ޒްލަޓާން އިބްރަހިމޮވިޗްގެ މޮޅު ކުޅުމާއި އެކު ކަލިއާރީ ބަލިކޮށް އިޓާލިއަން ލީގުގެ އެއްވަނައަށް އޭސީ މިލާން ޖެހިލައިފިއެވެ.

ކަލިއާރީގެ ދަނޑުގައި ކުޅުނު މި މެޗު އޭސީ މިލާން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އޭސީ މިލާނުގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އިބްރަހިމޮވިޗް އެވެ.

މިއީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން ހަ ހަފުތާއަށް ކުޅުމާއި ދުރުގައި އުޅުމަށްފަހު އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ ކުޅުނު ދެވަނަަ މެޗުކަން ފާހަގަކޮށްލެވެއެވެ. މިދިޔަ ހަފުތާގެ ހޯމަދުވަހު ޓޮރީނޯއާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މަދު ވަގުތުކޮޅަކަށް އޭނާ ކުޅެން އެރިއެވެ.

މެޗުގައި އޭސީ މިލާނުގެ ފުރަތަމަ ލަނޑު އިބްރަހިމޮވިޗް ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ. މިއީ މެޗު ފަށައިގެން ހަވަނަ މިނެޓުގައި އޭރިއާ ތެރެއިން އިބްރަހިމޮވިޗް އަށް ފައުލުކުރުމާއި ގުޅިގެން ވީއޭއާރުގެ އެހީގައި ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އޭނާ ކާމިިޔާބުކުރީ ފަސޭހަކަމާއެކު އެވެ.

ކަލިއާރީ ކޮޅަށް ލަނޑު ޖެހުމަށްފަހު އިބްރަހިމޮވިޗް އާއި ޓީީމު އުފާފާޅުކުރަނީ

މި ލަނޑަށްފަހު ވެސް އިބްރަހިމޮވިޗް ދިޔައީ ތަފާތު ދައްކަމުންނެވެ. ހާއްސަކޮށް އެ ޓީމުގެ ކުޅުންތެރިންނަށް ބޯޅަ ސަޕްލައިކޮށްދީ، ހަމަލާތަށް އުފެއްދުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރިއެވެ. މެޗުގައި އޭސީ މިލާނުގެ ދެވަނަ ލަނޑު އިބްރަހިމޮވިޗް ކާމިޔާބުކުރީ 52 ވަނަ މިނެޓުގައެވެ. މިއީ ޑޭވިޑް ކަލަބްރިއާ ތަނަވަސްކޮށްދިން ފުރުސަތަކުން އިބްރަހިމޮވިޗް ކާމިޔާބުކުރި ލަނޑެކެވެ.

އިޓާލިއަން ލީގުގެ މި ސީޒަނުގެ މިހާތަނަށް އިބްރަހިމޮވިޗް ޖެހި ގޯލުތަކުގެ އަދަދު ވަނީ 13 އަށް އަރާފައެވެ. އިބްރަހިމޮވިޗްގެ ރަނގަޅު ފޯމާއެކު އޭނާ ވެގެންގޮސްފައިވަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައެވެ. އުމުރުގެ ގޮތުން ކިތަންމެ ބޮޑުވި ކަމުގައިވީ ނަމަވެސް އޭނާ ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި މޮޅާއެކު އޭސީ މިލާނުގެ އޮތީ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 18 މެޗުން ލިބުނު 43 ޕޮއިންޓާއެކުގައެވެ. ހަމަ މިއަދަދަށް މެޗު ކުޅެގެން ދެވަނައިގައި އިންޓަމިލާން އޮތީ 40 ޕޮޮއިންޓާއެކު އެވެ. މި މެޗުން ބަލިވި ކަލިއާރީ އޮތީ ތާވަލުގެ 17 ވަނައިގައި 14 ޕޮއިންޓާއެކު އެވެ.