ހުސްވެފައިވާ ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމަށް ޓޮޓެންހަމް އަށް ކޯޗުކޮށްދެމުންދާ މައުރީސިއޯ ޕޮޗެޓީނޯ ގެންނަން ރެއާލް އިން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ޒައިނުއްދީ ޒިދާން ކުއްލި ގޮތަކަށް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

އިނގިރޭސި އަދި ސްޕެއިންގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ރެއާލް އިން އެ ކްލަބުގެ ކޯޗުކަމުގެ މަގާމަށް ގެންނަން ދެން އެންމެ ބޭނުންވަނީ ޕޮޗެޓީނޯއެވެ. އެގޮތުން ޕޮޗެޓީނޯ އަކީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަށް ވަރަށް ކުރީއްސުރެން ފެށިގެން ކަމުދާ ކޯޗެއްކަމަށް ވެސް ރިޕޯޓުތަށް ބުނެއެވެ.

ނަމަވެސް އޭނާ ގެނައުމަކީ ރެއާލް އަށް ކުރަން ވަރަށް އުނދަގޫވާނެ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޕޮޗެޓީނޯ ވަނީ ދާދިފަހުން ޓޮޓެންހަމްގެ ކޮންޓްރެކްޓު ވެސް އާކޮށްފައެވެ.

ޕޮޗެޓީނޯ ރެއާލް އަށް ގެންނަން އުޅޭ ވާހަކަ ދެކެވެމުން އަންނައިރު އިއްޔެ ސްޕެއިންގެ ބާސެލޯނާގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްގައި އޭނާ ހުރީ އުފަލުން ކަމަށް ބުނެފައެވެ.

"އަހަރެން ދާދިފަހުން ޓޮޓެންހަމްގެ ކޮންޓްރެކްޓް ފަސް އަހަރު ދުވަހަށް މިވަނީ އާކޮށްފައި. ޓޮޓެންހަމްގައި މިވަގުތު އަހަރެން މިހުރީ ވަރަށް އުފަލުން. އެކަމަކު ކުރިއަށް ކަންތައްތައް ވާނެ ގޮތެއް ބުނަން އެއްވެސް މީހަކަށް ނޭނގޭނެ" އާޖެންޓީނާ އަށް އުފަން ކޯޗު ބުންޏެވެ.

ޕޮޗެޓީނޯ ޓޮޓެންހަމްގެ ކޯޗުކަމާއި ހަވާލުވީ 2014 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ޓޮޓެންހަމް އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު ޕްރިމިއާ ލީގުގެ ފާއިތުވި ދެ ސީޒަން ވެސް އެ ކްލަބުން ނިންމާލީ ގަދަ ހަތަރެއްގައި އޮވެއެވެ.