ރާއްޖޭގެ ވަރުގަދަ އެއް ބްރޭންޑް ކަމަށްވާ މަޅި މޯލްޑިވްސް އިން ބާއްވާ "ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖު 2021" ގެ ގެ ފުރަތަމަ މެޗު ކުލަބް އޯ ވަން އޯ ކާމިޔާބުކޮށްފިއެވެ.

ޖުމްލަ 63 މެޗާއި އެކު ކުރިޔަށްދާ މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. ކުޑަހެންވޭރު ދަނޑުގައި މި މުބާރާތް ކުރިޔަށްދާނީ ޖުމްލަ 32 ޓީމާއެކު އެވެ. މުބާރާތް ފެށުމުގެ ކުރިން މަޅި މޯލްޑިވްސްގެ ފަރާތުން ޝަރަފްވެރި މެހެމާނަށް ހާއްސަ ރަމްޒީ ޖާޒީއެއް ދީފައިވެއެވެ. މި ޖާރޒީ ޝަރަފްވެރި މެހެމާނާއި ހަވާލުކޮށްދެއްވީ މަޅި މޯލްޑިވްސްގެ އެމްބެސެޑަރ އަހުމަދު އަޔާޒް (އަޔާ) އެވެ.

މެޗުގެ ޝަރަފްވެރި މެހެމާނަށް ޖާރޒީ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ޔޫތް މިނިސްޓްރީ

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ ކުލަބް އޯ ވަން އޯ އަދި ޕާކް ބޯއިސް އެވެ. މި މެޗު ކުލަބް އޯ ވަން އޯ ކާމިޔާބުކޮށްފައިވަނީ 9-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ބޮޑުބައި އޯ ވަން އޯ މޮޅަށް ކުޅެފައިވާއިރު، މެޗުގެ ފަހުކޮޅު ޕާކް ބޯއިސް ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގައި ކުލަބް އޯ ވަން އޯ ގެ ގޯލުތައް ޖަހައިދިނީ ޖުމެއިލް ޖަމީލް އާއި އިބްރާހިމް ޝަނޫންގެ އިތުރުން އިސްމާއީލް މުނީޒް އާއި އަލީ ޝިފާއު (ރޮނާ)، މުހައްމަދު އިބްރާހިމް، އަދި މުހައްމަދު ލިޔާހު އެވެ. މީގެތެރެއިން އިސްމާއީލް މުނީޒް އަދި މުހައްމަދު ލިޔާހު، މިއިން ކޮންމެ ކުޅުންތެރިއަކި ދެ ގޯލު ޖެހިއެވެ. މި މެޗުގައި އެ ޓީމުން ދެން ޖެހި ގޯލަކީ ޕާކް ބޯއިސް ޓީމުގެ އިބްރާހިމް ޝައުފް މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޕާކް ބޯއިސް ޓީމުގެ ލަނޑުތައް ފެނިގެންގޮސްފައިވަނީ މެޗުގެ ފަހުކޮޅު އެވެ. މި ގޯލުތައް ޖަހައިދިނީ ޒައިން މުހައްމަދާއި އަހުމަދު ސައިހާން ޖަލީލެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް އޯވަން އޯ ގެ އަލީ ޝިފާއު (ރޮނާ) އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ-- ފޮޓޯ: ދެން އޮންލައިން
މި މުބާރާތް ކުރިޔަށްދާނީ ޖުމްލަ ހަ ގްރޫޕަކަށް ބަހާލައިގެންނެވެ. މި ގްރޫޕުތަކާއެކު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިޔަށްދާނީ މިމަހުގެ 28 ގެ ނިޔަލަށެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޓީމުތައް އެތުރިފައިވާ ގޮތް

މި މުބާރާތުގެ މެއިން ސްޕޮންސަ އަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ. ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ.

އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ހަލަބޮލި އަދި ރެމްޕޭޖް އެވެ.