ޗެލްސީ ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗުކަމުގެ މަގާމުން ފްރޭންކް ލަމްޕާޑް ވަކިކޮށްފިއެވެ.

އޭނާ އެ މަގާމުން ވަކިކުރިކަން ޗެލްސީން ހާމަކޮށްފައިވާއިރު، މި ސީޒަނަށް ޗެލްސީން ބޮޑު އަގުގައި ކުޅުންތެރިން ގެނެސްފައިވެއެވެ. ނަމަވެސް އެ ކުޅުންތެރިންގެ ފަރާތުން އުއްމީދުކުރި ވަރުގެ ކުޅުމެއް ފެނިފައެއް ނުވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޗެލްސީގެ އާ ކޯޗަކަށް ގެންނަން މަސައްކަތް ކުރަނީ ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އެވެ. ލަމްޕާޑު އެންމެފަހުން ޗެލްސީއަށް ކޯޗުކަން ކޮށްދީފައިވަނީ އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ލޫޓަން ޓައުން އާޢި ވާދަކޮށް 3-1 އިން ޗެލްސީ މޮޅުވި މެޗެވެ.

ޗެލްސީގެ ކޯޗުކަމާއި ލަމްޕާޑް ހަވާލުވީ 2019 ގައެވެ. އެ އަހަރުގެ ޖުލައިގައި މަގާމާއި ހަވާލުވުމަށްފަހު މިހާތަނަށް އައި އިރު އޭނާއަށް ޗެލްސީގައި ރަނގަޅު ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އެ ޓީމަށް އަމާޒުވިއެވެ. މި ސީޒަނުގައި ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އެއީ ކުޅުނު 19 މެޗުން ލިބުނު 29 ޕޮއިންޓާއެކު އެވެ.

ރިޕޯޓުތައް ބުނާގޮތުން ޗެލްސީން ދަނީ ޓުޗެލް އާއެކު އެންމެ ފަހުގެ މަޝްވަރާތައް ބާއްވަމުންނެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް މިކަން މީޑިއާއަށް ހާމަކުރުމަށް ހަމަޖެހިފައިވެއެވެ.

ޗެލްސީއަށް ނަތީޖާ ނުނެރެވޭއިރު މި ސީޒަނުގެ މިހާތަނަށް އެ ޓީމުގައި ތިބި އަގުބޮޑު ކުޅުންތެރިންނަށް މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވެއެވެ. ހަވާޓްޒް އާއި ޓިމޯ ވާނާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެންނާތީ އެ ކުޅުންތެރިން ކުލަބް ދޫކޮށްލުމަށް ގިނަ އަދަދެއްގެ ޗެލްސީ ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ.