ލެސްޓަ ސިޓީ އަށް ކުޅެމުން އަންނަ ރިޔާދް މަހްރޭޒް އާއި ނަޕޯލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ގެނައުމުގެ މަސައްކަތް މެންޗެސްޓަރ ސިޓީން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އަލްޖީރިއާ އަށް އުފަން މަހްރޭޒް ގެންނަން ސިޓީން މަސައްކަތް ކުރާނީ ގާތްގަނޑަކަށް 60 މިލިއަން ޕައުންޑުގެ އަގަކަށެވެ.

މަހްރޭޒް ގެނައުމާއި ގުޅޭ މަޝްވަރާތަށް ލެސްޓާ އާއެކު ސިޓީން ކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު ޕްރީ ސީޒަން ޓުއާ އަށް ދިޔުމުގެ ކުރިން މި ޓްރާންސްފާ ފުރިހަމަ ކުރަން ސިޓީން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޕްރީ ސީޒަން ޓުއާގައި ބައިވެރިވުމަށް ސިޓީގެ ކުޅުންތެރިން އެމެރިކާ އަށް ފުރާނީ އަންނަ ޖުލައި މަހުއެވެ.

މަހްރޭޒް ގެނައުމަށް މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ވެސް ސިޓީން މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މަހްރޭޒްގެ އިތުރުން ސިޓީން ދެން ގެންނަން މަސައްކަތް ކުރަމުންދާ ޖޯޖީނިއޯ އަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާއެވެ. އެގޮތުން ޖޯޖީނިއޯ އަކި ނަޕޯލީގެ މެދުތެރޭ މައި އެއް ތަނބެވެ.

ޖޯޖީނިއޯ ގެނައުމަށް ސިޓީން މަސައްކަތް ފެށިއިރު އޭނާ ވިއްކާލަން ނަޕޯލީން ބޭނުންވަނީ 48 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖޯޖީނިއޯ ގެނައުމާ ގުޅޭގޮތުން ނަޕޯލީއާއެކު ސިޓީން މަޝްވަރާ ކުރަމުން އަންނައިރު އަންނަ ހަފްތާގައި މި ޓްރާންސްފާ ފުރިހަމަ ކުރެވޭނެ ކަމަށް ސިޓީން އުއްމީދު ކުރާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހުނަރުވެރި ދެ ކުޅުންތެރިއަކު ގެންނަން ސިޓީން މަސައްކަތް ކުރަމުން އަންނައިރު ގިނަ ރެކޯޑުތަކެއް މުގުރާލުމަށްފަހު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ސިޓީން ވަނީ ކާމިޔާބުކޮށްފައެވެ.