ޔުވެންޓަސްއަށް ކުރިން ކުޅުނު ކްރޮއޭޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ މާރިއޯ މަންޒުކިޗް ވާދަވެރި އޭސީ މިލާނަށް ސޮއިކުރުމާއެކު އެ ޓީމުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ހިތްހަމަޖެހުން ފާޅުކޮށްފިއެވެ.

މި ސޮޔާއިއެކު މިވަގުތު އިޓާލިއަން ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އޭސީ މިލާނުގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަވެގެންދާނެ އެވެ. އެ ޓީމުގެ ފޯވާޑް ލައިނުގައި މިވަގުތު ހަރަކާތްތެރިވަމުން ދަނީ ޒްލަޓާން އިބްރަހިމޮވިޗެވެ.

"އަހަރެމެން ދެ މީހުންނާއެކު އޭސީ މިލާނު އިތުރަށް ވަރުގަދަވާނެ، އިދިކޮޅު ޓީމުތައް އިތުރަށް ބިރުގަންނާނެ، ކުރިން އިދިކޮޅު ޓީމުތައް ބިރުގަންނުވަން އުޅުނީ އަހަރެން އެކަނި، މީގެފަހުން އަހަރެމެން ދެމީހުން ވެގެން އިދިކޮޅު ޓީމުތައް ބިރުގަންނުވާނީ" މަންޒުކިޗް އޭސީ މިލާނަށް ސޮއިކުރުމާއި ގުޅިގެން އިބްރަހިމޮވިޗް ބުންޏެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މަންޒުކިޗް އޭސީމިލާނަށް ސޮއިކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ. އޭނާ އެންމެފަހުން ކުޅުނީ ގަތަރުގެ އަލް-ދުހެއިލް އަށެވެ. އެ ޓީމާއި އެކު މަންޒުކިޗް ހަދާފައިވާ އެއްބަސްވުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގައެވެ. އޭސީ މިލާނާއެކު ހެދި އެއްބަސްވުމުގައި މަންޒުކިޗް ގެ އެއްބަސްވުން އެ ޓީމުން ބޭނުންވެއްޖެ ނަމަ އިތުރު އެއް އަހަރަށް އިތުރުކުރެވިދާނެ އެވެ.
އުމުރުން 34 އަހަރުގެ މަންޒުކިޗް އަކީ ގޯލާއި ރައްޓެހި ފޯވާޑެކެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އުމުރުން 39 އަހަރުގެ ޒްލަޓާން އިބްރަހިމޮޗް އާއެކު އެ ޓީމުގެ ފޯވާޑް ލައިނަށް އިތުރު ފުރިހަމަކަމެއް އަންނާނެއެވެ.
މަންޒުކިޗް އެންމެފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގައެވެ. އެހެންކަމުން ބެލެވޭގޮތުގައި މަންޒުކިޗް އަށް ފުރަތަމަ އެގާރައިން ޖާގަ ލިބޭނީ ފިޓްނަސް ޓްރެއިނިންތަކަށް ފަހުއެވެ.
އޭސީ މިލާން އެންމެ އަވަހަށް މެޗެއް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެޓަލަންޓާ އާއި ދެކޮޅަށެވެ.