މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ދެވަނަބުރާއި ގާތަށް މަސްއޮޑި ޓައިޓަންސް ޖެހިލައިފިއެވެ.

މުބާޜާތުގެ ގްރޫޕް ގައި ހިމެނޭ މަސްއޮޑި ޓައިޓަންސް ދެވަނަބުރާއި ގާތަށް ޖެހިލީ މުބާރާތުގައި އެ ޓީމު ކުޅުނު ދެވަނަ މެޗުގައި އައެޖީ އެފްސީ 7-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މަސްއޮޑި ޓައިޓަންސް އާއި އައެޖީ ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގައި މަސްއޮޑި ޓައިޓަންސް ޓީމަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ވިލްފް، އަހުނަފް ރަޝީދު އަދި އިބްރާހިމް ރިމާހު އެވެ. މީގެތެރއިން މުހައްމަދު ވިލްފް އާއި އަހުނަފް ރަޝީދު، މިއިން ކޮންމެ ކުޅުންތެރިއަކު ތިން ގޯލުޖަހާ ހެޓްރިކެއް ފުރިހަމަކުރި އެވެ. އައެޖީ އެފްސީއަށް މި މެޗުގައި ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިއަކީ އަބްދުލް ސަމީއު ހަސަން އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަސްއޮޑި ޓައިޓަންސްގެ މުހައްމަދު ވިލްފް އެވެ. މިއީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު އޭނާ ހޯދި ދެވަނަ މެޗެވެ.

މި ނަތީޖާއާއެކު އެ ޓީމު އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ބުރު ސްޕޯޓްސް ކުލަބެވެ. އެއީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުވެ، އެއް މެޗުން މޮޅުވެގެންނެވެ. ތިންވަނައިގައި ބޫޗީޒް އޮތީ އެއް ޕޮއިންޓާއެކު އެވެ. އަދި ފުލުގައި އައެޖީ އޮތީ ޕޮއިންޓެއް ނުލިބިއެވެ.

މި ގްރޫޕުގެ ފަހު މެޗުގައި މަސްއޮޑި ޓައިޓަންސް ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކުލަބާއެވެ. އަދި ބޫޗީޒް ބައްދަލުކުރާނީ އައެޖީ އެފްސީއާއެވެ. މި ދެ މެޗުވެސް ކުޅޭނީ މިމަހުގެ 28 ގައެވެ.

މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތައް

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.