ޕްރެމިއާ ލީގުގައި ކުޅޭ އާސެނަލް އިން އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ އާރޮން ރެމްސީގެ އެއްބަސްވުން އާކޮށް އިތުރު 1 އަހަރަށް އޭނާ އާސެނަލްގައި މަޑު ކުރުމަށް ނިންމައިފިއެވެ.

ވޭލްސްގެ ގައުމީ ޓީމަށް ކުޅެމުން އަންނަ 27 އަހަރުގެ ރެމްސީ އާސެނަލްގައި ކުޅޭ އެންމެ ފަހު އަހަރަށް ދާއިރު މިއަންނަ އަހަރު އޭނާ ހިލޭ ޓްރާންސްފާ އަކަށް ކްލަބު ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެމްސީ އާސެނަލް އާއި ގުޅިފައިވަނީ 2008 ގައި އޭނާގެ އަވަށު ކްލަބު ކަމަށްވާ ކާޑިފް ސިޓީ އިންނެވެ. އާސެނަލް އާއި ގުޅި އޭނާ ވަނީ 234 މެޗު ކުޅެ 36 ގޯލު އާސެނަލް އަށް ކާމިޔާބު ކޮށްދީފައެވެ. އާސެނަލްގެ ކުރީގެ ޑިފެންޑަރު މާޓިން ކިއޯން ބުނާގޮތުން އާސެނަލް އިން ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ރެމްސީ އާސެނަލްގައި މަޑު ކުރުވަން މަސައްކަތް ކުރަން ޖެހެއެވެ.

ރެމްސީ ވަނީ މިދިޔަ ސީޒަނުގައި އާސެނަލް އަށް 23 މެޗު ކުޅެދީ 11 ލަނޑު ކްލަބަށް ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން އަނގާރަ ދުވަހު ވޭލްސް އަދި މެކްސިކޯ ބައްދަލު ކުރި އެކުވެރި ކަމުގެ މެޗުގައި ވެސް އޭނާ ކުޅެފައި ވެއެވެ.

"އަހަރެން އަދި ކޯޗަކާއި (އެމެރީ) ވާހަކައެއް ނުދައްކަން، ނަމަވެސް އަހަންނަށް ހީވަނީ މިހާރު މިއީ އާސެނަލް އަށް ވަރަށް އުފާވެރި ދުވަސްކޮޅެއް ކަމަށް، އަހަރެން މިހުރީ އަނބުރާ ކްލަބާއި ގުޅެން ކެތް މަދުވެފައި" ރެމްސީ ބުންޏެވެ.