އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ސައުތެމްޓަން އާއި ވާދަކޮށް ބައިކޮޅަށް ޖެހި ހަމައެކަނި ގޯލާއެކު މުބާރާތުން އެންމެފަހުގެ ޗެމްޕިއަން އާސެނަލް ކަޓައިފިއެވެ.

ސައުތްހެމްޓަން ގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެންމެފަހުގެ ޗެމްޕިއަނުން އަތުން ތަށީ ބީވެގެންދިޔަ އިރު ، މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އާސެނަލް އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މިއީ އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ ސައުތެމްޓަންގެ ވޯކާ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ގެބްރިއަލްގެ ގައިގަ ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެން ބައިކޮޅަށް ވަތް ގޯލެކެވެ.

މިއީ އިނގިރޭސި އެފްއޭ ކަޕުގައި 2012 ގެ ފަހުން އާސެނަލްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ފުރަތަމަ ގޯލެވެ. މީގެކުރިން މި ރެކޯޑު އޮތީ ސަންޑަލޭންޑާއި ދެކޮޅަށް 2012 ވަނަ އަހަރު ކުޅުނު މެޗުގައި ބައިކޮޅަށް ލަނޑު ޖެހި އެލެކްސް އޮކްސްލޭޑް ޗެމްބެލައިން އަތުގައެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލުން ނަތީޖާ އަނބުރާލެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. އަދި ގިނަ ބަދަލުތަކެއް ވެސް ފެނިގެންދިޔަ އެވެ. ނަމަވެސް އާސެނަލަށް މި މެޗު ވީ ބަދުނަސީބު މެޗަކަށެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައި، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

މި ނަތީޖާއާއެކު ސައުުތެމްޓަން ވަނީ މުބާރާތުގެ ދެެން އޮތް ބުރަށް ދަތުރުކޮށްފައެވެ. މި ބުރުގައި އެ ޓީމު ވާދަކުރާނީ ވުލްވްސް އާއެވެ.