ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ކޮޕަ ޑެލްރޭ ފުޓުބޯޅަ މުބާރާތުގެ ދެވަނަބުރުގައި ރަޔޯ ވަޔޮކާނޯ ކޮޅަށް ޖެހި ގޯލާއެކު މޮޅުވެ ބާސާ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

ވަޔޮކާނޯގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯނާ ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ހުރިހާ ގޯލެއްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގެ ތެރޭގައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވަޔޮކާނޯ އިންނެވެ. މި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރެންސިސްކޯ ގާސިއާ އެވެ. މި ލަނޑަށްފަހު ބާސާގެ ކުޅުމަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން ޖޯޑީ އަލްބާ އާއި އޮސްމަން ޑެމްޕެލޭ ކުޅެން ނެރުނެވެ. ކުޅުމުގެ ވައްޓަފާޅިއަށް ގެނައި މި ބަދަލާއެކު މާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 69 ވަނަ މިނެޓުގައި ބާސާއިން ނަތީޖާ ހަމަހަމަކުރި އެވެ.

އެންޓޮއިން ގްރީޒްމަންގެ އެހީތެރިކަމާއެކު ބާސާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީ އެވެ. ބާސާގެ ދެވަނަ ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ ކުޅުން ނިމެން ދިހަ މިނެޓަށްވެފައި ވަނިކޮށެވެ. ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިން ކުޅުންތެރިއަކީ ފްރެންކީ ޑި ޔޮން އެވެ.

ސަސްޕެންޝަނަށް ފަހު މެސީ އެނބުރި ކުޅުމުގެ ތެރެއަށް އައީ ދެ މެޗު ނުކުޅެ ހުރުމަށްފަހު އެވެ. މިއީ ބަސެލޯނާގެ ޖާރޒީގައި މެސީއަށް ދެއްކި ފުރަތަމަ ރަތް ކާޑުކަން ފާހަގަކޮށްލެވެއެވެ.

ބާސެލޯނާ އަކީ މި މުބާރާތް 30 ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެކެވެ. ކޮޕަ ޑެލްރޭ އަކީ މި ސީޒަނުގައި ބާސާއަށް ކާމިޔާބުކުރެވިދާނެ ކަމަށް ބެލެވޭ އެއް ތައްޓެވެ. ލީގުގައި އެ ޓީމު އޮތީ ތަންކޮޅެއް ފަހަތުގައެވެ. އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދިހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.