އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ އެގްޒެކުޓިވް ބޯޑުގެ ޑައިރެކްޓަރަކަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިޞަލް އިންތިޚާބުވެވަޑައިގެންފިއެވެ.

އެ މަގާމަށް ފައިޞަލް އިންތިޚާބުވެވަޑައިގަތީ އޭސީސީގެ އެސޯސިއޭޓް މެންބަރު ގައުމުތަކުގެ ތެރެއިންނެވެ. ފައިޞަލް އެ މަގާމަށް ހޮވިވަޑައިގަތީ ހޮނިހިރު ދުވަހު ކުރިއަށްދިޔަ އޭސީސީގެ އަހަރީ އާންމު ޖަލްސާގެ ކުރިން ބޭވުނު އެސޯސިއޭޓް މެންބަރުންގެ ބައްދަލުވުމުގައި، ބައިވެރިވި ހުރިހާ ގައުމެއްގެ ތާއީދާއެކުއެވެ.

ހޮނިހިރު ދުވަހު ބޭއްވި އޭސީސީގެ އަހަރީ އާންމު ޖަލްސާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކްރިކެޓް ބޯޑުގެ ރައީސް ފައިސަލުގެ އިތުރުން ނައިބު ރައީސް އަޙްމަދު ހުސައިނެވެ.

އޭސީސީގެ އެސޯސިއޭޓް މެންބަރުން ގައުމުތަކުގެ ތެރެއިން ޑައިރެކްޓަރަކު އިންތިޚާބުކުރުމުގެ އިތުރުން، ހޮނިހިރު ދުވަހު ވަނީ އޭސީސީގެ ރައީސްގެ މަގާމާއި އިންޑިއާއިން ހަވާލުވެފައެވެ. އޭސީސީގެ ހިންގާ ގަވާއިދުގައި އޮންނަ ގޮތުން އެ އިދާރާގެ ރައީސް ހޮވަނީ ޓެސްޓް ކްރިކެޓް ކުޅޭ ގައުމުތަކުގެ ތެރެއިން ދައުރުވާ ގޮތަށެވެ. އެގޮތުން މިދިޔަ ދައުރުގައި އޭސީސީގެ ރައީސްކަން ކޮށްފައިވަނީ ބަންގްލަދޭޝް އެވެ.

އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.މާލޭ ސްޕޯޓްސް އިން ކްރިކެޓް ބޯޑުގެ ރައީސްކަމަށް ފައިސަލް އިންތިހާބުވެވަޑައިގެންނެވީ އިތުރު ކެންޑިޑޭޓެއް ނެތުމުން ނެގި ފެންނަ ނުފެންނަ ވޯޓުގައި 16 މެންބަރުންގެ ތާއީދާއެކުގައެވެ. ނައިބު ރައީސަކަށް އިންތިޚާބުވެ ވަޑައިގަތީ އަޙްމަދު ހުސެއިން (ކުޑަދޮނާ) އެވެ.

މީގެ ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް އަދާކުރައްވާފައިވާ ފައިޞަލް އެ އިދާރާއާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީން ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް "ޕްލޭން 120" ގެ ނަމުގައި ކުރު މުއްދަތުގެ ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.