ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގުން ނޯމަލައިޒިންގ ކޮމިޓީއަކާ ހަވާލުކުރީ ޤާނޫގައި ޚިލާފަށް ކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ނިންމި ނަމަވެސް ސިވިލް ކޯޓުން ކުރި އެ ޙުކުމް ބަލައިނުގަންނާނެ ކަމަށް ވީއޭއެމްގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

"ވަގުުތު" އާއި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ ސިވިލް ކޯޓުގެ ޙުކުމަށް ވަރަށް ބޮޑަށް ނުފޫޒުފޯރުވާފައިވާ ކަމަށެވެ. އަދި އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އުވާލަންޖެހޭ އެއްވެސް ހާލަތެއް ނާންނަ ކަމަށާއި ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލާފައި އޮތީ ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ލިބިގެންނުވާ ބާރެއްގެ ދަށުން ކަމަށް ލަތީފް ވިދާޅުވިއެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީ އުވާލުމަށްފަހު އެ އެސޯސިއޭޝަނުގެ ހިންގުން ސްޕޯޓްސް ކޮމިޝަނަރ އަހުމަދު ސަލީމް (ހީނާ) އާއި ހަވާލުކޮށްފައިވަނީ 2019 ގެ ޖޫން 10 ގައެވެ. ނަމަވެސް އެފްއައިވީބީގެ ގަވާއިދާއި ހިލާފުކަމަށް ބުނެ އިންޒާރު ދިނުމާއި ގުޅިގެން އެ ކޮމިޓީ ފަހުން އުވާލިއެވެ.

ވީއޭއެމްގެ މެންބަރު ކުލަބުތަކުން އިސްވެ އޮކްޓޯބަރު 2019 ގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި، ހާޒިރުވެތިބި ފުރިހަމަ މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެން، ވީއޭއެމްގެ އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި، ވީއޭއެމްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ނޯމަލައިޒިންގ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ނޯމަލައިޒިންގ ކޮމިޓީއާ ވީއޭއެމް ހަވާލުކުރި ކުރުން ބަދަލުކުރަން ލަތީފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފައެވެ. މީގެކުރިން އެ މައްސަލައިގައި އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރިން ނިންމާފައިވެއެވެ.

ލަތީފް ވިދާޅުވީ ނެޝަނަލް ސްޕޯޓްސް ކައުންސިލުގެ ލަފައެއް ހޯދުމަށްފަހު ނޫނީ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމިޓީ ކޮމިޝަނާ އޮފް ސްޕޯޓްސްއަށް އުވާނުލެވޭނެ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން ލަތީފް ވިދާޅުވީ މި މައްސަަލަ އިސްތިއުނާފުކުރާނެ ކަމަށާއި ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިއީ ކުޅިވަރުގެ މުސްތަގްބަލަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

"ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ސްޕޯޓްސް އަޙްމަދު ސަލީމް (ހީނާ) ވިދާޅުވީ މި މައްސަލައިގައި ކޯޓުން ޙުކުމް ކުރުމާއެކު، ކޯޓުގެ ޙުކުމަށް އިޙުތިރާމު ކުރާ ކަމަށެވެ. އެހެންކަމުން ކޯޓުގެ ނިންމުމާ ދޭތެރޭ އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ކުޅިވަރުގައި ލަތީފަކީވެސް ވަރަށް އިޙުތިރާމު ކުރާ ބޭފުޅެއް ކަމުން، ލަތީފާ ދޭތެރޭވެސް ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ މަޤާމުގައި ހުރި ލަތީފުގެ ދައުރު ހަމަވާނީ ފެބްރުއަރީ 22 ގައެވެ. ވީއޭއެމްގެ މައްސަލައިގައި އެންމެ ފަހުބަސް މިހާރު އިއްވާ އެއް ފަރާތަކީ އެފްއައިވީބީ އެވެ. މި މައްސަލަ ހޫނުވެގެން މީގެކުރިން އެފްއައިވީބީން ވަނީ ރާއްޖެ ސަސްޕެންޑުކުރާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައެވެ.
ލަތީފް ވަނީ އެސޯސިއޭޝަނުގެ އިތުރު ދައުރަކަށް ވާދަނުކުރައްވަން ނިންމަވާފައެވެ.

ވީއޭއެމްގެ މައްސަލަ އެފްއައިވީބީގެ ބެލުމުގެ ދަށުގައި އޮތްއިރު، ލަތީފުގެ ދައުރު ހަމަވާނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި ދައުރު ނިމުމުގެ ކުރިން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް ލަތީފް މަސައްކަތް ކުރައްވަމުން އައި ނަމަވެސް، އެ އެސޯސިއޭޝަނުގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރަން ލަތީފް މީގެ ކުރިން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވގ

    އަނެތް ބޯބުރާތި މޭޔަރު ކަމައް ދައުވާ ކުރާމީހެއްތި

  2. ބަރުގޮނު

    މިހާރު އަނެއްކާ އަލަށް ކަމެއް ފެށެނީ. ކޯޓަކުން ކުރާ ޙުކުމަކަށް ހިތްހަމަނުޖެހެއްޖެއްޔާ ، " ޙުކުމް ޤަބޫލެއް ނުކުރާނަމޭ " ބުނުން ގިނަވާގޮތް ވެއްޖެ. ދުލުން މިހެން ބުނެގެން ނިންމާލެވޭނެބާ.

  3. ައޮފްބެ

    "ސިވިލް ކޯޓުން ކުރި ޙުކުމް ބަލައިނުގަނެ ދެންކޮންތާކަށްދާނީ..ދެންހެޔޮ ވޮލީ ހަލާކުނުކޮށް ދުރަށްދާންއުޅޭ!!!