ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅައިގައި މި ސީޒަނުގައި އަލަށް ވާދަކުރަން ފެށި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފި އެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފަައިވާ މޯހަން މި މަޤާމާއި ހަވާލުވީ އޭނާ ކުރިން ކޯޗުކަންކޮށްދިން ކުލަބް އީގަލްސްއިން ވަކިވިތާ ދުވަސްތަކެއް ފަހުންނެވެ.

ސަސްގެ ކޯޗުކަމުގައި އެންމެފަހުން ހުރީ އަހުމަދު ނާޝިދު (ނާދު) އެވެ. މި މަޤާމު މޯހަން އާއި ހަވާލުކުރީ އެ ޓީމާއެކު އަޙްމަދު ނާޝިދު (ނާދު) ހަދާފައި އޮތް އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން 24 ގަޑިއިރު ނުވަނީހެވެ.

ކުލަބް އީގަލްސްގެ ކޯޗުކަމުގެ މަޤާމުން މޯހަން ވަކިވީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ދެ ފަރާތް އެއްބަސްވެގެން އުވާލުމަށްފަހު އެވެ. މޯހަން ވަކިވިއިރު ކުލަބް އީގަލްސްއިން މި ސީޒަނުގެ މިހާތަނަށް މާ އެދެވޭ ކުޅުމެއް ނުދައްކައެވެ. އެ ޓީމު މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެއް މެޗުންނެވެ. މި ނަތީޖާތަކާއި އެކު އީގަލްސް އޮތީ ތާވަލުގެ ފުލުން ދެ ވަނައިގައެވެ.

ސަސް އާއެކު އެއްބަސްވުމުގައި ސޮއިކުރަނީ-- ފޮޓޯ: ސަސް

މޯހަން އަކީ ކުލަބް އީގަލްސް ވަރުގަދަ ޓީމަކަށް ހެދުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ކޯޗެވެ. މި ސީޒަނުގެ ލީގުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުނަސް މިދިޔަ އަހަރުތަކުގައި މޯހަން ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުލަބް އީގަލްސްގައި ކޮށްފައެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް އިސްކަންދޭ މި ޓީމާއެކު މޯހަން މިހާތަނަށް ހޭދަކުރި އަހަރުތަކުން އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަވީ މިއަހަރުގެ ޗެރިޓީ ޝީލްޑް ކާމިިޔާބުކުރުމުގެ އިތުރުން ޓީމުގެ ތާރީޚުގައި މުޅިން އަލަށް މި އަހަރުގެ އޭއެފްސީ ކަޕުގެ ޕްލޭއޮފުން ޖާގައެއް ހޯދުމެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ރާއްޖޭގެ މަދު ކޯޗުންގެ ތެރޭގައި މޯހަން ހިމެނެއެވެ.

މޯހަންގެ ކޯޗުކަމުގެ ދަށުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުލަބް ވެލެންސިއާ އާއެވެ. މި މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާނުވާ

    ކެޕްޓަނައް ވެސް ކުޅުލަން ފުރުސަތެއް ދީބަލަ...އޭނަ އިންނަނީ ބެންޗުގަ ބައިންދާފަ ބޭންޑު އަޅުވާފަ..😁