"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާފައިނަލުގައި ދަ ރޯޔަލްސް 3-2 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ރެމްޕޭޖް ހޯދައިފިއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނަގާފައިވަނީ ދަ ރޯޔަލްސް އެވެ. ރެމްޕޭޖް ޓީމުގެ ޝިފާޒް އާދިލް (މަޓާ) އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ރޯޔަލްސްގެ ކީޕަރު ދިފާއުކުރި އިރު ރިބައުންސަށް އެރި ބޯޅަވެސް ކީޕަރު ދިފާއުކުރިއެވެ. އެއާއެކު ރޯޔަލްސް ޓީމުން ކުރިޔަށްއެރި ފުރުސަތުގައި އަރިމަތިން މުހައްމަދު ޒައިން ހުރަސްކުރި ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަލާއު އެވެ.

ނަމަވެސް މި ލަނޑާއެކު ރެމްޕޭޖް ޓީމުން ހިތްވަރު އެލުވައެއް ނުލައެވެ. މި ލަނޑުޖެހިތާ މިނެޓެއްފަހުން ރެމްޕޭޖް ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝިފާޒް އާދިލް (މަޓާ) އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ރެމްޕޭޖް އާޢި ދަ ރޯޔަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފު ދެ ޓީމުންވެސް ފެށީ ވަރުގަދަކޮށެވެ. މެޗު ކާމިޔާބުކޮށް ސެމީފައިނަލުގެ ޖާގައެއް ހޯދަން ދެ ޓީމުންވެސް އިތުރު ހިތްވަރެއްލި ތަން ފެނިގެންދިޔަ އެވެ. މެޗުގައި ދަ ރޯޔަލްސް ޓީމުން ދެވަނަ ފަހަރަށް ލީޑުނެގި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުނަފް ޒާހިރެވެ. އޭގެފަހުން ރެމްޕޭޖް ޓީމުން އިތުރު ހިތްވަރެއް ލިތަން ފެނިގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް މެޗުން ރެމްޕޭޖް މޮޅުވި ލަނޑު އަހުމަދު ވިޖުދާން (ވިޖުއްކޮ) ކާމިޔާބުކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ވިޖުއްކޮ އެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީފައިނަލުގައި ރެމްޕޭޖް ބައްދަލުކުރާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި ނޮއެނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ފެބްރުއަރީ އެކެއްގައެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ރޭ 21:00 ގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.