ކެރިއަރު ނިންމާލުމުގެ ކުރިން ޗެލްސީއަށް ކުޅެން ބޭނުންވާ ކަމަށް ޗައިނާ ލީގަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު އޮސްކާ ބުނެފިއެވެ.

ކުރިން ޗެލްސީއަށް ކުޅުނު ބްރެޒިލްގެ އުއްމީދީ މިޑްފީލްޑަރ އެ ކުލަބުގައި ހޭދަކޮށްފައިވަނީ 2012 އިން ފެށިގެން 2017 ގެ ނިޔަލަށެވެ. އޭނާ އެ ކުލަބުގައި ހޭދަކުރި މުއްދަތުގައި ވަނީ ދެ ޕްރިމިއަރ ލީގު ޗެލްސީއަށް ލިބިފައެވެ. އަދި އިނގިރޭސި ކަޕް އާއި ޔުރޮޕާ ލީގެއް ކާމިޔާބުކޮށްފައިވެއެވެ. އޮސްކާ ވަނީ ޗެލްސީއަށް ޖުމްލަ 203 މެޗުގައި ކުޅެދީފައެވެ. އަދި ޖުމްލަ 38 ގޯލު އޭނާ ޗެލްސީގައި ޖަހާފައިވެއެވެ.

ޗައިނާގެ ޝެންހާއިއަށް އޭނާ ބަދަލުވީ 2017 ވަނަ އަހަރު އޭރުގެ ރެކޯޑު އަގެއް ކަމަށްވާ 60 މިލިއަން ޕައުންޑަށެވެ. އޭނާ ޗައިނާ ލީގަށް ބަދަލުވާން ބޭނުންވި ސަބަބެއްގެ ގޮތުގައި ބުނީ އޭނަގެ ބައްޕަ މަރުވުމާ ގުޅިގެން މަންމަ އާއި އެއްބަނޑު އެންމެންގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން ކަމަށެވެ. އަދި ދަނޑިވަޅު އައުމުން އެނބުރި ޗެލްސީއަށް ދިއުމަކީ އެންމެ ބޭނުންވާ ގޮތް ކަމަށްވެސް އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ޗައިނާ ދޫކޮށްލުމުގެ ހިޔާލު ނުގެންގުޅޭ ކަމަށާއި އެ ގައުމުގައި އޭނާއަށް ހާއްސަ ޕްރޮޖެކްޓެއް އެބައޮތް ކަމަށެވެ. ނަމަވެސް ކެރިއަރު ނިންމާލަން ބޭނުންވަނީ ޗެލްސީގައި ކަމަށްވެސް އޮސްކާ ތަކުރާރުކޮށް އެ ގައުމުގެ މީޑިއާތަކުގައި ވާހަކަދައްކަމުން ބުނެފައިވެއެވެ.

"އަހަރެންގެ ޅަ އުމުރުގައި ޗެލްސީއަށް ބަދަލުވުން ވެގެންދިޔައީ ތަފާތު ކަމަކަށް، އޭރު ގިނަ ބަޔަކު ބްރެޒިލްގެ ކުޅުންތެރިންނަށް އިތުބާރެއް ނުކުރޭ، އަހަރެން އެކަން ބަދަލުކުރަން މަސައްކަތްކުރިން، އަދިވެސް އަހަރެންގެ ހިތް ބުނޭ އެ ކުލަބުގައި ކުޅެފިނަމަ އަދިވެސް އޭރުގެ ކުޅުން ދެއްކިދާނޭ، ވަރަށް ރަނގަޅަށް ކުޅެވުނު ޗެލްސީގައި ކުޅުނު ދުވަސްވަރު" ޗެލްސީގެ ހަނދާންތައް އާކުރަމުން އޮސްކާ ބުންޏެވެ.

ޗެލްސީގެ އިތުރަށް ބްރެޒިލްގެ ގައުމީ ޓީމަށް އަނެއްކާވެސް ކުޅުމަކީ އޮސްކާގެ ބޮޑު ހުވަފެނެކެވެ. އޮސްކާއަށް 2015 ގެ ފަހުން ބްރެޒިލްގެ ގައުމީ ޓީމުގައި ކުޅުމުގެ ފުރުސަތު ލިބިފައެއްނުވެއެވެ. ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނު މެޗުތަކުން އޭނާ ވަނީ 12 ގޯލު ޖަހާފައެވެ.