މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބް އޯވަންއޯ އާއި ވީކޭ ބަައްދަލުކުރަން ޖެހިއްޖެއެވެ.

މި ދެ ޓީމު ކުއާޓާފައިނަލުން ޖާގަ ހޯދާފައިވަނީ ދެވަނަބުރުގައި ކުޅުނު މެޗުތަކުން މޮޅުވެގެންނެވެ. ކުލަބް އޯވަންއޯ ކުޅުނު މެޗުން އެ ޓީމު މޮޅުވީ ޑީސީ އެވެންޖާސް އާއި ވާދަކޮށް 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. އަަދި ވީކޭ މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައިވަނީ ދެވަނަބުރުގެ ހަތަރުވަނަ މެޗުގައި ކޭއެޗް ލަޔަންސް އާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގައި އޯވަންއޯ އާއި ޑީސީ އެވެންޖާސް ބައްދަލުކުރި މެޗުގައި އޯވަންއޯ ޓީމަށް ލަނޑުތައް ޖަހައިދިން ކުޅުންތެރިންނަކީ ޖުމައިލް ޖަމީލް އާއި އިބްރާހިމް އަސްވަދު (ގަބޭ) އާއި އިސްމާއީލް މުނީޒް އަދި އަލީ ޝިފާއު (ރޮނާ) އެވެ. މީގެތެރެއިން ޖުމެއިލް ޖަމީލް ދެ ލަނޑު ޖެހިއިރު ގަބޭ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި މުނީޒް އެއް ލަނޑު ޖެހިއިރު ރޮނާ ވަނީ ތިން ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަބޭ އެވެ.

ކުލަބް އޯވަންއޯ އާއި ޑީސީ އެވެންޖާސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ދެނީ

ކުއާޓާފައިނަލުގެ ޖާގައެއް ވީކޭ ހޯދި މެޗުގައި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ސާމިން މުހައްމަދު ނަސީރެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވީކޭ ގެ ސާމިން މުހައްމަދު ނަސީރެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި މޮޅާއެކު ވީކޭއާއި ކުލަބް އޯވަންއޯ ބައްދަލުކުރާއިރު، މި މެޗު ވަރަށް ވާދަވެރި ވާނެއެވެ. އެއީ މި މުބާރާތުގައި މިހާތަނަށް މި ދެ ޓީމު ނެރެފައިވާ ނަތީޖާތަކާއި ކުޅެފައިވާ ކުޅުމަށް ބަލާފައެވެ.

ކޭއެޗް ލަޔަންސް އާއި ވީކޭ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކުރަނީ

މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގެ ފުރަތަމަ މެޗުގައި ކުލަބް އޯވަންއޯ އާއި ވީކޭ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 20:00 ގައެވެ. މި މެޗު "މަޅި އެމްވީ" ފޭސްބުކް ޕޭޖުން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭންގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.