މެޗު ނިމެން ވަގުތު ކުޑަތަންވެފައި ވަނިކޮށް ސާމިން މުހައްމަދު ނަސީރު ކާމިޔާބުކޮށްދިން ލަނޑާއެކު "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގައި ކުލަބް އޯވަންއޯ ބަލިކޮށް ވީކޭ ސެމީފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

މި މެޗު ވީކޭ ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ސާމިން މި ލަނޑު ޖެހީ މެޗުގެ ފަހުކޮޅު އޯވަންއޯ ޓީމުގެ ކުޅުންތެރިން ކުރިޔަށް އެރި ދަނޑިވަޅުގައި ހޯދި ބޯޅައަކުން ކުރިޔަށްއަރާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި ކީޕަރު އަތުގައި ޖެހި ވަން ލަނޑެކެވެ. ސާމިން މި ލަނޑު ޖެހިއިރު ކުރިމަތީގައި އޯވަންއޯ ޓީމުގެ ދެތިން ކުޅުންތެރިން ކުރިމަތީގައި ތިއްބެވެ.

ވީކޭ ޓީމުގެ ހާއްޕެ

ދެ ޓީމަށްވެސް މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅު އޯވަންއޯ ޓީމުގެ އަލީ ޝިފާއު (ރޮނާ) އާއި އިސްމާއީލް މުނީޒް އަދި އިބްރާހިމް އަސްވަދު (ގަބޭ) ތަނަވަސްކުރި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން ވީކޭ ޓީމުގައިވެސް ތިބީ އޯވަންއޯ އާއި ދޫދޭނެ ވަރުގެ ކުޅުންތެރިންނެއް ނޫނެވެ. ވީކޭ ޓީމުން ކުރިޔަށް އަރާ ތަނަވަސްކުރާ ފުރުސަތުތަކުގައި އަލީ ހާފިޒް (ހާއްޕެ) ގެ ބޯޅަތައް ފާހަގަކޮށްލެވެއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވީކޭ މޮޅުވި ލަނޑު ޖަހައިދިން ސާމިން އެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ފެބްރުއަރީ އެކެއްގައެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ރޭ 21:00 ގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.