ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަކީ ކޮންމެ ޓީމަކުންވެސް ގެންނަން ބޭނުންވާނެ ކުޅުންތެރިއެއް ކަމަށާއި ޕީއެސްޖީއަށް އޭނާ ގެންނަން ބޭނުންވާ ކަމަށް އެ ޓީމުގެ ސްޕޯޓިން ޑިރެކްޓާރ ބްރެޒިލްގެ ލިއޮނާޑޯ ބުނެފިއެވެ.

މިއީ ޕީއެސްޖީގެ ވެރިއަކު މިހާތަނަށް މެސީ ގެނައުމާއި ގުޅޭގޮތުން ފާޅުކަންބޮޑު ގޮތެއްގައި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. މީގެކުރިން ތުންތުންމަތިން މެސީއަށް ޝައުގުވެރިވާކަމަށް ގިނަ މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވެއެވެ.

މި ސީޒަނަށްފަހު އުމުރުން 33 އަހަރުގެ މެސީއާއެކު ބާސާއިން ހަދާފައިވާ އެއްބަސްވުން ހަމަވާއިރު މުއްސަނދި ކުލަބުތަކުން ދަނީ މެސީ ހޯދުމަށް މަސައްކަތްކުރަމުންނެވެ. މެސީ ބާސާގައި ބެހެއްޓުމަށް އެ ކުލަބުން ގިނަ މަޝްވަރާތަކެއް ކުރިނަމަވެސް އަދި މިހާތަނަށް އެ މަޝްވަރާތަކަށް އަލިމަގެއް ނުފެނެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި މަހު ބާއްވާ ބާސާގެ އިންތިހާބަށްފަހު މެސީ ވަކިގޮތެއް ނިންމާނެއެވެ.

މެސީއާއެކު އެއްބަސްވުމަކަށް އައުމަށް މުއްސަނދި މެންޗެސްޓަރ ސިޓީންވެސް މަސައްކަތްތަކެއް ކުރިއެވެ. އަދި އެ ޓީމާއި އެކު މަޝްވަރާކުރުމަށް މެސީގެ ބައްޕަ ސިޓީއަށްވެސް ދިޔައެވެ. ނަމަވެސް އެ ބުރު ވަކިގޮތަކަށް އެއްބަހެއް ނުވެއެވެ. އެއީ މި ސީޒަން ފެށުމުގެ ކުރިންނެވެ. އޭގެފަހުން ޕީއެސްޖީން މަޝްވަރާތައް ފަށަފައިވާއިރު ބައެއް ރިޕޯޓުތައް ބުނާގޮތުން މެސީ ވަނީ ވަކިގޮތަކަށް އެއްބަސްވެފައެވެ.

ފްރާންސްގެ ނޫސްތަކާއި ވާހަކަދައްކަމުން ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރ ލިއޮނާޑޯ ބުނީ ނަން މަޝްހޫރު ކުޅުންތެރިން އަބަދުވެސް ޕީއެސްޖީއަށް ބޭނުންވާނެ ކަމަށެވެ. އެކަމަކު މިއީ އެ ވާހަކަދައްކަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށާއި ނަމަވެސް ޓްރާންސްފަރ ލިސްޓުގައި މެސީ ހިމެނޭނެ ކަމަށެވެ.

މެސީ ވަނީ މީގެކުރިން އެމެރިކާ ލީގުގައި ކުޅެން ބޭނުންވާކަމަށް ބުނެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ކެރިއަރުގެ ވަކި ހިސާބަކުން އާ ކަމެއް ތަޖުރިބާކުރަން ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ.