މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ އުއްމީދީ މިޑްފީލްޑަރ ވެެން ޑަ ބީކް އެ ކުލަބުގައި ހުރީ އުފަލުން ނޫންކަމަށް އެ ކުލަބުގެ ކޯޗު ސޯލްޝެއާ ބުނެފިއެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އަޔެކްސް އިން ޔުނައިޓެޑަށް ބަދަލުވި ފަހުން އޭނާ ގިނައިން ފެނިގެންގޮސްފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އުމުރުން 23 އަހަރުގެ މިޑްފީލްޑަރ ޔުނައިޓެޑުގައި މައްސަލަތަކެއް ޖެހެން ފެށުނީ އޭނާއަށް ކުޅެން ލިބޭ ވަގުތު މަދުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވިއިރު ގިނަބަޔަކު ދެކުނީ އެއީ އެ ޓީމުގައި މުހިއްމު ރޯލެއް އަދާކުރާނެ ކުޅުންތެރިއެއްގެ ގޮޮތުގައެވެ.

ޔުނައިޓެޑުގައި ވެން ޑަ ބީކް ވަނީ މިހާތަނަށް 21 މެޗުގައި ކުޅުމުގެ ފުރުސަތު ލިބިފައެވެ. މީގެތެރެއިން ޕްރިމިއަރ ލީގުގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުނީ އެންމެ 10 ފަހަރެވެ. މީގެތެރެއިން މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ ހިމެނުނީ ދެ ފަހަރެވެ

އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި މިވަގުތު ޔުނައިޓެޑް އޮތީ ފްރެޑް، ސްކޮޓް މެކްޓޮމިނޭ، ޕައުލް ޕޮގްބާ، އަދި ބްރޫނޯ ފެނާންޑޭސް ގެ ބޮޑު ރޯލަކާއި އެކުއެވެ.

"ގަބޫލުކުރަން އޭނައަށް (ވެން ޑަ ބީކް) ގިނަވަގުތު ކުޅެން ބޭނުންވާނެކަން، ނުބުނާނަން އޭނަ ހުރީ އުފަލުންނޭ، އޭނަވެސް ގަބޫލުކުރަންޖެހޭނެ ބައެއް ކަންކަން ހުންނާޏެ، އެވާހަކަތައް އޭނައާ ދައްކަމުން ދަން ، މިވަގުތު އެ ޕޮޒިޝަނަށް ކުޅޭ މޮޅު ކުޅުންތެރިންތަކެއް އެބަތިބި" ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ ބުނީ ވެން ޑަ ބީކްއަށް މެޗު ނުލިބޭ މައްސަލައިން ހަނދާންވަނީ އޭނަގެ ކެރިއަރުގެ ކުރީކޮޅު އުޅުނު ގޮތް ކަމަށެވެ. އަދި އެ ކަންކަން ގަބޫލުކުރާ ކަމަށާއި ޗެލެންޖުތަކާއި އުނދަގޫތައް ކޮންމެ ކުޅުންތެރިއަކަށް ވެސް ކުރިމަތިވާނެ ކަމަށެވެ. އަދި ވެންޑަ ބީކް އަކީ ޔުނައިޓެޑަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި މުސްތަގްބަލުގައި އޭނާއަކީ ގިނަ މެޗުތަކެއް ލިބޭނެ ކުޅުންތެރިއެއް ކަމަށެވެ.