ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލްރޭގައި އިތުރުވަގުތު ކާމިޔާބުކުރި ދެ ގޯލުން އެ ޤައުމުގެ ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ކޯނެލާ އަތުން ބާސެލޯނާ އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ކޯނެލާގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާއަށް ދެ ޕެނަލްޓީވެސް ލިބުނެވެ. ނަމަވެސް ދެ ޕެނަލްޓީވެސް ބާސާއަށް ކާމިޔާބެއް ނުކުރެވެއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން ދެން ކުޅުނީ އިތުރުވަގުތުގެ ދެ ހާފެވެ. މި މެޗުގެ އިތުރުވަގުތުގެ 92 ވަނަ މިނެޓުގައި ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން ޑެމްބެލޭ އެވެ. ބާސާގެ ދެވަނަ ލަނޑު 120 ވަނަ މިނެޓުގައި ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މާޓިން ބްރައިތްވެެއިޓް އެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ބާސެލޯނާގެ ޕިޔަނިޗް އާއި ޑެމްބެލޭއަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މި ދެ ޕެނަލްޓީގެ ހުރަހަކަށް ވީ މެޗުގައި ތަފާތު ކުޅުމެެއް ދެއްކި ކޯނެލާގެ އުމުރުން 21 އަހަރުގެ ގޯލްކީޕަރު ރާމޮން ހުއާން އެވެ. އޭނާގެ ފަރާތުން މި މެޗުގައި ގިނަ ސޭވްތަކެއް ފެނިގެންދިޔަ އެވެ. މިއީ އެއް މެޗެއްގެ ތެރެއިން ބާސާގެ ދެ ޕެނަލްޓީއެއް މިހާތަނަށް މަތަކުރި ފުރަތަމަ ކީޕަރެވެ.

ތިންވަނަ ޑިވިޝަނުގައި ކުޅެމުންއަންނަ ނަމަވެސް ކޯނެލާ ދަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެންމެފަހުން ކުޅުނު ބުރުގައި އެ ޓީމު ވަނީ ވަރުގަދަ އެތްލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށްފައެވެ.

ބާސާއާއި ވާދަވެރި ރެއާލް މެޑްރިޑް ވަނީ އެ ގައުމުގެ ތިންވަނަ ޑިވިޝަނުގެ އަލްކޮޔާނޯ އަތުން އިތުރުވަގުުތުގައި ޖެހި ލަނޑުން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔާފައެވެ.

ބާސާއަށް ކުރިޔަށް ދެން އޮތީ ލަލީގާގައި އެލްޗޭއާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. މި މެޗާއި ކުރިމަތިލިއިރު ބާސާގެ ކެޕްޓަން މެސީ ހުރީ ދެ މެޗުގެ ސަސްޕެންޝަނެއްގަ އެވެ. އެއީ ސުޕަ ކަޕު ފައިނަލުގައި އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިއަކަށް ހަމަލާދިން މައްސަލައިގައެވެ.