ސްޕެނިޝް ކަޕުގެ ދެވަނަބުރުގައި އެ ޤައުމުގެ ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ އަލްކޮޔާނޯ އަތުން ބަލިވެ ގަދަބާރު ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުން އެ ޓީމު ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ 2001 ވަނަ އަހަރުގެ ފަހުން އެ ޤައުމުގެ ތިންވަނަ ޑިވިޝަނުގެ ޓީމެއް އަތުން ރެއާލް ބަލިވުމާއި ގުޅިގެން މުބާރާތާއި އަލްވަދާއު ކީ ފަސްވަނަ ފަހަރެވެ.

މެޗުގައި ރެއާލްއަށް ގޯލުޖަހަން ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އަދި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ވެސް އެ ޓީމުންނެވެ. މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ރެއާލް އެވެ. ރެއާލުން ލީޑު ނެގި ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރ އެޑާ މިލިޓާއޯ އެވެ. ނަމަވެސް މެޗު ނިމެން ވަގުތު ކުޑަތަންވެފައި ވަނިކޮށް އަލްކޮޔާނޯގެ ހޯސޭ ސޮލްބެސް ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ރެއާލް މެޑްރިޑް ކެޓި މެޗުގެ ތެރެއިން

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމާއި ގުޅިގެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ. މި ހާފުގެ ތެރޭގައި އަލްކޮޔާނޯ ވަނީ ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުއަނަން އެވެ.

ފާއިތުވި ހަތް އަހަރުވެސް ރެއާލް މެޑްރިޑަށް މި މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އަދިި މި މުބާރާތަކީ ރެއާލް މެޑްރިޑަށް އެންމެ ބަދުނަސީބާއި ކުރިމަތިލާން ޖެހުނު މުބާރާތެވެ. މި ބައްޔާއި އެކު ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލްރޭ ރެއާލަށް އެންމެފަހުން ވެސް ކާމިޔާބުކުރެވިފައި ވަނީ 14-2013 ވަނަ ސީޒަނުގައެވެ. އެ ބުރު ރެއާލުން މި ތަށި ހޯދީ ވާދަވެރި ބާސެލޯނާ ބަލިކޮށްގެންނެވެ.