މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް ސީގެ އެއްވަނަ މަޤާމާއެކު ސްކޮޑްރާ ސްޕޯޓްސް ކުލަބު މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ދެވަނަބުރަށް އެ ޓީމު ދަތުރުކުރީ ގްރޫޕްސްޓޭޖުގައި އެ ޓީމު ކުޅުނު ފަހު މެޗުގައި ބޮންގް ބޮއިސްގެ 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި ނަތީޖާއާއެކު ސްކޮޑްރާ ދެވަނަބުރަށް ދިޔައީ ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްގެންނެވެ.

މި ނަތީޖާއާއެކު ބޮންގް ބޮއިސް ވަނީ މުބާރާތުން ކަޓާފައެވެ. އެ ޓީމު މުބާރާތުން ކެޓީ ކުޅުނު ތިން މެޗުންވެސް ބަލިވެގެންނެވެ. މި ގްރޫޕުން ދެން ދެވަނަބުރަށް ދަތުރުކުރާނެ ޓީމެއް ޔަގީންވާނީ މި ގްރޫޕުގެ ފަހު މެޗުގައި ވީކޭ އާއި ދަ ގޯޅި ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.

ސްކޮޑްރާ އާއި ބޮންގް ބޮއިސް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގައި ސްކޮޑްރާ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހަމްދޫން އަހުމަދާއި އަބްދުﷲ ސިނާން އެވެ. މީގެތެރެއިން ސިނާން ވަނީ ދެ ލަނޑު ޖަހާފައެވެ. ބޮންގް ބޮއިސް ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ޝަރަފުއްދީން އަބްދުﷲ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކޮޑްރާ ސްޕޯޓްސް ކުލަބުގެ ޒައިދާން އަހުމަދެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.