މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް ޑީގައި ޑަ ރޯޔަލްސް ބަލިކޮށް މުބާރާތުގައި ކުޑަހެންވޭރު ލަޔަންސްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޑަ ރޯޔަލްސް އާއި ވާދަކޮށް ކުޑަހެންވޭރު ލަޔަންސް މިމެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ކުޑަހެންވޭރު ލަޔަންސްއަށް މި މެޗުގައި ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަކީ ޝަހީމް އަބްދުލް ގާދިރު، އަހުމަދު ވަޖީހު، އިބްރާހިމް ޝަފްރާޒް އަދި މުހައްމަދު ސިރުހާން އެވެ. ޑަ ރޯޔަލްސް ޓީމުގެ ދެ ލަނޑުވެސް ޖަހައިދިނީ އައްޒާމް އަލިދީދީ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަހެންވޭރު ލަޔަންސްގެ އަލީ ސިމާހު އެވެ. އޭނާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު މަސްއޮޑި ސްޕޯޓްސް ކުލަބުގެ ނައިބު ރައީސް އާދަމް އަތޫފް އެވެ.

މުބާރާތުގެ ގްރޫޕް ޑީގައި ކުޑަހެންވޭރު ލަޔަންސް ކުޅުނު ފުރަތަމަ މެޗުގައި ވޯންޓެޑް އާއި ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެހެންކަމުން ކުޑަހެންވޭރު ލަޔަންސްއަށް ދެން ކުރިޔަށް ކުޅެން އޮތް މެޗަކީ ދެވަނަބުރަށް ދަތުރުކުރުމަށް މުހިއްމު މެޗެކެވެ. އަދި މި މޮޅަކީ އެ ޓީމަށް ވަރަށް މުހިއްމު މޮޅެކެވެ.

ޑަ ރޯޔަލްސް ބައްދަލުކުރި ފުރަތަމަ މެޗު އެ ޓީމު ވަނީ މޮޅުވެފައެވެ. ޑަ ރޯޔަލްސް މޮޅުވީ ތިމަރަފުށި ޔޫތު ޕްލެޔާސް (ޓީވައިޕީ) އާއި ވާދަކޮށް 6-1 ގެ ނަތީޖާއަކުންްނެވެ. އެއް މެޗުން ބަލިވި ނަމަވެސް އަދިވެސް އެ ޓީމަށް ދެވަނަބުރުގެ އުއްމީދު އެބައޮތެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި މިއަދު (24 ޖެނުއަރީ 2021) ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް

16:00- ޕާކް ބޯއިސް - ރެމްޕޭޖް

17:00- ލުއްޗާޒް - ނޮއެނާ

20:00- މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކުލަބް - ނަމުރު އެފްސީ

21:00- ކުޑަހެންވޭރު ޔުނައިޓެޑް - މަސްއޮޑި ސްޕޯޓްސް ކުލަބް

22:00- ބޫޗީޒް - ބުރު ސްޕޯޓްސް ކުލަބް

23:00- ޒެޕޯ - ޑީސީ އެވެންޖާސް