އިޓާލިއަން ލީގުގައި ޗެމްޕިއަން ޔުވެންޓަސް އަތުން އިންޓަރމިލާން ހޯދި މޮޅާއެކު ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯގެ ފާޑުކިޔުން އެ ޓީމުގެ ކުޅުންތެރިންނަށް އަމާޒުކޮށްފިއެވެ.

އޭސީ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުވެންޓަސްއާއި ވާދަކޮށް އެ ޓީމު މެޗު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އިންޓަރމިލާނުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ނިކޮލޯ ބަރެއްލާ ތަނަވަސްކޮށްދިންނ ފުރުސަތަކުން ކާމިޔާބުކުރީ އާޓުރޯ ވިޑާލް އެވެ. ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އިންޓަރގެ ދެވަނަ ލަނޑު އަލެސަންޑްރޯ ބަސްޓޯނީ ތަނަވަސްކުރި ފުރުސަތަކުން ކާމިޔާބުކުރީ ނިކޮލޯ ބަރެއްލާ އެވެ.

މެޗަށްފަހު ޔުވެންޓަސްގެ ކޯޗު ޕިރްލޯގެ ހުރިހާ ބަހެއް އަމާޒުކުރީ އެ ޓީމުގެ ކުޅުންތެރިންނަށެވެ. ޕިރްލޯ ވަނީ މި ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ ކުޅުންތެރިން ކަމަށް ބުނެފައެވެ.

"މި ބަލި އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭނެ، މިއަށްވުރެ ވަކި ގޯސްކޮށް އަހަރެންގެ ޓީމެއް ނުކުޅޭނެ، އެބަޖެހޭ ވަރަށް ގިނަ ކަންކަން ރަނގަޅުކުރަން، ކުރިޔަށްއޮތް ނާޕޮލީ މެޗު ކާމިޔާބުކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ" އަންނަ ބުދަދުވަހު ސުޕަ ކަޕުގައި ނާޕޮލީއާއި ދެކޮޅަށް ކުޅޭ މެޗަށް އިޝާރާތްކުރަމުން ޕިރްލޯ ބުންޏެވެ.

ޕިރްލޯ ބުނީ ޔުވެންޓަސް ކުޅުންތެރިންގެ ވިސްނުމުގައި މައްސަލަތަކެއް އުޅޭކަމަށެވެ. އަދި އެއްވެސް ވަރަކަށް ކުޅުމުގެ ރޫހެއް ފެންނަން ނެތްކަމަށާއި އެއީ މެޗުތަކުން މޮޅު ނުވެވޭ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

"އެންމެ ފުރަތަމަވެސް އިންޓަރ ކުޅޭތަން ފެނުނީމަ މި ޓީމު (ޔުވެންޓަސް) ގެ ކުޅުންތެރިން ތިބީ ހުއްޓުންއަރާފައި، ބިރުން ތިބީ، ކުޅުންތެރިންގެ ސިކުނޑީގައި ހުރީ ޑިފެންސިވް ގޭމެއް ކުޅެން، އެއްވެސް ވަރަކަށް ކުރިޔަށް ޖެހުނު ތަނެއް އަހަންނެއް ނުދެކެން، އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ ޓީމުން އިންޓަރ އަށް ހުރިހާ ފުރުސަތުތަކެއް ތަނަވަސްކޮށްދިނީ ވެސް " ހިތްހަމަނުޖެހިފައި ހުރި ޕިރްލޯ ބުންޏެވެ.

ޔުވެންޓަސްގެ އަމާޒަކީ އަދިވެސް ތަށި ކަމަށާއި އެ އުއްމީދު އަދިވެސް އެބައޮތް ކަމަށެވެ. އަދި ޔުވެންޓަސް އަކީ ކިހާވަރެއްގެ ޓީމެއްކަން ކުޅުންތެރިން ދަންނަންޖެހޭ ކަމަށާއި އެ ވިސްނުން ބަދަލުކޮށްގެން ކުރިޔަށްހުރި މެޗުތަކުގައި ކުޅުން މުހިއްމު ކަމަށް ޕިރްލޯ ބުންޏެވެ.

"ވަރަށް ފީކަޅާ ޕާސިންތަކެއް ޔުވެންޓަސްގެ ފަރާތުން ފެނިގެންދިޔައީ، ގިނައިން ކުރިޔަށް ކުޅެންޖެހޭ ބޯޅަތަށްވެސް ކުޅެފައިހުރީ ޑިފެންޑަރުންނާއި، ކޯޗުން އަބަދުވެސް މަސައްކަތްކުރާނީ ޓީމު ހަމަޔަކަށް އަޅުވަން، ބައެއް ފަހަރު ހީވެ ކުޅުންތެރިންނަށް ކިޔައިދޭ އެއްޗެހި ނަގައިނުގަނެވޭ ހެންވެސް، އެހެންވެތާ ބުނާގޮތަށް ކަންކަން ނުވަނީ" ޕިރްލޯ ބުންޏެވެ.

މި ނަތީޖާއާއެކު އިންޓަރމިލާން އޮތީ ކުޅުނު 18 މެޗުން ލިބުނު 40 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހަމަކޮށްގެން އެއް މެޗު މަދުން ކުޅެގެން ތާވަލުގެ އެއްވަނައިގައި އޮތީ އޭސީ މިލާނެވެ. ޔުވެންޓަސް އޮތީ ކުޅުނު 17 މެޗުން ލިބުނު 33 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.