ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިފަހަރު މުޅިން އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއެކު އެ ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.

މި އެއްބަސްވުން ބާތިލުކޮށްފައިވަނީ ދެ ފަރާތުން ވާހަކަ ދެކެވި އެގޮތަށް އެއްބަސްވެގެންނެވެ. ނާދު އާއެކު ހަދާފައިވާ އެއްބަސްވުން އުވާލިކަން އެ ކުލަބުގެ މީސްމީޑިއާތައް މެދުވެރިކޮށް ވަނީ ހާމަކޮށްފައެވެ.

ނާދު އާއެކު ހަދާފައިވާ އެއްބަސްވުން އުވާލިކަން ހާމަކޮށް ސަސް އިން މީސްމީޑިއާގައި ލިޔެފައިވާ މެސެޖުގައި ނާދު އެ ޓީމަށް ކޮށްދިން މަސައްކަތްތަކަށް ވަނީ ޝުކުރުއަދާކޮށްފައެވެ. ސަސް އިން އެ ޓީމުގެ ކޯޗާއެކު އެއްބަސްވުން އުވާލިއިރު ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކެއްގެ ކޯޗުން ވަނީ މަޤާމުން ވަކިވެފައެވެ.

ސަސް ވަނީ މި ސީޒަނުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި ސީޒަނުގައި ސަސް މިހާތަނަށް ކުޅުނު ހަ މެޗުން އެ ޓީމު ބަލިވެފައިވަނީ އެއް މެޗުންނެވެ. އެ ޓީމު ބަލިވެފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކޯޗުންގެ ތެރެއިން ކޯޗެއް ގެނައުމުގެ މަސައްކަތް ސަސް އިން ދަނީ ކުރަމުންނެވެ.

މި ސީޒަނުގެ މިހާތަނަށް މަޤާމުން ވަކިވި ކޯޗުންގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ކުލަބް އީގަލްސްގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިތުރުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ފާހަގަކޮށްލެވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ސަސް މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައި އެ ޓީމު މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ.