އިނގިރޭސި ޕްރިމިއަ ލީގުގައި އާސެނަލް އަތުން ލަނޑެއް ނުޖެހި އެއްވަރުވި މެޗާއެކު މެންޗެސްޓަ ޔުނައިޓެޑުގެ ކުލަބް ރެކޯޑެއް މުގުރާލައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުން އެއްވަރުވި ނަމަވެސް ޔުނައިޓެޑުން ވަނ ރަށުންބޭރުގައި ބަލިނުވެ 18 މެޗު ފުރިހަމަކޮށްފައެވެ. މިއީ ޔުނައިޓެޑުގެ އެންމެ ވަރުގަދަ ދުވަސްވަރު ކަމަށްވާ 1999 ވަނަ އަހަރަށްފަހު މި ރެކޯޑު އާކުރި ފުރަތަމަ ފަހަރެވެ. އެފަހަރު ޕްރިމިއަ ލީގާއި އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުވެސް ޔުނައިޓެޑް ކާމިޔާބުކުރިއެވެ.

ޔުނައިޓެޑުގެ ކޯޗު ސޯލްޝެއާ ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް ހީނުކުރާ މެޗުތަކުން ޔުނައިޓެޑުގެ ފަރާތުން ވަރަށް ދަށް ކުޅުން ފެންނަމުންދެއެވެ. ނަމަވެސް ޔުނައިޓެޑުގެ އެންމެ ކާމިޔާބު އެއް ކޯޗު އެލެކްސް ފާގަސަންގެ ދައުރުގައި ހެދި މި ރެކޯޑު މުގުރާލެވުމާއި އެކު މިއީ ސޯލްޝެއާ އަށް ލިބުނު ބޮޑު އުފަލެކެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ މި ސީޒަނުގެ މިހާތަނަށް މެންޗެސްޓަ ޔުނައިޓެޑް އޮތީ ކުޅުނު 21 މެޗުން ލިބުނު 41 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި ވާދަވެރި ސިޓީ އޮތީ އެއް މެޗު މަދުން ކުޅެގެން 44 ޕޮއިންޓާއެކުއެވެ. އާސެނަލް އޮތީ ކުޅުނު 21 މެޗުން ލިބުނު 31 ޕޮއިންޓާ އެކު ތާވަލުގެ ނުވަ ވަނައިގައެވެ.

ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި އެންމެ ބިޒީ ކީޕަރެއްގެ ގޮތުގައި ފާހަގަކުރެވުނީ އާސެނަލްގެ ކީޕަރު ބާން ލެނޯއެވެ. އޭނާ ވަނީ ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ. މި ހާފުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބްރޫނޯ ފެނާންޑޭސް އަށެވެ. ނަމަވެސް އާސެނަލް އަށްވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިކަން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުގައި އާސެނަލް ފެނުނީ ފުރަތަމަ ހާފާއި ހިލާފަށް ވަރުގަދަކޮށެވެ. މި ހާފުގައި އާސެނަލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ލަކަޒޭޓް އަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލު ދަނޑިއާއި އަމާޒުވިއިރު ޔުނައިޓެޑުން އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރީ އެޑިންސަން ކަވާނީއެވެ. މި މެޗުގައި އާސެނަލާއި ދާދިފަހުން ގުޅުނު ނޯވޭގެ ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑް ކުޅެން އެރިއެވެ. ލޯނު އުސޫލުން ރެއާލުން ގެނައި އޮޑެގާޑް އާއެކުއެ އާސެނަލް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮޕްސް

    ތިއަކީ ހަމައެކަނި މެންޗެސްޓަރ ޔުނައިޓަޑަށް އެކަނި މުގުރާލެވުނު ރެކޯޑެއް ނޫން. ހަމަ އެޔާއެކު ވީ. އޭ. ރު ވެސް ތިވަނީ ރަށުން ބޭރުގަ ބަލިނުވެ 18 މެޗުން މޮޅުވެވިފަ. މަރުހަބާ ޔުނައިޓެޑް މަރުހަބާ ވީއޭރު.

    2
    2
  2. ޙަސަަންބެ

    ޙަޖަމްކުރޭ