ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ހޯދި މޮޅާއެކު ކުލަބް އީގަލްސްއިން ދެ ވަނަބުރުގެ ފެށުން ރަނގަޅުކުރި އިރު، ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ތާވަލުގެ ދެ ވަނައަށް ޖެހިލައިފިއެވެ.

މުބާރާތުގައި ކުލަބް އީގަލްސް ކުޅުނު މެޗުން އެ ޓީމު މޮޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޔުނައިޓެޑް ވިކްޓްރީ 2-3ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މޮޅާއެކު ކުލަބް އީގަލްސް އޮތީ ކުޅުނު އަށް މެޗުން ލިބުނު އަށް ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑް ވިކްޓްރީންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ޔުނައިޓެޑް ވިކްޓްރީއަށް މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އަހުމަދު ނިޒާމް (ނިޒާމްބެ)އެވެ.

ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. ދެވަނަ ހާފުގައި އީގަލްސްއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 51 ވަނަ މިނިޓްގައެވެ. ނާއިމް ނަގައި ދިން ކޯނަރަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހިސާމް ސަލީމް (ކޮކީ) އެވެ.

ކުލަބް އީގަލްސްއިން މި މެޗުގައި ލީޑު ނަގާފައިވަނީ 61 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިމް އެވެ. މެޗުގައި ކުލަބް އީގަލްސްއިން ލީޑު ފުޅާކުރި ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮސާމާ އަންބާރު އެވެ. ޓީސީގެ ދެވަނަ ލަނޑު ފެނިގެންގޮސްފައިވަނީ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނަޓޯލީ އެވެ.

ޓީސީއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ޓީސީ ކުޅުނު މެޗުން އެ ޓީމު ބަލިވީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ދަ ގްރާންޑޭ ވަނީ ތާވަލުގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ.

މެޗުގެ ހަތް ވަނަ މިނެޓްގައި ދަ ގްރާންޑޭ އަށް ލީޑު ނަގައިދިނީ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) އެވެ. ޓީސީން އެއްވަރުކުރީ މެޗުގެ 22 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ސެއިން ވިންސެންޓްގެ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް ޖެހި ގޯލުންނެވެ. ދަ ގްރާންޑޭ އަށް ލީޑު ނަގައިދިން ލަނޑު ޖަހާދީފައިވަނީ ސަހާއު އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

މި މެޗުތަކަށްފަހު ޕޮއިންޓް ޓޭބަލް އެތުރިފައިވާ ގޮތް