭރަށް