މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރާނެ ދެ ޓީމަކަށް ރެމްޕޭޖް އާއި ދަ ރޯޔަލްސް ވެއްޖެއެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް ރެމްޕޭޖް ދަތުރުކޮށްފައިވަނީ ދެވަނަބުރުގެ ދެވަނަ މެޗުގައި އެންއެސް ރޯމާ 5-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ދަ ރޯޔަލްސް ކުއާޓާފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ދެވަނަބުރުގެ ތިންވަނަ މެޗުގައި ސްކޮޑްރާ ސްޕޯޓްސް ކުލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 6-8 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ރެމްޕޭޖް މޮޅުވި މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ މުހައްމަދު އިންޝާއު އަހުމަދާއި އަހުމަދު އައިހަމްގެ އިތުރުން ޝިފާޒް އާދިލް އާއި ޖުމާން އެވެ. މީގެތެރެއިން މުހައްމަދު އިންޝާއު އަހުމަދު ދެ ގޯލު ޖަހާފައިވެއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެމްޕޭޖް ޓީމުގެ އަހުމަދު އައިހަމް އެވެ.

ދަ ރޯޔަލްސް އާއި ސްކޮޑްރާ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 3-3 އެވެ. ރޯޔަލްސް ޓީމުގެ ލަނޑުތައް އިސްމާއީލް އަންވާރު އާއި އައްޒާމް އަލިދީދީގެ އިތުރުން މުހައްމަދު އަލާއު ކާމިޔާބުކުރި އިރު ސްކޮޑްރާގެ ލަނޑުތައް ކާމިޔާބުކުރީ ދެ ގޯލު ޖެހި އިސްމާއީލް ނަސީމް އާއި އަބްދުﷲ ސިނާން އެވެ. ފުރިހަމަ ވަގުތު ނަތީޖާ ހަމަހަމަވުމުން ޕެނަލްޓީ ޝޫޓްއައުޓުން ދަ ރޯޔަލްސް ކުރިހޯދީ 5-3 އިންނެވެ.

ޕެނަލްޓީގައި ދަ ރޯޔަލްސްއަށް ލިބުނު ޕެނަލްޓީތައް ކާމިޔާބުކުރީ އިސްމާއީލް އަންވާރު، އަލީ ސައީދު، އައްޒާމު އަލިދީދީ، އާދަމް އައްމާރު، އަދި މުހައްމަދު އަލާއު އެވެ. ސްކޮޑްރާގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިސްމާއީލް ނަސީމް އާއި މޫސާ ހާނިމްގެ އިތުރުން އަބްދުﷲ ސިނާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ރޯޔަލްސްގެ އިސްމާއީލް އަންވާރު އެވެ.

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގެ ދެވަނަ މެޗުގައި ރެމްޕޭޖް އާއި ދަ ރޯޔަލްސް ބައްދަލުކުރާ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 21:00 ގައެވެ. މި މެޗު ކުޅެމުންދާ ވަގުތު "މަޅި އެމްވީ" ފޭސްބުކް ޕޭޖުން ވަގުތުން ފެންނާނެއެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ދެވަނަބުރުގެ ފަހު މެޗުތަކެވެ.

ރައުންޑް އޮފް 16 (30 ޖެނުއަރީ 2021) ގައި ކުޅޭ މެޗުތައް

20:00 - އެފްސީ ޒެފިއާ - ނޮއެނާ

21:00 - ސީކޭ - އާން ދޯ

22:00 - މަސްއޮޑި ސްޕޯޓްސް ކުލަބް - ބޫޗީޒް

23:00 - މަސްއޮޑި ޓައިޓަންސް - ޗިކަންސް ސްޕޯޓްސް ކުލަބް

މުބާރާތުގެ ކުއާޓާފައިނަލްގެ މެޗުތައް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑެވެ. ކުއާޓާ ފައިނަލުން މޮޅުވާ ޓީމުތަކާއެކު މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ފެބްރުއަރީ އެކެއްގައެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ރޭ 21:00 ގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.