މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ބޫޗީޒް އާއި ބުރު ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔަ އެވެ.

މުބާރާތުގެ ގްރޫޕް އެޗްގައި ހިމެނޭ މި ދެ ޓީމު އެއްވަރުވިއިރު، ބޫޗީޒް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އެ ޓީމު ބަލިވީ މަސްއޮޑި ޓައިޓަންސް އަތުން 5-2 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ބުރު ސްޕޯޓްސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ އައެޖީ އެފްސީއާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ބުރު ސްޕޯޓްސް ކުލަބުގެ ދެ ލަނޑުވެސް ޖަހާފައިވަނީ އަލީ ހަމްދާން އެވެ. އަދި ބޫޗީޒް ޓީމަށް މި މެޗުގައި ލަނޑު ޖަހައިދިނީ ޝާމިލް ރަޝީދު އާއި ހަމްދޫން އަބްދުލް ހާދީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބުރު ސްޕޯޓްސް ކުލަބުގެ އަލީ ހަމްދާން އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.