އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން މެންޗެސްޓަ ޔުނައިޓެޑް ބަލިވި މެޗަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިންނަށް ފުރައްސާރަ އާއި ގަނާކުރާ މައްސަލަ ބޮޑުވުމުން މީސް މީޑިއާތައް ހިންގާ ފަރާތްތަކުން އުސޫލުތައް ހަރުކަށިކުރުމަށް އެ ކުލަބުން ގޮވާލައިފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގައި ޝެފީލްޑް އަތުން ޔުނައިޓެޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ޝެފީލްޑް އަށް ވަރަށް މުހިއްމު މޮޅެކެވެ. ޔުނައިޓެޑްގެ މައްޗަށް ޝެފީލްޑް މި ހޯދި ކާމިޔާބީއަކީ މި ލީގުގައި އެޓީމު މިހާތަނަށް ކުޅުނު ވިހި މެޗުން ލިބުނު ދެވަނަ މޮޅެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޝެފީލްޑްއެވެ. މި ލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކީން ބްރަޔަން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ޝެފީލްޑް ލީޑުގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުން ރަނގަޅުކުރަން ވަރަށް މަސައްކަތްކުރިއެވެ. އެގޮތުން ހާފުގެ ކުރީކޮޅު ނަތީޖާ އެއްވަރުކުރުމަށް އެ ޓީމުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އެ ޓީމަށް ނަތީޖާ ހަމަހަމަކުރިއެވެ.

މި ލަނޑަށްފަހު ޔުނައިޓެޑުން ފޯވާޑް ލައިނަށް ބަދަލެއް ގެނައެވެ. މޭސަން ގްރީންވުޑްގެ ބަދަލުގައި އެޑިންސަން ކަވާނީ ކުޅެން އެރުވިއެވެ.

ނަމަވެސް މާބޮޑު ތަފާތެއް އޭނާ އެރުވުމަށް ފަހު ނުފެނުނެވެ. މެޗުން ޝެފީލްޑް މޮޅުވި ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮލިވަ ބާކްއެވެ.

މި މައްސަލައިގައި މެންޗެސްޓަ ޔުނައިޓެޑުން މީސް މީޑިއާތަކަށް ވަނީ މިކަންކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި މީސް މީޑިއާތަކުގައި ޔުނައިޓެޑުގެ ކުޅުންތެރިންނަށް ގަނާ ކުރުން ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުގެ ޓުއަންޒެބޭ އާއި މާޝިއާލް އަށް ބޮޑެތި ބަހުގެ ހަމަލާތަކެއް ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.

މިކަމާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިން ވެސް ވަނީ ޔުނައިޓެޑުގެ ކުޅުންތެރިންގެ ދިފާއުގައި ތެދުވެފައެވެ. އަދި މީސް މީޑިއާގައި އެ ކުޅުންތެރިންގެ ހުރި ހިތްހަމަނުޖެހުންތައް ދަނީ ފާޅުކުރަމުންނެވެ. މީގެތެރޭގައި ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިނޭންޑް ފަދަ ކުޅުންތެރިން ހިމެނެއެވެ. އަދި އެ ޓީމަށް މިހާރު ކުޅެމުން އަންނަ ކުޅުންތެރިންވެސް ހިމެނެއެވެ.

މި މެޗުން މޮޅުވި ނަމަވެސް އަދިވެސް ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައެވެ. އެ ޓީމު ރެލިގޭޝަނުން ސަލާމަތްވާން އިތުރު ދިހަ ޕޮއިންޓު އަދި ބޭނުންވެއެވެ. މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ޔުނައިޓެޑަށް ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު