އިނގިރޭސި ޕްރިމިއަރ ލީގުގައި ނިއުކާސަލް އަތުން އާސެނަލް މޮޅުވި މެޗުގައި އާސެނަލްގެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ އެމިލް ސްމިތް އާއި ބުކަޔޯ ސާކާ ރެކޯޑެއް ހަދައިފިއެވެ.

އާސެނަލްގެ ދަނޑުގައި ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އާސެނަލް ވަނީ ތާވަލުގެ 10 ވަނައަށް ޖެހިލާފައެވެ.

މެޗުގައި ތިން ގޯލުވެސް ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގައެވެ. އާސެނަލްގެ ފުރަތަމަ ގޯލު މެޗުގެ 50 ވަނަ މިނެޓުގައި ކާމިިޔާބުކޮށްދިނީ އޮބަމަޔަންގް އެވެ. މި ލަނޑު އޭނާ ކާމިިޔާބުކޮށްދިނީ އުފެއްދި ކައުންޓަރ އެޓޭކެއްގައި ތޯމަސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ލަނޑު ޖެހިތާ ދިހަ މިނެޓުފަހުން އާސެނަލްގެ ދެވަނަ ލަނޑު ސާކާ ކާމިޔާބުކޮށްދިނެވެ. މިއީ އެމިލް ސްމިތް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ އެމިލް ސްމިތް، ސާކާ އަށް ތަނަވަސްކޮށްދިން ބޯޅަތަކުން މި ސީޒަނުގައި މިހާތަނަށް ދެ ކުޅުންތެރިން ގުޅިގެން ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އެއާއި އެކު މިއީ ޕްރިމިއަރ ލީގުގައިވެސް ރެކޯޑެކެވެ. އެއީ ޕްރިމިއަރ ލީގުގައި އުމުރުން 21 އަހަރު ނުވާ ކުޅުންތެރިންތަކުގެ ތެރެއިން ދެ ކުޅުންތެރިން ގުޅިގެން މިހާތަނަށް ކާމިޔާބުކުރި އެންމެ ގިނަ ލަނޑެވެ.

ނިއުކާސަލް އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

އާސެނަލްގެ ތިންވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އޮބަޔަމަންގް އެވެ. މިއީ ލަނޑެއް ކަމަށް ބަލާފައިވަނީ ވީއޭއާރު މެދުވެރިކޮށް ބެލި ބެލުންތަކަށްފަހު އެވެ.

މީގެއިތުރުންވެސް އެމިލް ސްމިތް ދަނީ އާސެނަލްއާއި އެކު ކުޅެން ލިބޭ ކޮންމެ ފުރުސަތެއްގައި ތަފާތު ދައްކަމުންނެވެ. މިހާތަނަށް އާސެނަލް ކުޅުނު މެޗުތަކުގައި އޭނާގެ ފަރާތުން ތަފާތު ފެނެއެވެ.

"އާޓެޓާ ދިން ފުރުސަތުތަކަށް ޝުކުރުވެރިވަން، ހަގީގަތުގައި ޓީމުގެ ކުޅުންތެރިން ވަރަށް ސަޕޯޓިވް، ހާއްސަކޮށް ލަކަޒޭ ވަރަށް އެއްޗެހި ކިޔައިދޭ، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެކުގައި ކުޅޭއިރު ހާއްސަކޮށް އަހަރެންގެ ކުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިއްސި،" މެޗަށްފަހު ސްކަައި ސްޕޯޓްސްއާއި ވާހަކަދައްކަމުން އެމިލް ސްމިތް ބުންޏެވެ.

މި މޮޅާއެކު އާސެނަލް ތާވަލުގެ 10 ވަނައަށް ޖެހިލީ ކުޅުނު 19 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވި އޮތީ ކުޅުނު 18 މެޗުން ލިބުނު 19 ޕޮއިންޓާއެކު ތާވަލުގެ ތާވަލުގެ 15 ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތީ 37 ޕޮއިންޓާއެކު އެވެ.