ސްޕެނިޝް ލީގުގައި ލެވަންޓޭ އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ތަށި ދިފާއުކުރަން އިތުރު ގޮންޖެހުންތަކަކާޢި ކުރިމަތިލާން ޖެހިއްޖެއެވެ.

ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅުނު މި މެޗުން ލެވަންޓޭ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ރެއާލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ލެވަންޓޭގެ ފަހަތް ފެނުނީ މި މެޗުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރި ތަނެވެ.

މެޗުގެ ބޮޑުބައި ރެއާލް މެޑްރިޑުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗު ފަށައިގެން ނުވަ ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޮ އަށް ދެއްކި ރަތް ކާޑާއި ގުޅިގެން ރެއާލަށް އިތުރު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ފަހުން ގެނައި ބަދަލުތަކާއެކު ރެއާލްގެ ފަހަތް ހަމަޔަކަށް އެޅުވިއެވެ. އަދި ފޯވާޑް ލައިނަށް ބަދަލުތަކެއް ގެނައެވެ.

ރެއާލުން ވަނީ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނަގާފައެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ޓޮނީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް މާކޯ އެސެންސިއޯ އެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ލެވަންޓޭ އިން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޮރާލެސް އެވެ. އޭނާ މި ލަނޑު ޖެހީ މިރަމޮންގެ އެހީއާއެކު އެވެ.

މި މެޗުން ލެވަންޓޭ މޮޅުވި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 76 ވަނަ މިނެޓުގައެވެ. މި ލަނޑު ރޮޖާ ކާމިޔާބުކޮށްފައިވަނީ އެނިސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި ލަނޑަށްފަހު ވެސް ރެއާލަށް ނަތީޖާ ހަމަހަމަކުރާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މި ނަތީޖާއާއެކު ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއީ ކުޅުނު 20 މެޗުން ލިބުނު 40 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 18 މެޗުން ލިބުނު 47 ޕޮއިންޓާއެކު އެވެ. މެޗުން މޮޅުވި ލެވަންޓޭ އޮތީ ކުޅުނު 20 މެޗުން ލިބުނު 26 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ.

ލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން ބާސާއާއި އެތްލެޓިކް ބިލްބާއޯ މިރޭ ދަންވަރު 01:00 ގައި ބައްދަލުކުރާއެވެ. އަދި އެތްލެޓިކޯ މެޑްރިޑާއި ކަޑީޒް މިރޭ 20:15 ގައި ބައްދަލުކުރާނެ އެވެ.